ފުރަތަމް ލުކްވެސް ދައްކާލާފައިވާ "ބާބީ" ގެ ފުރަތަމަ ޓީޒާ އާންމުކުރުމާއެކު، ފިލްމާމެދު ކުރެވޭ އިންތިޒާރު މިވަނީ އަނެއްކާވެސް އިތުރުވެފައެވެ.
އާންމުކޮށް ކުޑަކުދިން ކުޅެން ގެންގުޅޭ ބުދެއްގެ ގޮތުގައި މަޝްހޫރު ބާބީ އަށް ބިނާކޮށް ހަދާފައިވާ ފިލްމު "ބާބީ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ 21 ގައެވެ.
މި ފިލްމުގެ ޓައިޓްލް ރޯލު ކުޅެފައި ވަނީ އޮސްޓްރޭލިއާ އަށް އުފަން ބަތަލާ މާގޯ ރޮބީ އެވެ. އެމެރިކާގެ ކުންފުނި، މެޓެލްގެ ބާބީގެ ވާހަކަ ބޮޑު ސްކްރީނަށް ގެނެސްދެނީ ޑައިރެކްޓަރު ގްރެޓާ ގާވިޖްއެވެ.
#BarbieTheMovie, from director Greta Gerwig, only in theatres Summer 2023✨ pic.twitter.com/P0ysMOpE83
— Warner Bros. Pictures (@wbpictures) December 16, 2022
"ބާބީ" އިން ބޮޑު ކާސްޓެއް ހިމެނޭއިރު، އޭގެ ތެރޭގައި މަޝްހޫރު އޭ-ލިސްޓް ތަރިންތަކެއްވެސް ހިމެނެއެވެ. އެގޮތުން ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި ރަޔަން ގޮޒްލިން، ވިލް ފެރެލް، ކޭޓް މެކިނަން، އެމެރިކާ ފެރޭރާ، އެމާ މެކީ އަދި މައިކަލް ޝީރާ ހިމެނެއެވެ.
"ބާބީ" ގެ ފުރަތަމަ ޓީޒާ ދޫކޮށްލާފައިވާއިރު، ކްރިސްޓޮފާ ނޯލަންގެ "އޯޕަންހީމަ" ގެ ފުރަތަމަ ޓްރެއިލާވެސް ވަނީ ދައްކާލާފައެވެ. މި ދެ ފިލްމުވެސް އަންނަ ޖުލައި މަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާއިރު، ދެ ފިލްމުގެ ޓްރެއިލާވެސް ވަނީ ޝައުގުވެރި ގޮތަކަށް ގެނެސްދީފައެވެ.