ޚަބަރު

ހުއްދަނެތި ކޮމްޕިއުޓަރަށް އެކްސެސްވުމާއި، ސައިބަރކްރައިމް ކުށަކަށް ހަދަނީ


ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުމާއި، ސައިބަރކްރައިމާއި ގުޅުންހުރި ޢަމަލުތަކަކީ ކުށެއްކަމަށް ކަނޑައެޅުމަށް ޤާނޫނުލްއުޤޫބާތަށް އިޞްލާހު ހުށައަޅުއްވައިފިއެވެ. މި އިޞްލާހު ހުށައެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒުއެވެ. މިއަދުގެ ޖަލްސާއަށް ވަނީ މި ބިލު ތަޢާރަފްކޮށްފައެވެ. މި ބިލުގައި ސައިބަރކްރައިމްއާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ކުށެއްކަމަށް ކަނޑައަޅާފައިވެއެވެ.

ކުށް ކަމުގައި ކަނޑައެޅުމަށް ބިލުގައި ހުށައަޅާފައިވާ ކަންކަން

* ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން
* އިތުރު ކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން
* ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާ އިންޓަރސެޕްޓްކުރުން
* ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާއަށް އިންޓަރފިއަރކުރުން
* ހުއްދަނެތި ކޮމްޕިއުޓަރ ސިއްޓަމަކަށް އިންޓަރފިއަރކުރުން
* ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން
* ސައިބަރވަޔަލަންސްގެ ޢަމަލުތައް
* ކޮމްޕިއުޓަރާ ގުޅުންހުރި ފޯޖަރީގެ ޢަމަލުތައް
* ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ ޢަމަލުތައް
* ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކަށް އަރައިގަތުމުގެ ޢަމަލުތައް

މި ބިލުގައި ބަޔާންކުރާގޮތުގައި ކޮމްޕިއުޓަރަކަށް ނުވަތަ ޕްރޮގްރާމަކަށް ނުވަތަ ޑޭޓާއަކަށް ނުވަތަ އެއިން އެއްޗެއްގެ ވަކި ބަޔަކަށް އެކްސެސް ހޯދުމަށްޓަކައި ނުވަތަ އެކްސެސްވުމަށް މަގުފަހިކުރުމަށްޓަކައި، ކޮމްޕިއުޓަރ ސިސްޓަމަކުން އެއްވެސް ބާވަތެއްގެ ފަންކްޝަނެއް ހިންގުމަށް، ވަގުތީ ގޮތުން ނުވަތަ އެނޫން ގޮތަކުންވިޔަސް މެދުވެރިވުމަކީ ކުށެއްކަމަށެވެ. އަދި ކުށެއްކުރި މީހަކީ އެހެން ކުށެއް ކުރުމުގެ ނިޔަތުގައި ކަމަށްވާނަމަ ނުވަތަ ކުށް ކުރީ އޭނާ ނުވަތަ އެހެން މީހަކު އެހެން ކުށެއް ކުރުމަށް މަގުފަހިކުރުމަށް ކަމަށްވާނަމަ އެފަދަ މީހަކު އެ ކުރަނީ ކުށެއްކަމަށްވެސް އިޞްލާހުގައިވެއެވެ.

މީގެ އިތުރުން ޓެކްނިކަލްގޮތެއް މެދުވެރިކޮށް ސީދާ ގޮތުގައި ނުވަތަ ނުސީސާ ގޮތުގައި ވަގުތީ ގޮތުން ނުވަތަ އެނޫން ގޮތަކަށްކަމުގައިވިޔަސް ޓްރާންސްމިޝަންތައް އިންޓަރސެޕްޓުކުރުން ނުވަތަ އިންޓަރސެޕްޓުކުރުމަށް މެދުވެރިވުމަކީވެސް ކުށެއްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޢާންމުކޮށް ހުޅުވާނުލައި ކޮމްޕިއުޓަރ ސިސްޓަމަކުން ނުވަތަ ކޮމްޕިއުޓަރ ސިސްޓަމަކަށް ޓްރާންސްމިޓްކުރާ ކޮމްޕިއުޓަރ ޑޭޓާ ނުވަތަ ކޮމްޕިއުޓަރ ސިސްޓަމެއްގެ ތެރޭގައި ޓްރާންސްމިޓްވާ ކޮމްޕިއުޓަރ ޑޭޓާއެއް ޓްރާންސްމިޝަންތައް ނުވަތަ ޢާންމުކޮށް ހުޅުވާނުލައި ކޮމްޕިއުޓަރ ޑޭޓާ އެކުލެވޭ ކޮމްޕިއުޓަރ ސިސްޓަމެއް އިލެކްޓްރޯ-މެގްނެޓިކް އެމިޝަންތަކަކީ ކުށެއްކަމަށްވެސް މި އިޞްލާހުގައިވެއެވެ. އަދި އެ ޢަމަލު ހިންގާފައިވަނީ އެ ޓްރާންސްމިޝަން އިންޓަރސެޕްޓުކުރުމުގެ ހުއްދަ އޭނާއަށް ލިބިފައިނެތް ޙާލަތުގައި އެކަން އެނގިހުރެ އެ ޓްރަންސްމިޝަން އިންޓަރސެޕްޓުކުރުމުގެ ނިޔަތުގައިކަމަށްވާނަމަ އެއީވެސް ކުށެއްކަމަށް ބުނެފައިވެއެވެ.

މުޢިއްޒު ހުށައެޅުއްވި އިޞްލާހުގައި ކޮމްޕިއުޓަރ ސިސްޓަމަކަށް ވަގުތީ ގޮތުން ނުވަތަ އެނޫންގޮތަކުން ވިޔަސް އިންޓަރފިއަރކުރުން ނުވަތަ އިންޓަރފިއަރކުރުމަށް މެދުވެރިކުރުމަކީ ކުށެކެވެ. އެގޮތުންއެ އަމަލު ހިންގާފައިވަނީ އެ ކޮމްޕިއުޓަރ ސިސްޓަމަކަށް އިންޓަރފިއަރކުރުމުގެ ހުއްދަ އެނާއަށް ލިބިފައިނެތް ޙާލަތުގައި އެކަން އެނގިހުރެ އިންޓަރފިއަރެންސެއް ހިންގުމުގެ ނިޔަތުގައި ކަމަށްވުމަކީވެސް ކުށެއްކަމަށް ޤާނޫނުލް އުޤޫބާތުގައި ކަނޑައެޅުމަށް އިޞްލާހުގައިވެއެވެ.

ޤާނޫނުލްއުޤޫބާތަށް ހުށައެޅުއްވި އިޞްލާހުގައި ސައިބަރވަޔަލަންސްގެ ޢަމަލުތަކަކީވެސް ކުށެއްކަމަށް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ.

ސައިބަރވަޔަލަންސްގެ ޢަމަލުތައް

* ކޮމްޕިއުޓަރ ސިސްޓަމެއް މެދުވެރިކޮށް ކުޑަކުދިންގެ އޮރިޔާން ކާޑު ޝާޢިޢުކުރުން
* ކޮމްޕިއުޓަރސިސްޓަމް މެދުވެރިކޮށް ޝާޢިއުކުރުމުގެ ބޭނުމަށްޓަކައި ކުޑަކުދިންގެ އޮރިޔާން ކާޑު އުފެއްދުން
* ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ ކޮމްޕިއުޓަރ ޑޭޓާ ސްޓޯރޭޖް މީޑިއަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑުބެހެއްޓުން


މި އިޞްލާހުގެ ބިލުގައި ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ ޢަމަލުތައްވެސް ކުށެއްކަމަށް ކަނޑައަޅާފައިވެއެވެ. އެގޮތުން ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާއެއް އިންޕުޓްކުރުން ނުވަރަ އޮލްޓަރކުރުން ނުވަތަ ޑިލީޓްކުރުން ނުވަތަ ސަޕްރެސްކުރުން ނުވަތަ ކޮމްޕިއުޓަރ ސިސްޓަމެއްގެ ފަންކުޝަންކުރުމަށް އެއްވެސް ބާވަތެއްގެ އިންޓަރފިއަރެންސެއް ހިންގުމާއެކު އޭގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބުމަށް މެދުވެރިކުރުމަކީވެސް ކުށެއްކަމަށް ބުނެފައިވެއެވެ. އަދި އެ ޢަމަލު ހިންގާފައިވަނީ ހުއްދަނޫން އިޤްތިޞާދީ ފައިދާއެއް ނުވަތަ އަގުކުރެވޭ ނުހައްގު މަންފާއެއް އޭނާއަށް ނުވަތަ އެހެން މީހަކަށް ހޯދުމުގެ މަކަރުވެރި ނިޔަތުގައި ނުވަތަ ނުރަނގަޅު ނިޔަތުގައިކަމަށް ވުމަކީވެސް ކުށެއްކަމަށް ޤާނޫނުލް އުޤޫބާތަށް ހުށައެޅުއްވި އިޞްލާހުގައިވެއެވެ. މީގެ އިތުރުން އެނގިހުރެ ކޮމްޕިއުޓަރ ސިސްޓަމެއް މެދުވެރިކޮށް ކޮޕީރައިޓާއި، އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ޤާނޫނުގެ ދަށުން ހިމާޔަތް ލިބިދީފައިވާ ހައްގަކަށް އަރައިގެންފިމީހާ އެކުރަނީ ކުށެއްކަމަށްވެސް ބުނެފައިވެއެވެ.

މި ބިލުގައި ބަޔާންކުރާ ކުށަކަށް އަރައިގެންފިނަމަ އަހަރަކަށްވުރެ ގިނަ ދުވަހަށް ޖަލަށް ލެވޭގޮތަށްވެސް ކަނޑައަޅާފައިވެއެވެ.

ސައިބަރކްރައިމްގެ ޢމަލުތައް ކުށެއްކަމަށް ކަނޑައެޅުމަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ހުށައަޅަފައިވާއިރު، ސައިބަރ ކުށްތައް ހުއްޓުވަން ޚާއްޞަ ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

ސައިބަރ ސްޕޭސް ނުވަތަ އިންޓަނެޓްގެ ޒަރިއްޔާއިން ހިންގާ ކުއްތައް ރާއްޖޭގައިވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން އޮޅުވާލައިގެން މީހުންގެ މަޢުލޫމާތު ހޯދުމާއި، މީހުން އަތުން ފައިސާ ފޭރުމުގެ މައްސަލަތުކުގައި، މިލިއަނުން ރުފިޔާ ނަގަމުންދާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ