ވިޔަފާރި

ގަސްގަހާއި ޖަނަރަވާރުން ކަރަންޓީނު ކުރުމާގުޅޭ ޚާއްސަ ތަމްރީނެއް


"ސްޓްރެންތަނިންގް ނެޝެނަލް ކެޕޭސިޓީ އޮފް ދަ މޯލްޑިވްސް ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން" މަޝްރޫޢުގެ ދަށުން، "ރިސްކް މެނޭޖްމެންޓް ފޮރ ފައިޓޯސެނިޓަރީ އެންޑް ވެޓެރިނަރީ ކޮންޓްރޯލް އެޓް ދަ ބޯޑަރސް، އެކްސްޕޯޓް ސެޓިފިކޭޝަން އެންޑް ސާރވޭލަންސް"ގެ ނަމުގައި ތަމްރީނު ޕްރޮގުރާމެއް ހިންގައިފިއެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އދ. ގެ ކާނާއާއި ދަނޑުވެރިކަމާއި ބެހޭ ޖަމްޢިއްޔާ، އެފް.އޭ.އޯ ގެ އެހީގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗައިންނެވެ.

މި ތަމްރީން ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 4 އިން 7 އަށެވެ. މި ތަމްރީންގެ ތެރެއިން ރާއްޖެއަށް އެތެރެކުރާ ގަހާއި، ދިރޭ ޖަނަވާރާއި އޭގެ ބައިތައް އެތެރެކުރުމުގައި މިތަކެތި އިންސްޕެކްޓްކުރުމުގައި ހަރަކާތްތެރިވާ ކަމާގުޅުންހުރި މުއައްސަސާތަކުގެ މުވައްޒަފުންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

އެގޮތުން އިންޓަނޭޝަނަލް ޕްލާންޓް ޕްރޮޓެކްޝަން ކޮންވެންޝަން، ވޯރލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ސެނިޓަރީ އަދި ފައިޓޯސެނިޓަރީ އެއްބަސްވުމުގައި ހިމެނޭ މިންގަނޑުތަކުގެ ތަމްރީނާއި، ވޯލްޑް އޯގަނައިޒޭޝަން ފޮރ އެނިމަލް ހެލްތުގެ ކޯޑުގައި ހިމެނޭ މިންގަނޑުތަކާއި، ކޯޑެކްސް އެލިމެންޓޭރިއަސްގައި ހިމެނޭ ކާބޯތަކެތި އިންޕޯޓް އަދި އެކްސްޕޯޓުކުރުމަށް ބޭނުންވާ އިންސްޕެކްޝަން މިންގަނޑުތައް ބައިވެރިންނަށް ވަނީ ކިޔާދީފައެވެ.

މީގެއިތުރުން ޕްލާންޓް ހެލްތު އަދި ކޮމޯޑިޓީ އިންސްޕްކްޓްކުރުމުގެ ތަމްރީނު، މި ޕްރޮގްރާމުގެ ތެރޭގައިވަނީ ދެވިފައެވެ. މި ތަމްރީނު ޕްރޮގްރާމްގައި މައުލޫމާތު ދެއްވާފައިވަނީ އެފް.އޭ.އޯގެ ކަމާއި ގުޅުންހުރި ތަޖުރިބާކާރު 2 ބޭފުޅުންކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއެވެ.

މިތަމްރީނު ޕްރޮގްރާމުގައި މިނިސްޓްރީގެ އެގްރިކަލްޗަރ ޑިޕާޓްމެންޓް އަދި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ އިތުރުން 6 ސްޓޭކް ހޯލްޑަރުންނާއެކު ޖުމްލަ 28 ބައިވެރިން ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވިއެވެ.

މީގެތެރޭގައި މޯލްޑިވްސް ކަސްޓަމްސް ސާވިސަސް، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މުވައްޒަފުން ހިމެނޭކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރުގެ ދަނޑުވެރިކަމުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވެސް ޤައުމީ ޕްލާންޓް ހެލްތް އަދި ވެޓެރިނަރީ ޚިދުމަތްތައް ކުރިއެރުވުމުގެ ގޮތުން، ގަސްގަހާއި ގެއްސާއި އަދި ދިރޭ ޖަނަވާރު ކަރަންޓީން ކުރުމާއި ޑައިގްނޯސް ކުރުމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ އަދި މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުން ހިމެނެއެވެ.