ވިޔަފާރި

މިފްކޯއިން މަސްވެރިންނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށް ތާރީހުގެ ތެރެއަށް


މޯލްޑިވްސް އިންޑަސްޓްރިއަލް ޕިޝަރީޒް ކޮންޕެނީ ލިމިޓެޑް، މިފްކޯއިން މިދިޔަ އަހަރު މަސްވެރިންނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

މިއީ މިފްކޯގެ 12 އަހަރުގެ ތާރީހުގައިވެސް މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކުރި އަހަރެވެ.

މިފްކޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން ނިމިދިޔަ 2022 ވަނަ އަހަރުގެ ތެރޭގައި މިފްކޯއިން ވަނީ މަސްވެރިންގެ އަތުން 63،579 މެޓްރިކް ޓަނުގެ މަސް ގަނެފައެވެ. އަދި މަސްވެރިންނަށް މުޅި ޖުމްލަ 1،039،406،705 (އެއްބިލިއަން ތިރީސް ނުވަ މިލިއަން ހަތަރުލައްކަ ހަހާސް ހަތްސަތޭކަ ފަހެއް) ރުފިޔާ ވަނީ ދޫކޮށްފައެވެ.

2021 ވަނަ އަހަރު މިފްކޯއިން މަސްވެރިންގެ އަތުން ގަނެފައިވަނީ 58،350.31 މެޓްރިކް ޓަނުގެ މަހެވެ. އަދި މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދަކީ 901،786،841 (ނުވަސަތޭކަ އެއް މިލިއަން ހަތްލައްކަ އަށްޑިހަ ހަހާސް އަށްސަތޭކަ ސާޅީސް އެކެއް) ރުފިޔާއެވެ.

2022 ވަނަ އަހަރު ވެފައިވަނީ މިފްކޯގެ 12 އަހަރުގެ ތާރީހުގައި މަސްވެރިންގެ އަތުން އެންމެ ގިނަ މަސްގަނެ އަދި މަސްވެރިންނަށް ފައިސާ ދޫކުރި އަހަރަށެވެ.

2022 ވަނަ އަހަރު ވަކިވަކި މަސްމަހު މަސްގަނެފައިވާ އަދަދު:

• ޖަނަވަރީ - 6،522 މެޓްރިކް ޓަން
• ފެބްރުއަރީ - 5،755 މެޓްރިކް ޓަން
• މާރޗް - 5،129 މެޓްރިކް ޓަން
• އޭޕްރީލް - 7،770 މެޓްރިކް ޓަން
• މެއި - 2،967 މެޓްރިކް ޓަން
• ޖޫން - 3،285 މެޓްރިކް ޓަން
• ޖުލައި - 1،578 މެޓްރިކް ޓަން
• އޮގަސްޓް - 2،638 މެޓްރިކް ޓަން
• ސެޕްޓެމްބަރ – 8،656 މެޓްރިކް ޓަން
• އޮކްޓޯބަރ – 5،624 މެޓްރިކް ޓަން
• ނޮވެމްބަރ – 6،935 މެޓްރިކް ޓަން
• ޑިސެމްބަރ – 6،721 މެޓްރިކް ޓަން

2022 ވަނަ އަހަރު މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދު:

• ޖަނަވަރީ - 99،380،244 ރުފިޔާ
• ފެބްރުއަރީ - 89،841،751 ރުފިޔާ
• މާރޗް - 84،596،532 ރުފިޔާ
• އޭޕްރީލް - 131،295،853 ރުފިޔާ
• މެއި - 49،721،653 ރުފިޔާ
• ޖޫން - 52،491،847 ރުފިޔާ
• ޖުލައި - 24،018،196 ރުފިޔާ
• އޮގަސްޓް - 41،009،249 ރުފިޔާ
• ސެޕްޓެމްބަރ – 144،201،644 ރުފިޔާ
• އޮކްޓޯބަރ – 94،343،152 ރުފިޔާ
• ނޮވެމްބަރ – 116،284،930 ރުފިޔާ
• ޑިސެމްބަރ – 112،221،654 ރުފިޔާ

މިދިޔަ 11 އަހަރު މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދު:

• 2011: 374.29 މިލިއަން ރުފިޔާ
• 2012: 602.25 މިލިއަން ރުފިޔާ
• 2013: 731.84 މިލިއަން ރުފިޔާ
• 2014: 486.32 މިލިއަން ރުފިޔާ
• 2015: 517.79 މިލިއަން ރުފިޔާ
• 2016: 510.64 މިލިއަން ރުފިޔާ
• 2017: 820.72 މިލިއަން ރުފިޔާ
• 2018: 813.12 މިލިއަން ރުފިޔާ
• 2019: 903.76 މިލިއަން ރުފިޔާ
• 2020: 879.41 މިލިއަން ރުފިޔާ
• 2021: 901.78 މިލިއަން ރުފިޔާ

މިފްކޯ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ މިހާރު ކުރަމުންނެވެ. އެގޮތުން ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ޤާއިމުކުރާނެއެވެ. އަދި ރެފްރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީއާއި، މި ކަންކަމާ ގުޅޭ އެހެނިހެން ވަޞީލަތްތައްވެސް ޤާއިމުކުރާން ހިމެނެއެވެ.

މި މަޝްރޫޢުގެ ސަބަބުން މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރަށްވުރެ %48 އިތުރުވެގެން ދާނެއެވެ. އަދި ފްރީޒިންގ ކެޕޭސިޓީ %37 އިތުރުވެގެންދާނެކަން ސަރުކާރުން ހާމަކުރައްވައެވެ. އަދި މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން މަސް ކިރަން މިފްކޯއިން އިތުރު 3 ބޯޓުވެސް ދާދިފަހުން ވަނީ ގަނެފައެވެ.