 
										
			އައްޑޫ ސިޓީގެ ހިތަދޫ ޒިޔާރަތް ފަންނުން ގިރަމުންދާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. 
އެމްޓީސީސީން އަންނަނީ މިމަޝްރޫޢުގެ އިތުރުން އެސަރަޙައްދުގެ ރައްޔިތުން މޫދަށް އެރިލާނެ ސަރަޙައްދެއްވެސް ތަރައްޤީކުރަމުންނެވެ. 
އައްޑޫ ސިޓީ ހިތަދޫގެ ޒިޔާރަތް ފަންނުގެ ގޮނޑުދޮށް ގިރަމުންދިޔުމުގެ މައްސަލައަކީ އެސަރަޙައްދުގައި ދިރިއުޅޭ ޢާއްމުންނަށް ކުރިމަތިވެފައިވާ ބޮޑު ބިރުވެރިކަމެކެވެ. ރާޅު ބޮޑުވާ ދުވަސްވަރު އެސަރަޙައްދުގައި ހުންނަ ގިނަ ގޭބިސީތަކުގެ މީހުންނަށް ހަމަނިދި ނުލިބެއެވެ. ރަށުގެ ގޮނޑުދޮށުން ބޮޑުބައެއް ގިރައިގެން ގޮސްފައިވާއިރު މީހުން ދިރިއުޅޭ ގޭގެ ފާރަށް ރާޅު ޖަހާހިސާބަށް މިމައްސަލަވަނީ ކުރިމަތިވެފައެވެ. މިކަމަށް ޙައްލެއް ގެނައުމަށް އެސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުންވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. 
މިމަސައްކަތް ކުރިއަށް ދާގޮތް ބައްލަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިމަޝްރޫޢުގެ ދަށުން ގިރަމުންދާ ސަރަޙައްދުގެ ބޭރަށްވާނެހެން ވެލިއަޅައިގެން ހިއްކާ އަދި ޖިއޯ ބޭގްޖެހުމުގެ މަސައްކަތް ކޮށްފައިވާކަމަށެވެ. މިސަރަހައްދަކީ ރާޅު ބޮޑު ސަރަޙައްދެއްކަމުން މަސައްކަތް ކުރުމުގައި ގިނަ ގޮންޖެހުން ކުރިމަތިވީކަން އާޒިމް ފާހަގަކުރެއްވިއެވެ. 
		
 
										 
										 
										
			
"ފުދޭވަރަކަށް ވަރުގަދަ ޕްރޮޓެކްޝަނެއް މިރަށުގައި މިލަނީ. ރާޅު ގަދަ ސަރަޙައްދެއްކަމުން ލާނީމި. މިސަރަޙައްދުގެ މީހުން މޫދަށް އެރޭނެ ސަރަޙައްދެއްވެސް ތަރައްޤީކުރަންވަނީ ހަމަޖެހިފައި. އެއީވެސް ޗެލެންޖިންގ މަސައްކަތެއް. ޚާއްސަ އިކުއިޕްމަންޓްތަކެއް ބޭނުންވޭ މިމަސައްކަތްކުރަން." އާޒިމް ވިދާޅުވިއެވެ. 
އައްޑޫ ސިޓީ ހިތަދޫ ޒިޔާރަތް ފަންނުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މިމަޝްރޫޢުގެ ދަށުން އެސަރަޙައްދުގެ 6891 ކިއުބިކް މީޓަރުގެ ސަރަޙައްދަކަށް ވެލި އަޅައި، 975 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދެއް ފުންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 100 މީޓަރުގެ ސަރަޙައްދުގައި ބޭރުތޮށި ލުމާއި، 570 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ޖެހުމަށްވަނީ ހަމަޖެހިފައެވެ. 
މިއީ މޯލްޑިވްސް ގްރީން ފަންޑުން 64.11 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.