ޚަބަރު

"ކުއްތޭ" ގައި ތާބޫގެ ކެރެކްޓާ ފުރަތަމަ ލިޔުނީ ފިރިހެން އެކްޓަރަކަށް ބިނާކޮށް


ބޮލީވުޑްގެ ބަތަލާ ތާބޫ މިހާރު އަންނަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ދްރިޔަޝަމް 2" ގެ ކާމިޔާބީ ފާހަގަކުރަމުންނެވެ. އަޖޭ ދޭވްގަން އާއި އަކްޝޭ ކަންނާ އަދި ޝްރިޔާ ސަރަން ފެނުނު މި ފިލްމަކީ ބޮކްސް އޮފީހުގެ ހިޓެކެވެ.

"ދްރިޔަޝަމް 2" އަށް ފަހު ތާބޫ ދެން އެންމެ އަވަހަށް ފެންނާނީ ވިޝާލް ބާދުވާޖްގެ ދަރިފުޅު އާސްމާން ބާދުވާޖްގެ ފިލްމު "ކުއްތޭ" އިންނެވެ. ތާބޫގެ އިތުރުން އަރްޖުން ކަޕޫރާއި ކޮންކޯނާ ސެން ޝަރްމާއާއި ރާދިކާ މަދާންއާއި ކުމުދު މިޝްރާ އަދި ނަސީރުއްދީން ޝާހް ވެސް މުހިއްމު ރޯލުތަކެއް މި ފިލްމުގައި ކުޅެއެވެ.

އަންނަ މަހު 13 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "ކުއްތޭ" ގެ ޓްރެއިލާ އެއްވެސް މިހާރު ވަނީ އާންމުކޮށްފައެވެ.


ޓްރެއިލާ ލޯންޗްކުރި ހަފްލާގައި ވިޝާލް އާއިއެކު ވަރަށް ގިނަ ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ ތާބޫ ބުނިގޮތުގައި އާސްމާނުގެ މި ފިލްމަކީ ބައްޕަ ވިޝާލްގެ ފިލްމުތަކާއި ވަރަށް ތަފާތު ފިލްމެކެވެ. އަދި އާސްމާނަކީ މޮޅަށް ފިލްމު އުފައްދާ މީހެއް ކަމަށްވެސް ތާބޫ ބުންޏެވެ. މި ފިލްމުގައި އޭނާ ކުޅޭ ރޯލު ތަފާތު ކަމަށާއި، އޭނާގެ ކެރެކްޓާ ފުރަތަމަ ލިޔެފައިވަނީ ފިރިހެން އެކްޓަރެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް ތާބޫ ބުންޏެވެ.

އާސްމާންގެ ފުރަތަމަ ޑައިރެކްޝަން ކަމަށްވާ "ކުއްތޭ" ގެ ޓްރެއިލާ އިން ފެންނަ ގޮތުގައި މިއީ ބައްޕަ ވިޝާލްގެ ސްޓައިލަށް އާސްމާން ގެނެސްދޭނެ ފިލްމެކެވެ. ވިޝާލް ހަދާފައިވާ ފިލްމުތަކުގެ ތެރޭގައި "ކަމީނޭ" އާއި "ސާތު ހޫ މާފް"، "އޯމްކާރާ" އަދި "ހައިދަރު" ހިމެނެއެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ކޫފިޔާ" އެވެ.

ވިޝާލް އާއި އާސްމާން އެކުގައި ސްކްރީންޕްލޭ ލިޔެފައިވާ މިފިލްމަކީ ވިޝާލްގެ ފިލްމު ކުންފުންޏާއި ޑައިރެކްޓަރު ލަވް ރަންޖަންގެ ލަވް ފިލްމްސްގެ އިތުރުން ބޫޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދޭ އެއްޗެކެވެ.