ވިޔަފާރި

މިފްކޯއަށް ރެކޯޑް އަހަރެއް، އެންމެ ގިނައިން މަސްގަނެ ފައިސާ ދޫކުރީ މިއަހަރު


މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް، މިފްކޯއަށް މިދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ ޢަދަދަކަށް މަސް ކިރާ، އެންމެ ގިނައިން މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ މިއަހަރުގެ ތެރޭގައިކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯ ތަރައްޤީކޮށް ވަޞީލަތްތައް އިތުރުކުރުމުގެ ބިޔަ މަޝްރޫޢުއެއް މި ސަރުކާރުން ވަނީ ފައްޓަވާފައެވެ. މިއާއިއެކު މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުވެ މަސްކިރުމަށް ފަސޭހަވެގެންދާނެކަމަށް މިފްކޯއިން ހާމަކުރެއެވެ.

މިއަހަރު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާއި ގުޅިގެން މިފްކޯއިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 12 އަހަރުގެ ތެރޭއިން މިއަހަރު މިފްކޯއިން ވަނީ މަސް ގަނެ އަދި މަސްވެރިންނަށް ފައިސާ ދޫކުރުމުގައިވެސް ރެކޯޑެއް ޤާއިމްކޮށްފައެވެ.

ވޭތުވެދިޔަ 12 އަހަރު މިފްކޯއިން މަސް ގަނެފައިވާ މިންވަރު:

● 2011: 23،930 މެޓްރިކް ޓަން
● 2012: 27،940 މެޓްރިކް ޓަން
● 2013: 34،550 މެޓްރިކް ޓަން
● 2014: 26،980 މެޓްރިކް ޓަން
● 2015: 28،250 މެޓްރިކް ޓަން
● 2016: 28،160 މެޓްރިކް ޓަން
● 2017: 44،680 މެޓްރިކް ޓަން
● 2018: 42،290 މެޓްރިކް ޓަން
● 2019: 48،490 މެޓްރިކް ޓަން
● 2020: 49،390 މެޓްރިކް ޓަން
● 2021: 58،340 މެޓްރިކް ޓަން
● 2022 ގެ މިހާތަނަށް: 59،310 މެޓްރިކް ޓަން

ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސް ކިރި އަހަރަކަށް މިއަހަރު ވެފައިވާއިރު، މަސްވެރިންނަށް އެންމެ ގިނަ އޢަދަދަކަށް ފައިސާ ދޫކޮށްފައިވަނީވެސް މިއަހަރުގެ ތެރޭގައެވެ. މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވީ، މިފްކޯގައި ހުރި ވަޞީލަތްތަކާއިއެކު މިފްކޯގެ ހީވާގި މުވައްޒަފުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އޭގެ ނަތީޖާވެސް ފެނިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ ޢަދަދު:

● 2011: 374.29 މިލިއަން ރުފިޔާ
● 2012: 602.25 މިލިއަން ރުފިޔާ
● 2013: 731.84 މިލިއަން ރުފިޔާ
● 2014: 486.32 މިލިއަން ރުފިޔާ
● 2015: 517.79 މިލިއަން ރުފިޔާ
● 2016: 510.64 މިލިއަން ރުފިޔާ
● 2017: 820.72 މިލިއަން ރުފިޔާ
● 2018: 813.12 މިލިއަން ރުފިޔާ
● 2019: 903.76 މިލިއަން ރުފިޔާ
● 2020: 879.41 މިލިއަން ރުފިޔާ
● 2021: 901.78 މިލިއަން ރުފިޔާ
● 2022 ގެ މިހާތަނަށް: 966.2 މިލިއަން ރުފިޔާ


މިފްކޯ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ޤާއިމުކުރާނެއެވެ. އަދި ރެފްރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީއާއި، މި ކަންކަމާ ގުޅޭ އެހެނިހެން ވަޞީލަތްތައްވެސް ޤާއިމުކުރާން ހިމެނެއެވެ.

މި މަޝްރޫޢުގެ ސަބަބުން މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރަށްވުރެ %48 އިތުރުވެގެން ދާނެއެވެ. އަދި ފްރީޒިންގ ކެޕޭސިޓީ %37 އިތުރުވެގެންދާނެކަން ސަރުކާރުން ހާމަކުރައްވައެވެ. އަދި މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން މަސް ކިރަން މިފްކޯއިން އިތުރު 3 ބޯޓުވެސް ދާދިފަހުން ވަނީ ގަނެފައެވެ.