 
										
			އދ.ހަންޏާމީދޫގައި ފެނުގެ ޚިދުމަތް ފަށައި، ފުރަތަމަ މަހު ޚިދުމަތަށް އެދޭ ގޭބީސީތަކަށް އެއްޓަނުގެ ފެން ހިލޭ ދިނުމަށް ނިންމައިފިއެވެ. ހަންޏާމީދޫގެ ފެނުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވާދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަތީފާއި، ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމްއެވެ.
ހަންޏާމީދޫގެ ގުދުރަތީ ފެން ފަށަލަ ހަލާކުވުމުގެ ސަބަބުން އެރަށުގެ ރައްޔިތުންމިހާތަނަށް ތިބީ ރައްކާތެރި ބޯފެނުގެ ޙައްގުން މަޙުރޫމްވެފައެވެ. މިމައްސަލައަށް ޙައްލެއް ގެނައުމަށް ޑައިރެކްޓް ނެގޯޝިއޭޝަން އުސޫލުގެ ދަށުން މަސައްކަތް އެމްޑަބްލިއުއެސްސީއާއި ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގައެވެ. 
ހަންޏާމީދުގައި ޤާއިމްކުރި ފެނުގެ ނިޒާމްގެ ޚިދުމަތް ދިނުމުގެ ހުއްދަ ޕްލޭނިން މިނިސްޓްރީން ދިނީ މިިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެރަށަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވަނީ ސްޓެލްކޯއާއެވެ.
		
 
										
			ސްޓެލްކޯއިން ވިދާޅުވީ ފެނުގެ ޚިދުމަތް މިހާރު އެރަށުގެ 170 ގޭބިސީއަކަށް ދިނުމަށް ކަނެކްޝަން ގުޅާފައިވާކަމަށެވެ. އަދި ފެނުގެ ޚިދުމަތަށް އެދި މިހާރު އެދިފައިވާ ފަރާތްތަކާއި، ހިނގަމުން މިދާ ފެބްރުއަރީ މަހުގެ ނިޔަލަށް ޚިދުމަތަށް އެދި ހުށައަޅާ ފަރާތްތަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. 
ފެނުގެ ޚިދުމަތް ދިނުމަށް ހަންޏާމީދޫގައިވަނީ 6 ކިލޯ މީޓަރަށްވުރެ ދިގު ފެންހޮޅީގެ މައި ނެޓްވޯކެއް ޤާއިމުކޮށްފައެވެ. އަދި މިމަޝްރޫޢުގެ ދަށުން އެރަށުގައި އާރުއޯ ޚިދުމަތްދޭނެ ޢިމާރާތާއި، ފެން އުފެއްދުމަށްޓަކައި 2 އާރްއޯ ޕްލާންޓް ބަހައްޓާ، ފެން ރައްކާކުރުމަށް 3 ތާންގީވެސް ވަނީ ބަހައްޓާފައެވެ. 
މިމަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި، ފެން ތަޙުލީލުކުރުމަށް ބޭނުންވާ ސާމާނު އެމްޑަބްލިއުއެސްސީންވަނީ އެރަށަށް ފޯރުކޮށްދީފައެވެ. އަދި މިޚިދުމަތްޓަކައި ތަމްރީންކުރަންޖެހޭ މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްވެސްވަނީ ކޮށްފައެވެ. 
މިއީ ދައުލަތުގެ ބަޖެޓުން 21.65 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންގޮސްފައިވާ މަޝްރޫޢެކެވެ.