ވިޔަފާރި

ސަރުކާރު ކުންފުނިތަކަށް ދެފުށް ފެންނަ ސީއެސްއާރު އުޞޫލެއް އެކުލަވާލަނީ


ސަރުކާރު ކުންފުނިތަކަށް ކޮރަޕްޝަނާއި ދެކޮޅު ދެފުށް ފެންނަ ސީ.އެސް.އާރު އުޞޫލެއް އެކުލަވާލުމުގެ މަސައްކަތް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ފަށައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ، މި އުޞޫލު އެކުލަވާލުމުގެ ބޭނުމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ހެޔޮ ވެރިކަމުގެ އެއް ސިޔާސަތު ކަމުގައިވާ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ނަޒާހަތްތެރިކަން އިތުރުކުރުމުގެ ބޭނުމުގައިކަމަށެވެ.

މިއީ ކޮރަޕްޝަނާ ދެކޮޅު އަދި ދެފުށް ފެންނަ ސީ.އެސް.އާރް އުޞޫލެއްކަމަށް އެ ބޯޑުން ވިދާޅުވެއެވެ. މި އުޞޫލާއެކު މާކެޓިންގ، ސްޕޮންސަރޝިޕް، އަދި އެޑްވަޓައިޒްމަންޓް ހަރަކާތްތަކާއި ސީ.އެސް.އާރު ހަރަކާތްތައް ވަކިވެގެންދާނެކަމަށް އެ ބޯޑުން ވިދާޅުވެއެވެ.


ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މި އުޞޫލު އެކުލަވާލުމުގެ މަސައްކަތް ކުރަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި ގުޅިގެންގެންނެވެ.

މި އުޞޫލު އެކުލަވާލާ ތަންފީޒުކުރަން ފެށުމުން، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ސީ.އެސް.އާރް. އަދި އެކިއެކި ސްޕޮންސަރޝިޕް ހަރަކާތްތަކާމެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ޙައްލު ލިބިގެންދާނެކަމަށް އެ ބޯޑުން ވިދާޅުވެއެވެ. އެގޮތުން ސީ.އެސް.އާރުގެ ހަރަކާތްތައް ޕްލޭންކޮށް ބަޖެޓްކޮށްގެން ކުރިއަށް ގެންދިއުމުގެ ހަމަތައް ކަނޑައެޅޭނެކަމަށެވެ. އަދި ސީ.އެސް.އާރުގެ ގޮތުގައި ނުކުރެވޭނެ ކަންތައްތަކާއި. ކުރެވޭނެ ހާލަތްތައް ބަޔާންކުރެވޭނެކަމަށް ޕްރައިވަޓައިޒޭޝަން ބޯޑުން ބުނެއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ، މި އުޞޫލު އެކުލަވާލާ އަމަލު ކުރަން ފެށޭނެކަމަށް ބެލެވެނީ އަންނަ އަހަރުގެ 2 ވަނަ ކުއާޓަރގައި ކަމަށެވެ.