ކިޔަވާކުދިންނަށް ބުއްދީގެ ހަމައިން ދަލީލު ނެރެން އެނގެން ޖެހޭ ކަމަށާއި އެއީ ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
ޣާޒީ ސްކޫލުގައި އޮތް 97 ވަނަ ފުރާވަރު ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ތިމާއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އަބުރުވެރި އުޅުމެއް އުޅޭނެ ޒުވާނެއްކަމުގައިވުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި ތިމާއަށް ލިބިފައިވާ ބުއްދީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ކޭންޕުން ދަސްވި ކަންތައްތައް އާންމު ދިރިއުޅުމުގައި ފަރިތަ ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ. ނަމަވެސް ކޭންޕުން ދަސްވި އިލްމާއި ހުނަރުތައް އަދި އަޚުލާގީ މިންގަނޑުތައް އެއީ ތިމާގެ ދުވަހީ ކަންތައްތަކެއްގެ ގޮތުގައި އަށަގެންނެވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޮންމެ ކުއްޖަކީ ވެސް އަމިއްލަ ފައިމައްޗަށް ތެދުވެ ފަޚުރުވެރި ދިރިއުޅުމެއް އުޅެވޭނެ ކުއްޖަކަށް ވާން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
" ބައެއް ކަންތައްތައް އަޅުގަނޑުމެންނަށް މިސާލަކަށް ގަޑި ނުޖެހި ސްކޫލަށް ދިޔުން، ގަޑި ނުޖެހި އޮފީހަކަށް ދިއުން. ކޭންޕުން ދިމާވި ހުރިހާކަމެއް ތިމާގެ ހަށިގަނޑުގައި ހަރުލައްވަން ވާނެ. އަދި އެއަށް ތިމާ އަހުލުވެރިވެ ފަރިތަ ވާންވާނެ. " މިނިސްޓަރ ޑރ.އިބްރާހީމް ހަސަން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކަށް ބޯލަނބާ އަޚުލާގު ރަނގަޅު ދަރިވަރުންނަށް ވާންޖެހޭ ކަމަށެވެ.
"އަބަދުވެސް ހެދިފައިހުރި ގާނޫނުތަކަށް ބޯލަނބަންވާނެ. ގަވައިދުތަކަށް އިހުތިރާމްކުރަން ވާނެ. އަދި އުސޫލުތަކަށް ތަބާވާންވާނެ. އޭރުން މުޖުތަމައުގައި ހަމަޖެހުން އޮންނާނީ. އޭރުން އެކަކު އަނެކަކަށް ގުޅިގެން އެކުވެރިކަމާއެކު އުޅެވޭނީ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާވެފައިވާއިރު މިސަރުކާރުން ސްކޮލަޝިޕްގެ ގިނަ ފުރުސަތުތަކެއް ހުޅުވާލާފައިވާ ކަމަށާއި އެ ސްކޮލަޝިޕްތަކަށް ޝަރުތުހަމަވާނީ އޭލެވެލް ނިންމާ ދަރިވަރުންނަށްކަމަށެވެ. އޭލެވެލް ހަދާ ކޮންމެ ދަރިވަރަކަށް ދުނިޔޭގެ ކޮންމެ ތަނެއްގެ ޔުނިވަރސިޓީއަކަށްވެސް ވަނުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ. އެހެންކަމުން ކިޔެވުމުގެ ދޮރުތައް ހުޅުވިފައިވާ ޒަމާނެއްގައި އިލްމު ހޯދުމާއި ދޭތެރޭގައި އަބަދުވެސް ޝައުގުވެރިވާންވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.