ވަޒީފާގެ ތަމްރީނުތަކާއެކު މޯލްޑިވިއަން ފްލައިން އެކަޑަމީގެ 7 ދަރިވަރަކު ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ކިޔަވާ ނިމޭނެކަމަށް ފްލައިންގ ސްކޫލުން ވިދާޅުވެއްޖެއެވެ.
އައްޑޫ ފްލައިންގ ސްކޫލްގެ ކުދިންގެ ކިޔެވުމުގެ މައްސަލައަކީ ގިނަބައެއްގެ ކަންބޮޑުވުމާއި ޝަކުވާ އެކަމަކާއި ގުޅިގެންދިޔަ މައްސަލައެކެވެ. އައްޑޫގައި ކުރިން ހިންގި ފްލައިން ސްކޫލްގެ މައްސަލަތައް ބޮޑުވެ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ނުކުރެވި ވަނީ މެދުކަނޑާލާފައެވެ. މީގެތެރޭގައި ކިޔެވުން ފެށިތާ ގިނަ އަހަރުތަކެއް ވެފައިވާ ދަރިވަރުންވެސް ހިމެނެއެވެ.
މޯލްޑިވިއަން ފްލައިން އެކަޑަމީއެއް އުފެއްދުމުގެ އެންމެ މުހިންމު ބޭނުމަކީވެސް މި ކުދިންގެ ކޯސް ފުރިހަމަކުރުމަށް ފުރުޞަތުދިނުމެވެ.
ފްލައިންގ ސްކޫލްގައި ކުރިން ކިޔަވަމުންދިޔަ ކުދިންނަށް ފުރުސަތު ފޯރުކޮށްދިނުމަށް ޤައުމީ އެއާލައިންގ ހިނގަމުން އަންނަ އައިލެންޑް އޭވިއޭޝަނާއި ޤައުމީ ޔުނިވަރސިޓީގެ ބެލުމުގެ ދަށުން ކިޔެވޭނެ މަގު ފަހިކޮށްދިނެވެ.
މީގެތެރެއިން 7 ކުއްޖަކު ފްލައިންގެ ވަގުތު މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އަދި ކޮމާރޝަލް ޕައިލެޓް ލައިސެންސާއެކު މިވަނީ ބެޗެލަރސް ޙާސިލްކޮށްފައެވެ. އެހެންނަމަވެސް ރާއްޖޭގައި ވަޒީފާގެ ބާޒާރަށް ޕައިލެޓުން ނަގަނީ މާސްޓަރސް ލެވެލްއިންކަމަށްވާތީ މިކުދިންގެ މާސްޓަރސް ނިންމުމަށް މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ.
އެގޮތުން އެ ލެވެލްއަށް ކިޔެވުން ފުރިހަމަކުރުމަށް ބޭނުންވާ ސިމިއުލޭޓަރ އައްޑޫގައި ޤާއިމުކުރުމުގެ މަސައްކަތް ފްލައިން ސްކޫލުން އަންނަނީ ކުރަމުންނެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވިއަން ފްލައިންގ އެކަޑަމީން ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ސިމިއުލޭޓަރ ރާއްޖެގެނެސް އިންސްޓޯލްކޮށް ތަމްރީންތައް ފަށާނެކަމަށެވެ.
އަދި މިހާރު ކޮމަރޝަލް ޕައިލެޓް ލައިސެންސް ލިބިފައިވާ ކުދިންގެ ތެރެއިން 7 ކުއްޖަކު ސިމިއުލޭޓަރ މެދުވެރިކޮށް ހަދަންޖެހޭ އިންސްޓްރޫމަންޓް ރޭޓިންގ ހެދުމާއެކު އެކުދިންނަށް ވަޒީފާގެ މައިދާނަށް ކުރިއަށް އޮތް ދެމަހެއްހާދުވަހު ނިކުންނާނެކަމަށްވެސް ފްލައިން ސްކޫލުން ވިދާޅުވިއެވެ.
އެ ސްކޫލުގެ ކުދިންނަށް ކުރިމަތިވި ގޮންޖެހުންތައް ޙައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު، އެންމެ އިސްދައުރެއް އަދާކުރެއްވި އެއްބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. ކުދިންގެ ކިޔެވުމުގެ ކަންކަން ވަރަށް ގާތުން ބައްލަވާ އެކުދިންނާއި ބައްދަލުކޮށް ކަންކަން އޮޅުންފިލުއްވާފައިވެއެވެ.
މިގޮތުން އައްޑޫ ސިޓީއަށް ނައިބުރައީސް ކުރެއްވި އެއްދުވަހުގެ ދަތުރުފުޅުގައިވެސް އެމަނިކުފާނުވަނީ ފްލައިން ސްކޫލްގެ ދަރިވަރުންނާއި ބައްދަލުކުރައްވާފައެވެ. އަދި ބައެއް ދަރިވަރުންގެ ކިޔެވުން މިހާރު ނިމުމަކާއި ގާތްވެފައިވާއިރު އެކުދިންނާއި ބައްދަލުކުރައްވާ ނައިބު ރައީސްވަނީ ކުދިން ކުރި ހިތްވަރު ފާހަގަކުރައްވާފައެވެ. އަދި ރާއްޖެ ފަދަ ދަތުރުފަތުރަށް ބަރޯސާވެފައިވާ ޤައުމެއްގައި ވައިގެ އުދުހުމުގެ ސިނާޢަތް އަދިވެސް ކުރިއަރާނެކަމަށާއި، އެހެންކަމުން މިއީ ކުރިމަގު އޮތް ދާއިރާއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިމަގުގައި ފްލައިންގ ސްކޫލްގެ ދަރިވަރުން ރާއްޖޭގެ ވައިގެ އުދުހުންތަކުގައި ފެނިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ނައިބު ރައީސްވަނީ ވިދާޅުވިއެވެ.
އައްޑޫ ސިޓީ ފްލައިންގ ސްކޫލްގައި ޤާއިމުކުރާ ސިމިއުލޭޓަރއަކީ ޕައިލެޓުން ތަމްރީނުކުރުމަށް ރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ ސިމިއުލޭޓަރއެވެ. ފްލައިންގ ސްކޫލުން ވިދާޅުވީ ކުރިއަށް އޮތްތަނުގައި އައްޑޫ ފްލައިންގ ސްކޫލް އިތުރަށް ތަރައްޤީކުރުމަށް ޕްލޭންތައް އެކުލަވާލަމުންދާކަމަށެވެ. އަދި ކުރީގެ ފްލައިން ސްކޫލް ހިންގަމުން ދިޔަ ފަރާތުގެ އިހުމާލުން ކިޔެވުމަށް ބުރުއެރި ހުރިހާ ކުދިންނަށް ފުރުސަތު ފްލައިންގ ސްކޫލުން ދެމުންދާނެކަމުގެ ޔަގީންކަން އެސްކޫލުންވަނީ އަރުވާފައެވެ.