މިފްކޯއިން އައު 2 އުފެއްދުމެއް ބާޒާރަށް ނެރެފިއެވެ. މި އުފެއްދުންތައް ބާޒާރަށް ނެރެފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ގދ.ފަރެސްމާތޮޑާގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިންނެވެ.
މިފްކޯއިން އަލަށް ތައާރަފްކޮށްފައިވާ 2 އުފެއްދުން ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްއެވެ. މިފްކޯއިން އަލަށް ބާޒާރަށް ނެރެފައިވަނީ މިހާރުވެސް ދިވެހިންގެ އިތުބާރު ހޯދާފައިވާ ފަސްމީރު ބްރޭންޑްގެ މަސްދަޅުގެ މުޅިން އައު 2 ވައްތަރެކެވެ. އެއީ ލޮނުމެދު މަސްދަޅާއި، ވަޅޯމަސް މަސްދަޅެވެ.
ލޮނުމެދު މަސްދަޅަކީ، ގިތެޔޮމިރުސް މަސްދަޅާއި، ހިކިމިރުސް މަސްދަޅެކޭ އެއްގޮތައް މަސްދަޅުގައި ލޮނުމެދު ހިމަނައިގެން އުފައްދާފައިވާ ރަހަމީރު އުފެއްދުމެއްކަމަށް މިފްކޯއިން ބުންޏެވެ. މިފްކޯއިން ބުނީ، ބަތާއި އެއްކޮށް ކެއުމަށް އަދި ފާސްތާއާއި ނޫޑްލްސް ފަދަ ތަކެތިވެސް ތައްޔާރުކުރުމަށްވެސް ލޮނުމެދު މަސްދަޅު ބޭޏުންކުރެވޭނެކަމަށެވެ.
މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ފަރެސްމާތޮޑާގައި ކުރިއަށްދިޔަ މަސްވެރިންގެ އެކްސްޕޯގައި މި މަސްދަޅު ރަހަ ބަލާލުމުގެ ފުރުޞަތު ވަނީ އާންމުންނަށް ދީފައެވެ. މިފްކޯއިން ބުނީ 2 މަސްދަޅަށްވެސް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. އެގޮތުން މިހާރު މިފްކޯއިން އުފައްދާ ހުރިހައި މަސްދަޅެއްގެ ތެރެއިންވެސް އެންމެ މީރީ ލޮނުމެދު މަސްދަޅުކަމަށް ގިނަ ބަޔަކު ބުނެފައިވާކަމަށް މިފްކޯއިން ބުނެއެވެ.
މިއަދު ތަޢާރަފް ކުރި ދެވަނަ އުފެއްދުމަކީ ލޮނުމެދު މަސްދަޅު. މަސްވެރިންގެ އެކްސްޕޯގައި މަސްދަޅުތައް ރަހަބަލާލުމުގެ ފުރުސަތު ލިބުނު ގިނަ ބަޔަކު ބުނިގޮތުގައި މިހާރު މިފްކޯއިން އުފައްދާ ހުރިހާ މަސްދަޅެއްގެ ތެރެއިން އެންމެ މީރީ ލޮނުމެދު މަސްދަޅު. pic.twitter.com/l6LUGFzK5C
— MIFCO (@mifcomv) December 11, 2022
މިފްކޯއިން ބާޒާރަށް ނެރުނު 2 ވަނަ އުފެއްދުންކަމުގައިވާ ވަޅޯމަސް މަސްދަޅަކީ ގިނަ ދުވަހު ހަލާކުނުވެ ހުންނަ، ވަގުތުން ބޭނުންކޮށްލެވޭ މަސްދަޅެއްކަމަށް މިފްކޯއިން ބުނެއެވެ. މި މަސްދަޅު އުފައްދާފައިވަނީ ސިއްހަތައް ރަނގަޅު އުފެއްދުންތަކުގެ ތެރޭގައި ހިމަނައި ޒައިތޫނި ތެލުގައި ބަންދުކޮށްގެންނެވެ.
މިފްކޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ދިވެހިން ބާނާ މަހުގެ އުފެއްދުންތައް ދިވެހިވަންތަ ގޮތެއްގައި ބާޒާރަށް ތައާރަފްކުރުންކަމަށެވެ. މިގޮތުން އަލަށް މި ތައާރަފްކުރި 2 މަސްދަޅަކީވެސް ދުނިޔެ ޤަބޫލުކުރާ މިންގަނޑުގެ ފެލިވަރު ކޭނަރީގައި އުފައްދައި ރަނގަޅު އަގެއްގައި ދިވެހިންނަށް ގެނެސްދޭ ޕްރިމިއަމް 2 އުފެއްދުމެވެ.