ވިޔަފާރި

40 އެގްޒިބިޓަރުންނާއެކު މިއަހަރުގެ ލިވިންގ އެކްސްޕޯ ފަށައިފި


ހައިރައިޒުން އިންތިޒާމްކޮށްގެން ބާއްވާ މިއަހަރުގެ ”މޯލްޑިވްސް ލިވިންގ އެކްސްޕޯ“ ފަށައިފިއެވެ.

މި އެކްސްޕޯ ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލެވެ.

ހައިރައިޒުން އިންތިޒާމްކޮށްގެން ”މޯލްޑިވްސް ލިވިންގ އެކްސްޕޯ“ ބާއްވާ މިއީ 10 ވަނަ އަހަރެވެ. މިއަހަރުގެ ލިވިންގ އެކްސްޕޯ ކުރިއަށްދާނީ ދަރުބާރުގޭގައެވެ. މިއަހަރުގެ އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 40 އެގްޒިބިޓަރުން ބައިވެރިވެއެވެ. އޭގެތެރޭގައި ލަންކާ އަދި އިންޑިއާގެ ކުންފުނިތައްވެސް ހިމެނެއެވެ.

ލިވިންގ އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައިރައިޒްގެ ފައުންޑަރ އިސްމާއިލް ހަމީދު ވިދާޅުވީ، މި އެކްސްޕޯގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޤާއިމްކޮށް ބިނާކުރެވެމުންދާ ރިއަލް އެސްޓޭޓް ވިޔަފާރީގެ އެންމެ ފަހުގެ އުފެއްދުންތަކުގެ މަޢުލޫމާތު ހިއްސާކުރުންކަމަށެވެ. އަދި ގެދޮރަށް ބޭނުންވާ އެންމެ ފަހުގެ ފަރުނީޗަރާއި، ޓެކްނޮލޮޖީ އަދި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުގެ މައުލޫމާތުވެސް މިއެކްސްޕޯއިން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯ އެންމެ ފުރަތަމަ ބޭއްވީ 2013 ވަނަ އަހަރުއެވެ. މިއަހަރުގެ އެކްސްޕޯގައި ބައިވެރިވެފައިވާ ކުންފުނިތަކުން ބުނެފައިވަނީ އެކްސްޕޯގެ ތެރެއިން އެމީހުންގެ ގިނަ އުފެއްދުންތަކެއް ދައްކާލާނެކަމަށެވެ. އަދި ލިވިން އެކްސްޕޯއަކީ އެމީހުންގެ އުފެއްދުންތައް އާންމުންނަށް ފޯރުކޮށްދިނުމަށް ޤާއިމްކޮށްދީފައިވާ ވަރަށް ރަނގަޅު ޕްލެޓްފޯމްއެއްކަމަށް ވިޔަފާރިތަކުން ވަނީ ބުނެފައެވެ.

މި އެކްސްޕޯ އޮންނާނީ މިމަހުގެ 15 އިން 17 އަށެވެ. އެކްސްޕޯއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ޚިދުމަތްދޭ ބޮޑެތި ކުންފުނިތައް އެއްތަނަކަށް ގެނެސް، މިދާއިރާގައި ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ކޮންމެ އަހަރަކުވެސް ބާއްވާ ހަރަކާތެކެވެ. މި އެކްސްޕޯއަށް އާންމުކޮށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.