ޚަބަރު

ރާއްޖޭގައި އުޅޭ ޑިޕްލޮމެޓުން ނުރައްކަލަށް ހުށަހެޅުނަ ނުދޭނަން: ސަރުކާރު


ރާއްޖޭގައި ހުންނަ އެކި ޤައުމުތަކުގެ އެމްބަސީތަކާއި ހައިކޮމިޝަންތަކުގައި ހަރަކާތްތެރިވަމުން އަންނަ ޑިޕްލޮމެޓުން އެއްވެސް ނުރައްކަލަކަށް ހުށަހެޅުމުގެ ފުރުސަތު ނުދެއްވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއްވައިފިއެވެ.

ސަރުކާރުން މިހެން ބުނެފައި މިވަނީ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އައްބާސް އާދިލް ރިޒާ ގޮވާލާފައިވާތީ އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އިދިކޮޅުގެ ބައެއް ފަރާތްތަކުން މީގެ ކުރިން ވެސްވަނީ އިންޑިއަން އެމްބަސީއާ ގުޅިގެން މިފަދަ ވާހަކަ ދައްކާފައެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވަނީ މިއިންޒާރުދިން މައްސަލަ ސަރުކާރުން ސީރިއަސްކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން ނަގަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަމާ ގުޅޭ އިދާރާތަކުން ނަގާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.

އަދި މިފަދަ އިންޒާރުތައް މެދުވެރިކޮށް ރާއްޖޭގައި އުޅޭ ޑިޕްލޮމެޓުން ނުރައްކަލަކަށް ހުށަހަޅައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމުގެ ޔަގީންކަންވެސްވަނީ އަރުވާފައެވެ.

އައްބާސްގެ މި އިންޒާރު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވެސް ކުށްވެރިކުރައްވާފައިވާއިރު، މިނިސްޓަރ މާރިޔާ ވެސް ވަނީ މިފަދަ ޓެރަރިޒަމްގެ އަމަލުތަކަށް ގޮވާލާމީހުންނާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ. އަދި ވަކިން ޚާއްސަކޮށް އިންޑިއާއަށް ދޭ މިފަދަ އިންޒާރުތައް ބަލައި ނުގަނެވޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މި މައްސަލަ ސަމާލުކަމަށް އައިސް ފުލުހުން މިކަން ބަލަމުން އަންނަ ކަމަށް ފުލުހުން އިއްޔެ ވިދާޅުވެފައިވާއިރު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓުގައި ވަނީ މިކަމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ވިދާޅުވީ ޓެރަރިޒަމަށް ގޮވާލާ މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ތަހުގީގުކުރާނެ މައްސަލަތަކެއް ކަމަށެވެ.

ސީޕީ ހަމީދު ވިދާޅުވީ، ސޯޝަލް މީޑިއާގައި ހަސަދަވެރިކަން ފެތުރުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުން އަންނަ ކަމަށާއި، އެކަންކަން ހުއްޓުވަން ކަމާ ގުޅުންހުރި އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އައްބާސްގެ މި މައްސަލަ ސަރުކާރުން ކުށްވެރިކޮށް، ފުލުހުން އެކަން ބަލާނެ ކަމުގެ ޔަގީންކަން އަރުވާފައިވާއިރު މި މައްސަލަ ބެލުމަށް ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓުން ވެސް ވަނީ ގޮވާލާފައެވެ.