ފްލައި ދުބާއީން އައްޑޫ ސިޓީ ގަމަށް ފަށަން ތައްޔާރުވަމުން އަންނަ ދަތުރުތަކުގެ %60 މިހާރު ބުކްކޮށްފައިވާ ކަމަށް މި ދަތުރުތަކުގެ ރާއްޖޭގެ އެޖެންޓް އިނަރ މޯލްޑިވްސްއިން ބުނެފިއެވެ.
ޔޫއޭއީގެ ބަޖެޓް އެއަރލައިން ފްލައިދުބާއީން އަންނަ މަހުގެ 4 ވަނަ ދުވަހު އައްޑުއަށް ސީދާ ދަތުރުތައް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. އައްޑޫ ސިޓީއަށް ފްލައި ދުބާއީގެ ސީދާ ދަތުރުތައް ފެށުމަށް ނިންމީ ރާއްޖެއިން ބޭރުން މާލެ އައުމަށް ފަހު އައްޑުއަށް ކުރަން ޖެހޭ ދަތުރު ދިގުވުމުގެ ސަބަބުން އެކަން ހައްލުކުރުމުގެ ގޮތުންނެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރާގް ވިދާޅުވީ، ޝެޑިއުލްގައި އޮތްގޮތަށް 4 ފެބްރުއަރީގައި ފްލައިދުބާއީގެ ދަތުރުތައް އައްޑޫއަށް ފަށާނެކަމަށެވެ. އަދި މިދަތުރުތަކުގެ ލުއިފަސޭހަތަކާ ގުޅޭގޮތުން ހުވަދޫ އާއި އައްޑޫގެ ރައްޔިތުންނަށް މައުލޫމާތު ދެމުން އަންނަ ކަމަށް ފިރާގް ވިދާޅުވިއެވެ. އެގޮތުން މިމަހު 11 ގައި ހުވަދޫއާއި ވިލިނގިލީގައި އަދި 12 ވަނަ ދުވަހު މާމެންދޫގައި ފްލައިޓް ޝެޑިއުލްއާއި، އަގުތަކާއި އަދި ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
" 60% ވަރު ވިކިފައި މިހިރީ ގިނަ ފްލައިޓްތަކުގައި. އަހަރުގެ ފެބްރުއަރީއަކީ ސީޒަން ނިމެން ހިފާކޮޅު. ރޫޓް އެސްޓަބްލިޝްވުން ނޫންކަމެއް ފުރަތަމަ ނީންނާނެ. 4 ވަރަކަށް މަސްތެރޭގައި ރަނގަޅަށް އިޝްތިހާރުވެ، ކަނެކްޝަންތައް ލިބި ރިސޯޓްތަކަށްވެސް ރަނގަޅު ބުކިން ލިބެންފަށާނެ." ފިރާގް ވިދާޅުވިއެވެ.
ފްލައި ދުބާއީން އައްޑޫއަށް ކޮންމެ ދުވަހަކު ދަތުރުކުރާނެއެވެ. ފިރާގް ވިދާޅުވީ، މި ފްލައިޓުން ދެވެނީ ހަމައެކަނި ދުބާއީއަށް ނޫންކަމަށެވެ. އެގޮތުން ދުބާއީ މަގުން ބަންގްލަދޭޝް، ނޭޕާލް، ޕާކިސްތާން، އިސްތަންބޫލް، އިޖިޕްޓް ފަދަ ގައުމުތަކަށް ހެޔޮ އަގުގައި ދެވޭނެކަމަށެވެ.
މި ދަތުރުތައް ކުރާނީ ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓުން، ގަން އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. ދުބާއީއަކީ ދަތުރުފަތުރުގެ ހަބަކަށްވުމުން މިއާއެކު ދުނިޔޭގެ 185 ޤައުމަކާއި އައްޑުއާ ގުޅާލަދެއެވެ.
މި ދަތުރުތައް ފަށާތީ މޯލްޑިވިއަންއިން ގަމުން، ކޫއްޑޫއަށް ކަނެކްޝަން ފްލައިޓްތަކެއް އެޅުމަށްވެސް މިހާރު ވަނީ ނިންމާފައެވެ. އެއީ ގަމަށް އަންނަ ފަތުރުވެރިންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށެވެ.