އިންސާނީ ތަރައްޤީ ގެނެވޭނީ ހޭލުންތެރި ތަޢުލީމީ ރައްޔިތެއް ބިނާކޮށްގެންކަމަށާއި، ފޮތްތެރި މަޢުލޫމާތު ހޯދާ ދިރާސާކުރާ ބަޔަކު އުފެއްދުމަށް ފެންވަރު ރަނގަޅު ކުތުބުޚާނާއެއް ހުރުން މުހިއްމުކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްގެ އެހީގައި ޤައުމީ ކުތުބުޚާނާ ޒަމާނީ ފެންވަރަށް ބަދަލުކޮށް އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ލިޔުންތެރިންގެ ގުޅުމުގެ ރައީސް، އަދި ދިވެހި ސަރުކާރަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމާއި، ހެރިޓޭޖް މިނިސްޓްރީއާއި ބީއެމްއެލްގެ ފަރާތުން ވަނީ ބައިވެރިވެފައެވެ.
ޤައުމީ ކުތުބުޚާނާ ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ކުރެވުނު މަސައްކަތްތައް ނިންމާ އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ ޤައުމުގެ ދެމެހެއްޓެނިވި ތަރައްޤީގެ ވާހަކަދައްކާއިރު، އިޤްތިޞާދީ ތަރައްޤީއެކޭ އެއްވަރަށް އިންސާނީ ތަރައްޤީވެސް މުހިއްމު ދައުރެއް އަދާކުރާކަމަށެވެ. އަދި އިންސާނީ ތަރައްޤީ ގެނެވޭނީ ހޭލުންތެރި ތަޢުލީމީ ރައްޔިތެއް ބިނާކޮށްގެންކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
"ޤައުމުގެ ދެމެހެއްޓެނިވި ތަރައްޤީގެ ވާހަކަދައްކާއިރު ތަރައްޤީގައި އިޤްތިޞާދުގެ ތަރައްޤީއެކޭ ހަމަ އެއްވަރަކަށް އިންސާނީ ތަރައްޤީވެސް މުހިންމު. އިންސާނީ ތަރައްޤީ ގެނެވޭނީ ހޭލުންތެރި ތަޢުލީމީ ރައްޔިތެއް ބިނާކޮށްގެން. ފޮތްކިޔާ މަޢުލޫމާތު ހޯދާ ދިރާސާކުރާ ޖީލެއް ބިނާކޮށްގެން" މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބެންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް މާކެޓިން ކޮމިއުނިކޭޝަން އަޙުމަދު ޒަރީރު ވިދާޅުވީ، ޤައުމީ ކުތުބުޚާނާގާއި މިކުރެވުނު މަސައްކަތްތަކަކީ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއްކަމަށެވެ.
މި މަސައްކަތުގެ ތެރެއިން މުޅިން އަލަށް ޤާއިމުކުރެވުނު އޯޑިއޯ ބޫތަކީ މިއީ ކުތުބުޚާނާއަށް ގެނެވުނު ބޮޑު ބަދަލެއްކަމަށް ޒަރީރު ވިދާޅުވިއެވެ.
"އެންމެ އެކަށީގެންވާ ތަނެއް ނޫން އެހެން ނަމަވެސް މިއީ ފެށުމެއް. އަޅުގަނޑު ތިބޭފުޅުންނަށް ދޭން ކެރޭ ޔަޤީންކަމަކީ އެތަނުގައި އެހުރި ސެޓަޕްއަކީ ކުރިއަތް އޮތް 6 އަހަރު ތެރޭގަވެސް އޭތި އަނެއްހެން އައުޓްޑޭޓެއް ނުވާނެ" ޒަރީރު ވިދާޅުވިއެވެ.
ބެންކް އޮފް މޯލްޑިވްސްގެ އެހީއާއެކު ޤައުމީ ކުތުބުޚާނާ ތަރައްޤީކޮށް ނިންމާލިއިރު އެތަނުގައި ވަނީ ޒަމާނީ އެތަކެއް ވަސީލަތްތަކެއް ޤާއިމުކޮށްފައެވެ.
އެގޮތުން ގެނައި ބަދަލުތަކުގެ ތެރޭގައި ކުތުބުޚާނާގެ "މައި ރީޑިންގ އޭރިޔާ"ގެ ޑިޒައިންނަށް ބަދަލުތަކެއް ގެނެސް، މާހައުލާގުޅޭ ގޮނޑިއާއި މޭޒު އަދި ބީންބޭގްސް ވަނީ ބަހައްޓާފައެވެ. އަދި ކުތުބުޚާނާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން އިންޓަރނެޓް ބޭނުންކުރުމަށްޓަކާ ފަހުގެ ކޮމްޕިއުޓަރ ސިސްޓަމްތައް ބަހައްޓާފައިވެއެވެ. ކުތުބުޚާނާގެ މަޢުލޫމާތާއި ލިބެންހުރި ފޮތްތަކުގެ މަޢުލޫމާތު ފަސޭހައިން ފޯރުކޮށްދިނުމަށްޓަކާ 65 އިންޗީގެ ޓީވީއެއްވެސް ތަނުގައި ބަހައްޓާފައިވެއެވެ.
މިގެނެވުނު ބަދަލުތަކުގެ ތެރެއިން ޤައުމީ ކުތުބުޚާނާގައި މުޅިން އަލަށް އޯޑިއޯ ބޫތެއްވެސް ވަނީ ޤާއިމުކޮށްފައެވެ. މިއީ ފޮތްތަކަށް އަޑުއެޅުމާއި، ފެނުމުން މަޙުރޫމުވެފައިވާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ބޫތެކެވެ.
ކުރިއާ ޚިލާފަށް ކުތުބުޚާނާއަށް ބޮޑެތި ބަދަލުތަކެއް ގެނެވި ފަސޭހައިން ފޮތް ކިޔަން ތިބެވޭގޮތަށް "ސައިލެންސް ރީޑިންގ އޭރިޔާ" އަދި ރިސަރޗް ރޫމަށްވެސް ބަދަލުތައް ގެނެސްފައިވެއެވެ. އަދި "ކިޔަވަތި ގްރޫޕް ސްޓަޑީ ރޫމް"އާއި "މޭކަރ ސްޕޭސް ރޫމް"ގެވެސް ފްލޯރއަށް ބަދަލުތަކެއް ގެނެސް އައު މޭޒާއި ގޮނޑި ވަނީ ބަހައްޓާފައެވެ.
ޤައުމީ ކުތުބުޚާނާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްވެސް މި ގެނެވުނު ބަދަލުތަކުގެ ތެރެއިން މުހިއްމު މަސައްކަތެއް ވަނީ ކޮށްފައެވެ. އެއީ އެތަނުގައި ފުރަތަމަ ފަހަރަށް ރޭޑިއޯ ފްރީކުއެންސީ އައިޑެންޓިފިކޭޝަން ނުވަތަ އާރް.އެފް.އައި.ޑީ ގޭޓެއް ބެހެއްޓުމެވެ. މީގެ ސަބަބުން ކުތުބުޚާނާގެ ފޮތްތަކުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެވި، އެތަން ބޭނުންކުރާ އާއްމުންނަށްވެސް އިތުރު ޔަޤީންކަމެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން ކުތުބުޚާނާގެ ދުވަސްވީ ލިޔެކިޔުންތައް ފަހަށް ރައްކާކުރުމަށް، އެތަކެތި ޑިޖިޓަލް ފޯމެޓަށް ބަދަލުކުރުމަށްޓަކާ ޚާއްސަ ބުކް ސްކޭނަރއެއްވެސް ވަނީ ބަހައްޓާފައެވެ.