ޚަބަރު

އެމްއެމްޕީއާރުސީގެ ފައިސާތައް އަނބުރާ ހޯދަން ދައުވާކުރަން ތައްޔާރުވެއްޖެ


މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ކޮރަޕްޝަންގައި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ދައުވާކުރަން ތައްޔާރުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ އެމްއެމްޕީއާރްސީ މައްސަލަ މިހާތަނަށް ކުރިއަށް ގޮސްފައިވާ ގޮތުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލަ ބަލާ އިންސާފު ހޯދުމަކީ ރައީސް ސާލިހުގެ އެންމެ ބޮޑު އެއް ވައުދަށްވާއިރު، މިހާތަނަށް އައި އިރު އެ މައްސަލަ އެންމެ އެކަށީގެންވާގޮތެއްގައި ތަހުގީގުކޮށް ނިންމާފައިނުވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެކަމާއި ގުޅިގެން ރައީސް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް ވައުދު ކަމަށާއި، އެ މައްސަލަ ނުބަލާ ދޫކޮށްނުލާނެ ކަމަށެވެ. އަދި އެ މައްސަލާގައި ދައުލަތަށް ލިބެންޖެހޭ ބަދަލު ހޯދުމުގައި ވެސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެމްއެމްޕީއާރްސީ މައްސަލަ ބަލާ ނިންމުމަށް އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން. އޭޖީ އޮފީހުން ވަރަށް ބާރަށް އެކަން އެބަ ކުރިއަށްގެންދޭ. އަޅުގަނޑު ގަބޫލުކުރަނީ ރަނގަޅު ނަތީޖާތަކެއް ކުރިއަށް އޮތް ހައެއްކަ މަސްތެރޭ ފެނިގެންދާނެ ކަމަށް. ހޯދަން ޖެހޭ ފައިސާ ހޯދުމާއި މިކަމުގައި ޖިނާއީ ކަމެއްވާނަމަ އެކަމެއް ބަލާ ކުރަން ޖެހޭ ކަންކަން އަޅުގަނޑު އޭޖީ އާއި ޕީޖީގެ މަޝްވަރާގެ މަތިން ކުރިއަށްގެންދާނެ." ރައީސް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މައްސަލަ މިހާރު ކުރިއަށް ގޮސްފައިވާ މިންވަރަށް ބަލާއިރު، އެކަމުގައި އެންމެ ބޮޑު ސުވާލެއް އުފެދިފައި ވަނީ އެ ކަމުގެ ތެރެއިން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދިފައި ނުވާތީއެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ސާލިހު ވިދާޅުވީ މިހާރުވެސް އަމިއްލަ ފަރުދުންނާއި ކުންފުނިތަކެއް ހިމެނޭ ގޮތަށް 11 ފަރާތެއްގެ ފަރާތުން ފައިސާ ހޯދުމަށް މަދަނީ ދައުވާތަކެއް ކުރުމަށް އެމްއެމްޕީއާރުސީއަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފޮނުވާފައި އޮންނާނެ ކަމަށެވެ. ނަމަވެސް އެ ކުންފުނިތަކާއި އަމިއްލަ ފަރުދުންނާ ގުޅުންހުރި އިތުރު ތަފްސީލެއް އެމަނިކުފާނު ހިއްސާކުރައްވާފައެއް ނުވެއެވެ.

"ފައިސާ ހޯދުމަށްޓަކާ އޭޖީން މިހާރު ވަނީ އޭގެ ބައެއް މައްސަލަތައް އެމްއެމްޕީއާރްސީއަށް މަދަނީ ކޯޓަށް ހުށަހެޅުމަށް ފޮނުވާފައި." ރައީސް ވިދާޅުވިއެވެ.

މި މައްސަލާގައި ޕީޖީ އޮފީސް މެދުވެރިކޮށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ މިހާތަނަށް 14 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފަސް ފަރާތެއްގެ މައްޗަށް 43 ކަމެއް ކޯޓުގައި ސާބިތުވެފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި 7 ފަރާތަކާއި 2 ކުންފުންޏެއްގެ މައްސަލަ މިހާރު ވެސް ކޯޓުގައި ކުރިއަށްދާއިރު، 53 މައްސަލައެއް އޭސީސީން މިހާރުވެސް ތަހުގީގުކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ތެރެއިން 10 މައްސަލައެއްގައި ދައުވާކުރުމާއި މެދު ގޮތެއް ނިންމުމުގެ މަޝްވަރާތައް ކުރިއަށްދާއިރު 4 މައްސަލައެއް ދައުވާ ކުރެވިދާނެކަމަށް ކަނޑައަޅައި 5 މައްސަލައެއް އަލުން ރިވިއުއަށް ފޮނުވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު އެއް ޚިޔާނާތަށްވާއިރު، އެމައްސަލައިގެ މީގެކުރިން ބައެއް ފަރާތްތަކަށް ވަނީ އަދަބު އައިސްފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުރުން، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށްކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީގުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ. އޭސީސީން މަސައްކަތް ކުރަމުންދަނީ ގެއްލިފައިވާ ނުވަތަ ވަގަށް ނަގާފައިވާ ފައިސަތައް އަބުރާ ދައުލަތަށް ހޯދުމަށެވެ.