ވިޔަފާރި

އޮތެންޓިކް މޯލްޑިވްސް: 3 އަހަރުތެރޭ 35 މިލިއަނަށްވުރެ ގިނަ ރުފިޔާ


ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީ.ސީ.ސީގެ ދަށުން ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރައަކީ ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމަށް އެ ކުންފުނިން ހިންގާ ފިހާރައެކެވެ. އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބީ.ސީ.ސީއިން ހުޅުވި އޮތެންޓިކް މޯލްޑިވްސް ފިހާރަތަކާއެކު މީގެކުރިން އުފެއްދުންތައް މާކެޓް ނުކުރެވި ތިބި ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުޞަތު ފަހިވެގެން ދިޔައެވެ.

އޮތެންޓިކް މޯލްޑިވްސްއަށް 3 އަހަރުވީއިރު މި ބްރޭންޑްގެ ދަށުން 4 ފިރާހައެއް މިހާރު އަންނަނީ ހިންގަމުންނެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޑިއުޓީ ފްރީގައި ހުންނަ ފިހާރައާއި، ހުޅުމާލޭ ސެންޓްރޯ މޯލްއާއި، މާލެއާއި ކުޑަވިނލިގިލީގެ އިތުރުން ދާދި ފަހުން އެ ކުންފުނިން ކްރޮސްރޯޑްގައި ހުޅުވި ފިހާރައެވެ. އަދި އޮތެންޓިކް މޯލްޑިވްސްގައި ހުންނަ ދިވެހި އުފެއްދުންތައް ޖަޕާނުގެ އެކްސްޓަރނަލް ޓްރޭޑް އޯގަނައިޒޭޝަން، ޖެޓްރޯއާއި ގުޅިގެން ވިއްކުމުގެ މަސައްކަތް މިދިޔަމަހުގެ ތެރޭގައި ވަނީ ފަށާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޑިރެކްޓަރ އޮތެންޓިކް މޯލްޑިވްސް މުޙައްމަދު ޖައުޝަން ވިދާޅުވީ، އޮތެންޓިކް މޯލްޑިވްސް ފުރަތަމަ ފަށައިގަތީ 50 ސަޕްލަޔަރުންނާ އެކުގައިކަމަށެވެ. އެހެންނަމަވެސް 3 އަހަރުވީއިރު މިހާރު 200 އަށްވުރެ ގިނަ ވިޔަފާރިވެރިން އޮތެންޓިކްގެ ފިހާރަތަކުގައި ތަކެތި ވިއްކަމުންދާކަމަށް ޖައުޝަން ވިދާޅުވިއެވެ. އެއީ ގާތްގަނޑަކަށް 2500 އަށްވުރެ ގިނަ ދިވެހި އުފެއްދުންކަން ޖައުޝަން ފާހަގަކުރެއްވިއެވެ.

ޖައުޝަން ވިދާޅުވީ، 3 އަހަރުގެ ތެރޭގައި އޮތެންޓިކް މޯލްޑިވްސްއިން ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް 35 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށެވެ.

"އަޅުގަނޑުމެން 3 އަހަރު ތެރޭގައި 35 މިލިއަނަށްވުރެ ގިނަ ރުފިޔާ 200 އަށްވުރެ ގިނަ ސަޕްލަޔަރުންނަށް ވާނީ ދޫކޮށްފައި. ދިވެހި އިޤްތިޞާދަށް އަދި ކުދި ވިޔަފާރިތަކަށް އޮތެންޓިކް މޯލްޑިވްސްގެ ފަރާތުން ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާނެކަމަށް އަޅުގަނޑުމެން މި ޤަބޫލުކުރަނީ" ޖައުޝަން ވިދާޅުވިއެވެ.

މާލޭގެ އިތުރުން އަތޮޅުތަކުގެ ވިޔަފާރިވެރިންގެ ތަކެތިވެސް އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުގައި އަންނަނީ ވިއްކަމުންނެވެ. އެގޮތުން އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކަށް 40 އަށްވުރެ ގިނަ ރަށުން އުފެއްދުންތައް ފޯރުކޮށްދޭކަމަށް ބީ.ސީ.ސީން ބުނެއެވެ.

އޮތެންޓިކް މޯލްޑިވްސްއިން އަންހެން ވިޔަފާރިވެރިން ކުރިއެރުވުމަށްވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރި ފެށުމާއި، އެ ވިޔަފާރިތައް ކުރިއެރުވުމުގެ މަގު ދަނީ ފަހިކޮށްދެމުންނެވެ.

ބީ.ސީ.ސީއަކީ ރާއްޖޭގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ދަނީ ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ކޮންސަލްޓެންސީ ދިނުމާއި، އެހީތެރިވެ ދިނުމުގެ މަސައްކަތް ހިލޭ ފޯރުކޮށްދެމުންނެވެ.

ބީ.ސީ.ސީއިން އަންނަނީ އަތޮޅުތަކުގެ އެކި ސަރަހައްދުތަކުގައި ބީ.ސީ.ސީގެ ގޮފިތައް ހިންގައި މި ގޮފިތައް މެދުވެރިކޮށް ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އަތޮޅުތަކުގެ 13 ސަރަހައްދެއްގައި އަންނަނީ ބީ.ސީ.ސީގެ ގޮފިތައް ހިންގަމުންނެވެ.