3 ބާވަތެއްގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލައި އެކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހުޅުވާލައިފިއެވެ.
ލަފާދޭ ކޮމެޓީ އެކުލަވާލަނީ ކަނޑުމަހުގެ މަސްވެރިކަމާއި، ފާނަ މަސްވެރިކަމާއި، ހިބަރު މަސްވެރިކަން މެނޭޖުކުރުމަށް ލަފާދޭ ކޮމިޓީތަކެއް އެކުލަވައިލުމަށްކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
މި 3 މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމެޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ މި މަހު 19 ވަނަ ދުވަހެވެ.
މި ކޮމެޓީތަކަކީ ކަނޑުމަހުގެ މަސްވެރިކަމާއި ފާނަ މަސްވެރިކަމާ އަދި ހިބަރު މަސްވެރިކަން މެނޭޖުކުރުމާ ގުޅޭ ގޮތުން ދާދިފަހުން މިނިސްޓްރީން ހެދި ގަވާއިދުތަކުގެ ދަށުން އުފައްދަން ޖެހޭ ކޮމެޓީތަކެކެވެ.
* ކަނޑުމަހުގެ މަސްވެރިކަންކުރާ މަސްވެރިން ތަމްސީލުކުރާ 3 މަސްވެރިން
* އެކްސްޕޯޓްކުރުމަށް ކަނޑުމަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ މަންދޫބެއް
* ރާއްޖޭގެ ބާޒާރަށް ކަނޑުމަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ މަންދޫބެއް
* ކަމާގުޅޭ ދެ ޖަމިއްޔާއެއްގެ ތަމްސީލުކުރާ 2 މެމްބަރުން
* ފާނައިގެ މަސްވެރިކަން ތަމްސީލުކުރާ 3 މެމްބަރުން
* ފާނަ އެކްސްޕޯޓްކުރާ ފަރާތްތައް ތަމްސީލުކުރާ 2 މަންދޫބުން
* ފާނަ އެކްސްޕޯޓްކުރާ ފަރާތްތައް ތަންސީލްކުރާ 2 މަންދޫބުން
* ހިބަރުގެ މަސްވެރިކަންކުރާ ފަރާތްތައް ތަމްސީލުކުރާ 3 މެމްބަރުން
* ހިބަރުގެ ބާވަތްތައް ޕްރޮސެސްކުރާ ފަރާތްތައް ތަމްސީލުކުރާ 2 މަންދޫބުން
* ކަމާގުޅޭ ޖަމިއްޔާއެއް
ފިޝަރީޒް މިނިސްޓްރީން ބުނީ މި ކޮމިޓީތަކަށް ކުރިމަތިލާ ފަރާތްތަކަކީ ކޮމިޓީގެ މަސްއޫލިއްޔަތުތައް އަދާކުރެވޭ މީހެއް ކަމުގައިވާން ޖެހޭކަމަށެވެ. މި ކޮމެޓީތަކުގެ މައިގަނޑު މަސައްކަތަކީ މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭން ތަންފީޒުކުރެވޭ މިންވަރު ބަލައި އަހަރަކު 1 ފަހަރު މިނިސްޓަރަށް އޭގެ ތަފުސީލު އެރުވުމެވެ.
މީގެއިތުރުން ސަރަހައްދީ ނުވަތަ ބައިނަލްއަޤްވާމީ ފެންވަރުގައި އެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި މެނޭޖްކުރުމަށް އަޅާ ފިޔަވަޅުތައް ޤައުމީ ފެންވަރުގައި ތަންފީޒުކުރުމާއި ގުޅޭގޮތުން މިނިސްޓްރީއަށް ލަފާއެރުވުންވެސް މި ކޮމެޓީގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.