އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އައު ޝިއާރު "އެންމެން އެކުގައި - ކޮރަޕްޝަނާ ދެކޮޅަށް"، "ޓުގެދަރ - އެގެއިންސްޓް ކޮރަޕްޝަން" އިފްތިތާޙްކޮށްފިއެވެ.
މި ޝިއާރު އިފްތިތާޙުކޮށްފައިވަނީ އޮޑިޓަރ ޖެނެރަލް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭސީސީގެ ރައީސްކަން ކުރިން ކުރައްވާފައިވާ މުޙައްމަދު ޝަފީޢުއެވެ. މިޝިއާރުގެ މަޤްޞަދަކީ ފަސާދައާ ދެކޮޅަށް ކޮމިޝަނުން ކުރާ އުނދަގޫ ބުރަ މަސައްކަތުގައި މުޅި މުޖުތަމަޢު އެކަތިގަނޑަކަށްވެ، އެކައްޗެއް ކިޔައި އެންމެން ކޮރަޕްޝަނާ ދެކޮޅަށް ތެދުވުމަށް ބާރުއެޅުމެވެ. މިޝިއާރު ކުރިއަށް އޮތްތަނުގައި ކޮމިޝަނުން ބާއްވާ އެކި ހަރަކާތްތަކުގައި ބޭނުން ކުރަމުންގެންދާނެއެވެ.
އޭސީސީން އައު ޝިއާރެއް އިފްތިތާޙްކޮށްފައިވާއިރު، މީގެ ކުރިން ކޮމިޝަނުން މިގޮތަށް ބޭނުން ކޮށްފައިވާ ޝިއާރުތައް ވެގެން ގޮސްފައިވަނީ ކޮމިޝަނުން ދޭން ބޭނުންވާ މެސެޖް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ފަސޭހަވެގެން ދިޔަ ޝިއާރެއްގެ ގޮތުގައެވެ. އެގޮތުން މިފަހަރުގެ މި ޝިއާރަކީވެސް ކޮމިޝަނާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ، އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ލިބިގެންދާނެ އިތުރު ބާރަކަށް ވެގެންދާނެ ޝިއާރެކެވެ.
މިޝިއާރު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭސީސީގެ މެންބަރު ޝަޒްނާ ޙާޝިމް ދެއްކެވި ވާހަކައިގައި، ކޮރަޕްޝަންގެ ސަބަބުން ލިބިގެންދާ ގެއްލުން ފާހަގަކުރައްވައި ކޮމިޝަނުގެ އައު ޝިއާރުގައިވާ ފަދައިން މި ކުޑަ ޤައުމުގައި "އެންމެން އެކުގައި - ކޮރަޕްޝަނާ ދެކޮޅަށް" މަސައްކަތް ކުރަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.
ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީން ކުރަމުންދާ މަސައްކަތްތަކުގައި، އަދިވެސް ހުރަސްތަކެއް އެބަހުރިކަމަށާއި ނަމަވެސް، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ކާމިޔާބުވެ ކުރިއެރުންތަކެއް ލިބޭނީ އެންމެން ގުޅި އެކަތި ގަޑަކަށް ވެގެންކަމަށާއި، މިކަމުގައި ހުރިހާ މުއައްސަސާ ތަކާއި އެތަންތަނުން ޚިދުމަތް ހޯދާ ފަރުދުންގެ ޒިންމާވެސް ބޮޑުކަން މެންބަރު ޝަޒްނާ ފާހަގަކުރެއްވިއެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައި އޭސީސީގެ ކުރީގެ ރައީސް މުޙައްމަދު ޝަފީޢު ވިދާޅުވީ، ކޮމިޝަނުގެ އައު ޝިއާރު "އެންމެން އެކުގައި - ކޮރަޕްޝަނާ ދެކޮޅަށް" މި ޝިއާރަކީ ނުހަނު މުހިއްމު، އެންމެން ޝާމިލްވާ މޮޅު އަދި މުނާސަބު ޝިއާރެއްކަމަށެވެ.
އައު ޝިއާރު އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރުންނާއި އިސްވެރިންގެ އިތުރުން ކޮމިޝަނަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބައެއް މުވައްޒަފުންނާއި، މިހާރުގެ މުވައްޒަފުންވަނީ ބައިވެރިވެފައެވެ.