ވިޔަފާރި

ހޮރައިޒަންގެ "ޓޫނާ ޕާސްތާ ސޯސް" ދިވެހިންނަށް ކަމުދާގޮތަށް


ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ހޮރައިޒަން ފިޝަރީޒްއިން އައު އުފެއްދުމެއް ބާޒާރަށް ނެރެފިއެވެ. އަލަށް ނެރެފައިވަނީ "ޓޫނާ ޕާސްތާ ސޯސް" ދަޅެވެ. މި އުފެއްދުން ތައާރަފްކޮށްފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހު ފަރެސްމާތޮޑާގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަންއެވެ.

ހޮރައިޒަން ފިޝަރީޒްއިން ވިދާޅުވީ، ދަޅުގައި ޓޫނާ ޕާސްތާ ސޯސް ބަންދުކުރުމުގެ މައިގަނޑު މަޤްސަދަކީ ކަނޑުމަހަކީ ދިވެހިން ލޯބިކުރާ ކެއުމަކަށްވާއިރު ޕާސްތާއާއިއެކު ތައްޔާރުކޮށްފިނަމަ މިއީ ރަހަތަކަށް ލިބޭ ފުރިހަމަކަމަށްވާނެތީކަމަށެވެ. މިއުފެއްދުން ތައްޔާރުކުރުމުގެ ޚިޔާލު ލިބުނީ ދިވެހިން ޕާސްތާ ތައްޔާރުކުރާއިރު ކަނޑުމަހާއެކު ޓޯމާޓޯ ސޯސްއާއި، ފިޔާ، ގިތެޔޮ މިރުސް، ލޮނުމެދާއި، ހަރބްސް އަޅައިގެން ތައްޔާރުކުރާތީ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޕާސްތާ ހެދުމުގައި ރާއްޖެއިން ބޭރުގައި އާންމު ގޮތެއްގައި ބޭނުންކުރަނީ ކުކުޅު، ގެރި، ޓޮމާޓޯ، ސޯސް އަދި ޗީޒް ފަދަ ތަކެއްޗަށްވާއިރު އަލަށް ހޮރައިޒަނުން މި ތައާރަފްކުރި އުފެއްދުމަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަސްޓަމަރުންގެ މެދުގައި މަޤްބޫލު އުފެއްދުމަކަށް ވާނެކަމަށް އެ ކުންފުނިން ގަބޫލުކުރެއެވެ. މި ”ޓޫނާ ޕާސްތާ ސޯސްއަކީ“ ރެޑީ މޭޑް އުފެއްދުމަކަށް ވުމުގެ ސަބަބުން ކާބޯތަކެތި ތައްޔާރުކުރުމަށް ހޭދަވާ ވަގުތު ސަލާމަތްވެ އިސްރާފު މަދުވާނެކަމަށް ހޮރައިޒަނުން ބުނެއެވެ.

ހޮރައިޒަންއިން ބުނީ އެ ކުންފުނިން މި އުފެއްދުން ބާޒާރަށް ނެރުމަށް 1 އަހަރު މަސައްކަތްކޮށްފައިވާކަމަށެވެ. މިއީ ލެބޯޓްރީގައި ޓެސްޓުކޮށް އޭގެ ރަހަ ގެއްލުވާނުލާ ތާޒާކޮށް، ޝެލްޕް ލައިފް ދިގުކޮށް ބޭނުންކުރެވޭ ގޮތް ހަދަން ތަހުލީލުކުރެވި ބާޒާރަށް ނެރެފައިވާ އުފެއްދުމެއްކަމަށެވެ. މި އުފެއްދުން ތައްޔާރުކޮށްފައިވަނީ ތާޒާ ކަނޑުމަސް އަދި ޓޮމާޓޯ ސޯސް ބޭނުންކޮށްގެން އެއްވެސް ޕްރިޒަވެޓިވް އެއް ނާޅާކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. އަދި ދަޅުގައި ސޯސް ނުބައިނުވެ ހަމަ އެއް ކޮލެޓީއެއްގައި 2 އަހަރު ހުންނާނެކަމަށް ހޮރައިޒަނުން ބުނެއެވެ.