ތުރުކީ ވިލާތާއި ސޫރިޔާއަށް އައި ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް "އެއް އުންމަތެކޭމީ"ގެ ނަމުގައި ކުރިއަށް ގެންދާ ފަންޑް ރެއިޒިންގ ކެމްޕޭންގެ ތެރެއިން މާލެ ސަރަހައްދުގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި މިއަދު ފަންޑް ފޮށި ބަހައްޓަން ނިންމައިފިއެވެ.
މި ހަރަކާތުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓުވީޓުގައިވަނީ، ތުރުކީ-ސީރިއާ ބިންހެލުމުގެ ކާރިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ހިންގާ ކެމްޕެއިންގެ ފަންޑް ފޮށިތައް މިއަދު 11:00 އިން މެންދުރު 14:00އަށް ގްރޭޓަރ މާލެ އޭރިއާ ސަރަހައްދުގައި ހުކުރު ކުރާ މިސްކިތްތަކުގައި ހުންނާނެ ކަމަށެވެ.
ތުރުކީ-ސޫރިޔާ ބިންހެލުމުގެ ކާރިސާގައި ޙާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ހިންގެ "އެއް އުންމަތެކޭމީ!" ފަންޑްރައިޒިންގ ކެމްޕޭނުގެ ފަންޑު ފޮށިތައް ހުކުރު ދުވަހުގެ 11:00 އިން މެންދުރު 14:00 އަށް ގްރޭޓާރ މާލެ އޭރިޔާ ސަރަހަށްދުގެ pic.twitter.com/vLdnH8Layv
— Mohamed Shaheem Ali Saeed (@Mohamedshaheem1) February 17, 2023
އަދި ވީހާވެސް ގިނަ ފަރާތްތަކުން މި ހަރަކާތުގައި ބައިވެރިވެ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިވެދެއްވުމަށް ޝަހީމްވަނީ އެދިވަޑައިގެންފައެވެ.
ތުރުކީ- ސޫރިޔާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށްޓަކައި އެއް މިލިޔަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ސަރުކާރުންވެސްވަނީ ނިންމަވާފައެވެ. މަސްދަޅުތައް ފޮނުވުމަށް ހަމަޖެހިފައިވަނީ ސޫރިއާއަށް 5 ލައްކަ އަދި ތުރުކީއަށް 5 ލައްކަ މަސްދަޅު ކޭހެވެ.
މީގެ އިތުރުން ދިވެހި ރެޑް ކްރެސެންޓުންވެސް ހުޅުވާލި ފަންޑަށް 1.9 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.
ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް ދުނިޔޭގެ އެކި ޤައުމުތަކުން މިހާރު ދަނީ ތުރުކީވިލާތާއި ސޫރިޔާއަށް އެހީ ފޮނުވަމުންނެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަލާމަތީ މަސައްކަތްތަކުގައި އެހީތެރިވުމަށް ޓީމުތައް ފޮނުވާފައިވެއެވެ. އަދި އިންޓަރނޭޝަނަލް އެއިޑްސް ކޭމްޕްއިން ވަނީ ތުރުކީއާއި ސޫރިޔާގައި ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީވުމަށް ހުޅުވާލާފައެވެ. އަދި އެ ކޭމްޕްގެ މީހުން މިހާރު އަންނަނީ ތުރުކީގައި ހަރަކާތްތެރިވެ ސިއްހީ ގޮތުންވެސް އެހީތައް ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން މިބިންހެލުންތަކުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސްއިން ވަނީ 200 މިލިޔަން ސްވިސް ފްރެންކްސް އިމަރޖެންސީ އެހީގެ އިލްތިމާސެއްކޮށްފައެވެ.