ވިޔަފާރި

1.6 މިލިއަން ފަތުރުވެރިންނާއެކު ރައީސް ޖެއްސެވި ހިސާބުތައް ހަގީގަތަކަށް


މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ވިދާޅުވެފައިވަނީ ސަރުކާރުގެ އަންދާޒާއަކީ، މި ހިނގާ 2022 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 12 އިންސައްތައިގެ ކުރިއެރުމެއް ހޯދާނެކަމަށެޥެ. އަދި މި އަހަރު ޖުމްލަ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެކަމަށެވެ. އެހެންކަމުން ސަރުކާރުން އެންމެ ފުރަތަމަވެސް އަމާޒު ހިފީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިއަދު މިވަނީ މިއަމާޒަށް ވާސިލްވެފައެވެ.

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއާއި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްއާއި، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުހައްމަދާއި ސަރުކާރުގެ އެހެން މުއައްސަސާތަކުގެ އިސްވެރިންނެވެ.

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަކީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސަންޖޭ ތޭޖަސް ކޮތަރީއެވެ. މީނާ ރާއްޖެ އައިސްފައިވަނީ މުންބާއީ އިން ރާއްޖެ އައި ގޯއެއަރގެ ފްލައިޓެއްގައެވެ.

އޭނާ ރާއްޖެ އައިސްފައިވަނީ އޭނާގެ އަންހެނުންނާއެކު ހަނީމޫން ހޭދަކޮށްލުމަށެވެ. ސަންޖޭ ބުނީ ރާއްޖޭގެ ފޮޓޯތައް އަބަދުވެސް ސޯޝަލް މީޑިއާއިން ފެންނަކަމަށާއި އަދި އޭނާ އަބަދުވެސް ހަނީމޫން ހޭދަކޮށްލަން އަންނަން ބޭނުންވާ މަންޒިލަކީ ރާއްޖެ ކަމަށެވެ. މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރުކަމަށް އޭނާ ވަނީ ބުނެފައެވެ.

"ރާއްޖޭގެ ފޮޓޯތައް އަބަދުވެސް ފެންނައިރު ވަރަށް ރީތި އަދި ވަރަށް އަމާން އަދި ރާއްޖެއަށް ވަރަށް ގިނަ މަޝްހޫރު މީހުންވެސް އާދޭ އެހެންވީމަ އަހަރެމެންނަށް ވިސްނުނީ މިއީ ހަނީމޫން ހޭދަކޮށްލަން އަންނަން ހަމަ އެންމެ ރަނގަޅު މަންޒިލްކަމަށް.” ސަންޖޭ ބުންޏެވެ.

މިއަހަރުގެ އަމާޒު ހާސިލްވުމާއި ގުޅިގެން މީޑިއާއަށް މައުލޫމާތުދެއްވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުހައްމަދު ވިދާޅުވީ، ކޯވިޑްގެ ބަލިމަޑުކަމާއި އަދި މިއަހަރު މުޅި ދުނިޔޭގެ އިޤްތިސާދަށް ދިމާވި ކަންކަމާއި އެކުވެސް ރާއްޖެއިން މިއަހަރު ކަނޑައެޅި އަމާޒު ހާސިލްވީ ސަރުކާރާއި މި ސިނާއަތުގެ އެންމެހައި ފަރާތްތަކުގެ އެއްބާރުލުމާއި އެކުގައިކަމަށެވެ. މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ޠައްޔިބު ވިދާޅުވީ، ރާއްޖެއިން ޖެހިޖެހިގެން 3 އަހަރު ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ހާސިލްވުމަކީވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުން އަންނަ ކަމުގެ ހެއްކެއްކަމަށެވެ.

"މިއަހަރު ރައީސް ވިދާޅުވި 1.6 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ލަފާކުރެވެއޭ. އެދުވަހު އަޅުގަނޑުމެންނަށް ފުދޭވަރެއްގެ ބޮޑު ޗެލެންޖެއްގެ ގޮތުގައި ފެނުނީ. އެއީ އެއިރު ހުރިހައި ޑެސްޓިނޭޝަންތައް ހުޅުވާލުމަށް މަސައްކަތް ފަށައިފި. އަޅުގަނޑުމެންނާއި އެންމެ ވާދަވެރި ޤައުމުތައްވެސް. އަޅުގަނޑުމެން އެދުވަހު މަސައްކަތް ފަށައިފިން އެއަށްވުރެ އަދި ގިނަ ކޮށްލެވޭތޯ. އަބަދުވެސް އަޅުގަނޑުމެން ޓާގެޓަށްވުރެ ބޮޑަށް މަސައްކަތް ކުރަން. އިރާދަކުރެއްވީތީ މިއަދު މި ހަމަވީ އަދި ބާކީ 10 ވަރަކަށް ދުވަސް އޮއްވައި. ހަޤީގަތުގައި ސަރުކާރުން ޓާގެޓެއް ކަނޑައެޅުއްވީ ވަރަށް ބޮޑަށް ވިސްނަވާފައި. އަޅުގަނޑު ދެކޭގޮތުގައި މި ލީޑަރޝިޕުން އެ ވިސްނެވި ވިސްނުން ކާމިޔާބު މިވީ.” ޠައްޔިބު ވިދާޅުވިއެވެ.

މިއަހަރު ރާއްޖެއައި 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް ޓޫރިޒަމް މިނިސްޓްރީއާއި، އެމްއޭސީއެލްއާއި، އެމްއެމްޕީއާރުސީގެ އިތުރުން އިމިގްރޭޝަނުން ވަނީ ޚާއްސަ ހަދިޔާތަކެއް ދީފައެވެ. އަދި ލަކްސް ސައުތު އަރި އެޓޯލްއިން ވަނީ ހިލޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދީފައެވެ.

މި ފަތުރުވެރިޔާ 1 ހަފްތާގެ މުއްދަތަކަށް ރާއްޖޭގައި މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީއާއި މި ސިނާއަތުގައި މަސައްކަތްކުރި ފަރާތްތަކުގެ މަސައްކަތުން ރާއްޖެއަށް ވަނީ ކޯވިޑްގެ އެންމެ ދަތި އުނދަގޫ ހާލަތުގައި ވިދިވިދިގެން 3 އަހަރު "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން"ގެ އެވޯޑް ހާސިލްކޮށްފައެވެ.

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 1.6 މިލިއަން ވަނަ ފަތުރުވެރިޔާގެ ލަޤަބު އިންޑިއާ މީހަކަށް ލިބިފައިވާއިރު ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަ ޓޮޕް މާކެޓަކީވެސް އިންޑިއާއެވެ. އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 224000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.