މޮޅު ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށްގެނެސްދީފައިވާ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފަރ ނޯލަންގެ ކުރިއަށް އޮތް ބަޔޯޕިކް "އޯޕަންހީމާ" އަކީ ބެލުންތެރިން އެންމެ އިންތިޒާރުކުރާ އެއް ފިލްމަށް ވަނީ ވެފައެވެ.
މި ފިލްމަކީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގައި މޭސްތިރިއެއްގެ ގޮތުގައި މަޝްހޫރުވި އެމެރިކާ ތިއަރެޓިކަލް ފިޒިސްޓް ޖޭ ރޮބަޓް އޯޕެންހީމާ އަށް ބިނާކޮށް އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ތެރެއަށް ބެލުތެރިން ގެންގޮސްދޭނެ ފިލްމެކެވެ.
"އޯޕަންހީމާ" ގެ ފުރަތަމަ ޓްރެއިލާ މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ. ޓްރެއިލާ ފެށެނީ ކަންތައްތައް ކުރަން އުނދަގޫ މީހެއްގެ ގޮތުގައި އޯޕަންހީމާ ތަޢާރަފްކުރަމުންނެވެ. އަދި ދެވަނަ ބޮޑު ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެހީތެރިވުމަށް އެދުމުން އޯޕަންހީމާ ލަފާދެނީ ސިއްރުން ނިއުކްލިއާ ހަތިޔާރެއް އުފެއްދުމަށެވެ.
They won’t fear it until they understand it. And they won’t understand it until they’ve used it. Watch the trailer for #Oppenheimer. In theaters 7 21 23. pic.twitter.com/nvbxOBCwur
— Oppenheimer (@OppenheimerFilm) December 19, 2022
"އޯޕަންހީމާ" ގެ ޓައިޓަލް ރޯލު ކުޅެފައި ވަނި ޝިލިއަން މާފީއެވެ. މީގެ އިތުރު ކާސްޓުންގެ ގޮތުގައި އޭ-ލިސްޓުގެ އިތުރު ތަރިންތަކެއް ވެސް ފެންނާނެއެވެ. އޭގެ ތެރޭގައި މެޓް ޑޭމަން، ރޮބަޓް ޑައުނީ ޖޫނިއާ، ރަމީ މާލިކް، ކެނެތު ބްރެނާ، ފްލޮރެން ޕިއު، ޖޯޝް ހާނެޓް، އެމިލީ ބްލަންޓް، ކޭސީ އެފްލެކް އަދި ގެރީ އޯލްޑްމަން ފަދަ އެތައް ތަރިންނެއް ހިމެނެއެވެ.
ޔުނިވާސަލް ޕިކްޗާސްއާ ގުޅިގެން 100 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ "އޯޕަންހީމާ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖުލައި 21 ގަ އެވެ. މީގެ ޑައިރެކްޓަރު ނޯލަންގެ އެންމެ ފަހުގެ ފިލްމަކީ 2020 ގެ ސައިންސް ފިކްޝަން އެކްޝަން ތުރިލާ "ޓެނެޓް" އެވެ.
"އިންސެޕްޝަން" އަދި "އިންޓަސްޓެލާ" ފަދަ ތައުރީފު ލިބިފައިވާ ފިލްމުތަކުގެ ޑައިރެކްޓަރު ބުނިގޮތުގައި "އޯޕަންހީމާ" އަކީ އޭނާއަށް އެންމެ ގޮންޖެހުން ބޮޑު ފިލްމެވެ. ނަމަވެސް އޭނާގެ އާދަޔާ ހިލާފު ކްރޫގެ ސަބަބުން ފިލްމު ވަރަށް ކާމިޔާބު ވާނެ ކަމަށް ޔަގީން ކުރާ ކަމަށް ނޯލަން ބުންޏެވެ.
ނޯލަން ގެނެސް ދީފައިވާ ފިލްމުތަކުގެ ތެރޭގައި "މެމެންޓޯ"، "އިންސޯމްނިއާ"، "ބެޓްމޭން ބިގިންސް"، "ދަ ޑާކް ނައިޓް" އަދި "ޑަންކާކް" ހިމެނެއެވެ.