ސިޔާސީ

އެމްޑީޕީން މިއަދު ބާއްވަން އޮތް އެއްވުން ނުބާއްވަން އެދެފި


ސީގަލް ކަންމަތީގައި އެމްޑީޕީން
މިއަދު ބާއްވަން ރާވާފައިވާ އެއްވުން އެސަރަހައްދުގައި ނުބޭއްވޭނެކަމަށް
މޯލްޑިވްސް ޕޮލިސް ސާރވިސްއިން ހާމަކުރައްވައިފިއެވެ. 





މޯލްޑިވްސް ޕޮލިސް ސާރވިސްއިން
ރޭ ދަންވަރު ނެރުއްވި ނޫސްބަޔާނެއްގައިވަނީ މިއަދު މެންދުރު ފަހު ތިނަކުން ހަވީރު
ހަޔަކާއި ދެމެދު ޗާނދަނީމަގާއި ފަރީދީ މަގު ގުޅުނު ކަންމަތީ ގައި،  މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓިން ބާއްވަން
ހަމަޖައްސާފައިވާ އެއްވުން އެ ސަރަޙައްދުގައި ނުބޭއްވޭނެކަން އެޕާޓީއަށް
މޯލްޑިވްސް ޕޮލިސް ސާރވިސްއިން އަންގަވާފައިވާކަމަށެވެ.



މިގޮތުން މި އެއްވުން އެސަރަހައްދުގައި
ނުބޭއްވޭނެކަމަށް އެޕާޓީއަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ލިޔުމުންނާއި ޓެކްސްޓް
މެސެޖުން އަންގާފައިވާކަމަށްވެސް މި ނޫސްބަޔާނުގައިވެއެވެ.



މި އެއްވުން އެސަރަޙައްދުގައި
ނުބޭއްވޭނެކަމަށް އެ ޕާޓީއަށް އަންގާފައިވަނީ މިއަދަކީ ހަފްތާ ބަންދު ދުވަސް
ކަމަށްވެފައި، އެމްޑީޕީން މިއެއްވުން ބާއްވަން ހަމަޖައްސާފައިވާ ސަރަޙައްދަކީ ގިނަ
ޢަދަދެއްގެ ޢާއްމު ރައްޔިތުންނާއި ކުޑަކުދިންނާއި ފަތުރުވެރިން ޒިޔާރަތްކުރާ
ސަރަޙައްދަކަށްވުމުން މިފަދަ އެއްވުމެއް ބާއްވާނަމަ އެތައް ބަޔަކަށް އެކަމުގެ
ދަތިތައް ފޯރައި އެތައް ބައެއްގެ ޙައްޤުތައް އެކަމުން ގެއްލިގެން ދާނެތީކަމަށް ފުލުހުން
ނެރުއްވި ނޫސްބަޔާނުގައިވެއެވެ.