ޚަބަރު

އަޖޭއާއި ތާބޫގެ "ބޯލާ" އަންނަ މާރިޗުމަހު


މިދިޔަ އޮކްޓޯބަރު މަހު ރިލީޒްކުރި އަޖޭ ދޭވްގަން ލީޑް ރޯލުން ފެނުނު ފެންޓަސީ ކޮމެޑީ ފިލްމު "ތޭންކް ގޯޑް" އެމެޒޯން ޕްރައިމް ވީޑިއޯއަށް ދޫކޮށްލުމަށްފަހު އަޖޭގެ ކުރިއަށް އޮތް އެކްޝަން ޑްރާމާ ފިލްމު "ބޯލާ" ސިނަމާތަކުގައި އަޅުވަން ނިންމައިފިއެވެ.

އަޖޭ ޑައިރެކްޓުކޮށް ކުޅެފައިވާ "ބޯލާ" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ މާރިޗު 30 ގައެވެ. މި ފިލްމު ރިލީޒްކުރާނެ ތާރީޚާއެކު ފިލްމުގެ ޕޯސްޓަރެއްވެސް ވަނީ އާންމުންނަށް ދޫކޮށްލާފައެވެ.

ޝޫޓިން ނިންމައި މިހާރު ޕޯސްޓް ޕްރޮޑަކްޝަންގައި އޮތް ފިލްމުގެ ޓީޒާ ވެސް ވަނީ އާންމުންނަށް ދޫކޮށްލާފައެވެ. "ބޯލާ" ގެ ކާސްޓުގައި ތާބޫއާއި ސަންޖޭ މިޝްރާއާއި ދީޕަކް ދޮބްރިޔާލްވެސް ހިމެނެއެވެ. ކުރިން ވެސް އެކީގައި ކާމިޔާބު ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ އަޖޭ އާއި ތާބޫގެ އެންމެ ފަހުގެ ފިލްމަކީ މިމަހު 16 ގައި ރިލީޒްކުރި "ދުރިޝަމް 2" އެވެ.


އަޖޭ ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރި އޭވިއޭޝަން ތުރިލާ "ރަންވޭ 34" އެވެ.

އަންނަ އަހަރުގެ މާރިޗު 30 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ބޯލާ" އަކީ 2019 ވަނަ އަހަރު ދެއްކި ތަމަޅަ އެކްޝަން ތުރިލާ "ކައިތީ" ގެ ރިމޭކެވެ. ކާތީ ކުޅުނު ފިލްމު ލިޔެ، ޑައިރެކްޓްކުރީ ލޮކޭޝް ކަނަގަރާޖެވެ.

އަޖޭގެ "ތޭންކް ގޯޑް" އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލާފައި ވަނީ މިދިޔަ އޮކްޓޯބަރުގެ މަހުގެ 25 ގައި ސިނަމާތަކުގައި ރިލީޒްކުރުމަށްފަހުގައެވެ. ފިލްމަކީ 6.05 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި 6 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

އިންދަރް ކުމާރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ތަރިންނަކީ އަޖޭގެ އިތުރުން ސިދާތު މަލްއުތުރާގެ އިތުރުން ރަކުލް ޕްރީތު ސިންގް އެވެ. އަދި "ތޭންކް ގޯޑް" ގައި ހިމެނި ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީގެ މަޝްހޫރު ލަވަ "މަނިކެ މަގޭ ހިތޭ" ގެ ހިންދީ ވާޝަން އިން ނޯރާ ފަތުހީ ވެސް ފެނިފައިވެއެވެ.

މަޝްހޫރު ބަތަލާ ކާޖޮލްގެ ފިރިމީހާ ޑައިރެކްޝަނަށް ނުކުތީ 2008 ވަނަ އަހަރު ދެއްކި "ޔޫ މީ އޯރް ހަމް" އިންނެވެ. އަދި އޭގެ ފަހުން 2016 ވަނަ އަހަރު ދެއްކި "ޝިވާއޭ" ޑައިރެކްޓްކުރިއެވެ. އަޖޭ ޑައިރެކްޓްކުރި ހުރިހާ ފިލްމުތަކެއްގެ ވެސް ބަތަލަކީ އޭނާއެވެ.