އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް މެރިން އެއިޑްސް ޓު ނެވިގޭޝަންސް އެންޑް ލައިޓްހައުސް އޮތޯރިޓީސް(އައި.އޭ.އެލް.އޭ) އާއި، އިންޓަރނޭޝަނަލް މޯބައިލް ސެޓްލައިޓް އޯގަނައިޒޭޝަން (އިމްސޯ)ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ މައްސަލަގައި ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. މި ދެ މައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަށެވެ.
ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރާއިބެހޭ ޖަމްޢިއްޔާ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ)ގެ މެންބަރު ޤައުމެކެވެ. އިމްސޯ އުފައްދާފައި ވަނީ 1979 ވަނަ އަހަރު އައި.އެމް.އޯގެ އެހީތެރިކަމާއެކު އެ ޖަމްޢިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
އިމްސޯއިން ކުރާ މައިގަނޑު މަސައްކަތަކީ ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް (ޖީ.އެމް.ޑީ.އެސް.އެސް) އާއި ލޯންގް ރޭންޖު އައިޑެންޓިފިކޭޝަން އެންޑް ޓްރެކިންގ އޮފް ޝިޕްސް (އެލް.އާރު.އައި.ޓީ)ގެ އެންމެހާ ކަންކަން ކުރުމަށް މަގުފަހިކުރުމެވެ. ޖީ.އެމް.ޑީ.އެސް.އެސް އަދި އެލް.އާރު.އައި.ޓީ އަކީ ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރާއިބެހޭ ޖަމްޢިއްޔާ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ)ގެ މުއާހަދާއެއް ކަމުގައިވާ "އިންޓަރނޭޝަނަލް ކޮންވެންޝަން ފޯ ދަ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) 1974" އިން އެކަންކަން މި މުއާހަދާގައި ބައިވެރިވާ ޤައުމުތަކަށް ލާޒިމުކުރާ ކަމެކެވެ. ރާއްޖެއަކީވެސް އައި.އެމް.އޯ އަދި ސޯލާސްގައި ބައިވެރިވެފައިވާ ޤައުމެކެވެ. އަދި އިމްސޯގައި ބައިވެރިވުމަށް އައި.އެމް.އޯ މެންބަރ ސްޓޭޓް އޮޑިޓްގައި ވަނީ ލަފާދީފައެވެ.
އައި.އޭ.އެލް.އޭގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި މެރިޓައިމް ކޮމިއުނިޓީގެ ފައިދާއަށާއި، ކަނޑުގެ ތިމާވެށީގެ ރައްކާތެރިކަމަށް، ކަނޑު އުޅަނދުފަހަރުގައި ބޭނުންކުރާ ވަޞީލަތްތައް ތަރައްޤީކޮށް، ސަލާމަތާއި ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ފަދަގޮތަކަށް ކަންކަން އިންތިޒާމުކުރުން ހިމެނެއެވެ.
މި މުއާހަދާގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކުގެ ތެރޭގައި މުއާހަދާގައި ބައިވެރިވާ ޤައުމުތަކުގެ މެދުގައި މެރިޓައިމް ދާއިރާއިން ގުޅުންބަދަހިވެގެންދިއުމާއި ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ އިތުރަށް ހަރުދަނާވެގެންދިއުން ހިމެނެއެވެ.
މީގެ އިތުރުން އެއިޑްސްޓު ނެވިގޭޝަން، ޚާއްޞަކޮށް ފަރުބައްތިތައް ޒަމާނީ ފެންވަރަށް ގެނައުމަށާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުބައްތިތައް ބެލެހެއްޓޭނެ ގޮތްތަކާއި އަދި ފަރުބައްތީގެ މަޢުލޫމާތު އުޅަނދުފަހަރުން ޓެކްނޮލޮޖީގެ އެހީގައި އެނގޭނެގޮތްތައް ފަހިވެ، މިކަންކަމުގައި ޤައުމުތަކަށް އެހީތެރިކަން ލިބިގެން ދިއުންވެސް މި މުއާހަދާގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކުގެ ތެރޭގައި ހިމެނެއެވެ. އަދި މިއީ ކަނޑުގެ މާޙައުލު ޙިމާޔަތްކޮށް ތިމާވެށި ރައްކާތެރިކުރުމަށް ބާރުއެޅުމަށް އެޅޭ ފިޔަވަޅަކަށް ވެސް ވެގެންދާނެއެވެ.