ޚަބަރު

"ހަސީން ދިލްރުބާ"ގެ ދެވަނަ ބައެއް ހަދަނީ


މިދިޔަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހު ނެޓްފްލިކްސް އިން ޕްރިމިއަރ ކުރި ފިލްމު "ހަސީން ދިލްރުބާ" ގެސީކުއަލް އެއް އުފައްދާނެ ކަމަށް އެ ފިލްމްގެ ލީޑް އެކްޓަރު ވިކްރާންތް މާސޭ ބުނެފިއެވެ.

ތާޕްސީ ޕަންނޫ ލީޑް ރޯލުން ފެނުނު "ހަސީން ދިލްރުބާ" ގެ ދެވަނަ ބައެއް އުފައްދަން ނިންމާފައިވާ ކަމަށާއި، އޭގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިކްރާންތް ވަނީ ބުނެފައެވެ. އަދި ދެވަނަ ބައިގައިވެސް ތަފާތު ކަންތައްތަކެއް ފެންނާނެ ކަމަށާއި މިއީ އަނެއްކާވެސް ލިބޭނެ ތަފާތު ތަޖުރިބާއެއް ކަމަށް ވިކްރާންތް ބުންޏެވެ.

އާނަންދު އެލް ރާއީގެ ކަލަ ޔެލޯ ޕްރޮޑަކްޝަނާއި އިރޯސް ގުޅިގެން ގެނެސްދީފައިވާ މާޑާ މިސްޓްރީ "ހަސީން ދިލްރުބާ" ގެ ލީޑް ރޯލުން ތާޕްސީ އާއި ވިކްރާންތް ފެނުނުއިރު، އޭގެ މުހިންމު ރޯލަކުން ހާޝްވަރުދަން ރާނޭވެސް ފެނެއެވެ.

މި ފިލްމުގެ ގެ ޑައިރެކްޓަރަކީ 2014 ވަނަ އަހަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ސިދާތު މަލްހޯތުރާ އާއި ޕަރިނީތީ ޗޯޕްޅާއާ އެކު ގެނެސްދިން ފިލްމު "ހަސީ ތޯ ޕަސީ" ގެ ޑައިރެކްޓަރު ވިނިލް މެތިއުއެވެ.

"ހަސީން ދިލްރުބާ" އަކީ ކަނިކާ ދިލަންގެ ސްކްރިޕްޓަކަށް ހެދި ފިލްމެކެވެ. އޭނާ އަކީ "މަންމަރުޒިޔާ" ގެ އިތުރުން ކަންގަނާ ރަނާވަތުގެ "ޖަޖްމެންޓަލް ހޭ ކިޔާ" އާއި ސާރާ އަލީ ޚާންގެ "ކޭދަރުނާތު" ގެ އިތުރުން ކިއާރާ އަދުވާނީގެ "ގިލްޓީ" ގެ ވެސް ސްކްރީން ރައިޓަރެވެ.

ވިކްރާންތުގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ގޭސްލައިޓް" އާއި "ސެކްޓާ 36" ހިމެނެއެވެ. "ގޭސްލައިޓް" ގައި ވިކްރާންތް އާއެކު ފެންނާނީ ޒުވާން ބަތަލާ ސާރާ އަލީ ޚާނެވެ.