އިންތިޚާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުން ކެމްޕެއިން ކުރުމުގައި ރިޝްވަތަށް މަގުފަހިވާގޮތަށް ހިންގާ ކަންކަމާއި، ވަޢުދުތައް ވަކިވާނެ ގޮތަކަށް އިންތިހާބުތަކާބެހޭ އާއްމު ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒެވެ.
މިބިލުގައި އިންތިޚާބަކާއި ގުޅިގެން ކެނޑިޑޭޓަކު އެކެނޑިޑޭޓުގެ އާންމު ތަސައްވަރެއް ނުވަތަ ސިޔާސަތެއް ހާމަކުރާ ކުރުން ފިޔަވައި އެނޫން ގޮތަކަށް ވަކި ފަރުދަކަށް އާންމު ޖަމާއަތަކަށް މަންފާ ވާނޭގޮތަކަށް ސީދާ ގޮތުން ވިޔަސް އަދި ނުސީދާ ގޮތުން ވިޔަސް ފައިސާއާއި އެނޫން އިނާޔަތެއް ދިނުމަކީވެސް ރިޝްވަތުގެ ގޮތުގައި ބަލެވޭނެކަމަށް ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ވަޒީފާގެ ނުފޫޒާއި އެނޫން ކަންކަންވެސް ހިމެނޭކަމަށް މިއިސްލާހުގައި ބުނެފައިވެއެވެ.
ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި އިންތިޚާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅާ މުއްދަތަށް ވަނީ ލުއިތަކެއް ދީފައެވެ. ޤާނޫނުގައި މިހާރު ބުނާގޮތުން ކެނޑިޑޭޓެއްގެ މާލީ ބަޔާން ހުށަހަޅަން ޖެހެނީ އިންތިޚާބު ބާއްވާ ތާރީހުން ފެށިގެން 21 ދުވަހުގެ ތެރޭގައެވެ. ނަމަވެސް މިމުއްދަތު އެއްމަސް ދުވަހަށް އިތުރު ކުރުމަށް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.
މީގެ އިތުރުން ރަސްމީ އިންތިޚާބީ އެޖެންޓު މަރުވުން، އިސްތިއުފާ ދިނުން ނުވަތަ ވަކިކުރުމުން އެކަން އިލެކްޝަނަށް އަންގަންޖެހޭ މުއްދަތަށްވެސް ވަނީ ބަދަލުގެނައުމަށް ނިންމާފައެވެ. ޤާނޫނަށް ހުށަހަޅާފައި އިސްލާހުގައި ވަނީ މިފަދަ ހާލަތެއްގައި ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެކަން އިލެކްޝަނަށް އެންގުމަށް އިސްލާހު ހުށަހަޅާފައެވެ.
ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ވޯޓުލާ މަރުކަޒަކަށް ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު އެއް ޕަސެންޓަށްވުރެ އިތުރުނުވާ އަދަދެއްގެ ވޯޓުކަރުދާސް ފޮނުވަން ވާނެކަމަށް ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ އޮތްއޮތުން ބަދަލުކުރަންވެސް އިސްލާހު ހުށަހަޅާފައިވެއެވެ. އެގޮތުން މަރުކަޒަކަށް ވޯޓު ލުމަށް ރަޖިސްޓްރީ ވެފައިވާ މީހުންގެ އަދަދު 100 މީހުންނަށްވުރެ މަދުނަމަ ގިނަވެގެން އިތުރު އެއްވޯޓު ކަރުދާސް ފޮނުވުމަށް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.
އިލެކްޝަނުން ވަނީ އިލެކްޝަނުން ބާއްވާ އިންތިޚާބުތަކުގައި ވޯޓު ގުނާ ސަރަހައްދާއި ވޯޓުލާ މަރުކަޒުތަކުގައި މޮނިޓާކުރުމަށް ހަރަކާތްތެރިވެވޭނީ އިލެކްޝަނުން ހުއްދަދޭ އަދި ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް ހެދުމަށްވެސް އިސްލާހު ހުށަހަޅާފައެވެ.