މިދިޔަ އަހަރު އެންމެ ހިނގި އެއް ފިލްމު ކަމަށްވާ "ދަ ކަޝްމީރު ފައިލްސް" ގެ ޑައިރެކްޓަރު ވިވެކް އަގްނިއޯތުރީ ގެ ކުރިއަށް އޮތް ފިލްމު "ދަ ވެކްސިން ވޯ" ގެ ލީޑް ރޯލަށް ކުރީގެ ގިނަ ފިލްމުތަކުން ނެގެޓިވް ރޯލްތަކުން ފެނުނު ނާނާ ޕަޓޭކަރު ހަމަޖައްސައިފިއެވެ.
މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން މަސައްކަތް ފެށި މި ފިލްމުގައި ނާނާ ގެ ކެރެކްޓާއަކީ ވަރަށް މުހިންމު ކެރެކްޓާއެއް ކަމަށާއި، ނާނާވެސް މި ކެރެކްޓާއާއި މެދު ވަރަށް ހިތް ހަމަޖެހޭ ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެއެވެ.
އިންޑިއާގެ ލަކަނޯގައި މިހާރު ޝޫޓިން ކުރިއަށްދާ މި ފިލްމުގައި ނާނާގެ އިތުރުން ވިވެކްގެ އަންހެނުން ޕައްލަވީ ޖޯޝީ ވެސް ފެނިގެންދާނެ ކަމަށާއި، އޭނާ އަނބުރާ ބޮޑު ސްކްރީނަށް އަންނަނީ "ދަ ކަޝްމީރު ފައިލްސް" ގައި ދެއްކި މޮޅު އެކްޓިންއަށް ފަހުގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ދާދި ފަހުން ރިލީޒްކުރި މަދޫރު ބަންޑާކާގެ އިންޑިއާ ލޮކްޑައުން ގައި މުހިންމު ރޯލެއް އަދާކުރި ގޯޕާލް ސިންގް އާއި ކުރީގެ ބަތަލާ ދިވްޔާ ސެތު ވެސް ފިލްމުގެ ކާސްޓުގައި ހިމެނެއެވެ.
ފަސްޓްލުކް ޕޯސްޓަރު ވެސް ދައްކާލާފައިވާ "ދަ ވެކްސިން ވޯ" ބެލުންތެރިންނަށް ގެނެސްދޭނީ އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ އޮގަސްޓް 15 އާ ދިމާކޮށް މިއަހަރުގެ އެ ތާރީޚުގައެވެ. އެ ތާރީޚަކީ އަންނަ އަހަރު ރަންބީރް ކަޕޫރްގެ "އެނިމަލް" ވެސް ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ތާރީޚެވެ.
ހަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ "ދަ ވެކްސިން ވޯ" ގެ ޓެގް ލައިނަކީ "އަ ވޯ ޔޫ ޑިޑިންޓް ނޯ ޔޫ ފޯޓް. އެންޑް ވޮން" އެވެ. ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު އިތުރު ތަފުސީލެއް އަދިއެއް ނެތެވެ. މި ފިލްމުގެ 11 ބަހަކުން ގެނެސްދޭން ވަނީ ހަމަޖެހިފައެވެ.
ނާނާ އެންމެ ފަހުން ފެނިފައިވަނީ 2018 ވަނަ އަހަރު ދެއްކި ރަޖިނީކާންތު ލީޑް ރޯލުން ފެނިގެންދިޔަ ތަމަޅަ ފިލްމު "ކާލާ" އިންނެވެ. 2020 ވަނަ އަހަރު ދެއްކި "އިޓްސް މައި ލައިފް" އާއި މިއަހަރު ދެއްކި "ތަޅްކާ" ޓީވީ އާއި ޑިޖިޓަލް ކޮށް ރިލީޒް ކުރި ނަމަވެސް މިއީ ލަސްވި ޕްރޮޖެކްޓްތަކެކެވެ. ނާނާ މިއަހަރުވެސް 3 ފިލްމަކުން ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
އެއީ ދަ "ވެކްސިން ވޯ" ގެ އިތުރުން އޭނާ ކުޅޭ އަނަންތު ނަރަޔަން މަހާދޭވާން ޑައިރެކްޓްކޮށްފައިވާ "ދަ ކޮންފެޝަން" އާއި 2019 ވަނަ އަހަރު ދެއްކި ބްލޮކްބަސްޓާ ގުޖުރާތީ ފިލްމު "ޗާލް ޖީވީ ލައިޔޭ" ގެ މަރާތީ ރީމޭކް އެވެ.