ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާ ހުރިހާ ހޮސްޕިޓަލުތަކާއި ސިއްޙީ މަރުކަޒުތަކުގެ ޢަމަލީ މަސައްކަތް ފެށޭ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަށްޓަވާނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. އަލަށް ޢިމާރާތްކުރާ ހުރިހާ ހޮސްޕިޓަލެއްގެ ޓެންޑަރިން މިމަހު ނިންމާލެވޭނެކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ ސިއްޙީ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ ދަށުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި މުޅިން އަލަށް ޓާޝަރީ ފެންވަރަށް ފަސް ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ނިންމާފައިވެއެވެ. އޭގެ އިތުރުން 50 އެނދުގެ ހޮސްޕިޓަލުތަކާއި 30 އެނދުގެ ހޮސްޕިޓަލުތަކާއި މުޅިން އަލަށް ސިއްޙީ މަރުކަޒުތަކެއް ޢިމާރާތްކުރުމަށްވެސް ސަރުކާރުން ނިންމާފައިވެއެވެ. މީގެ ތެރެއިން ގިނަ މަޝްރޫޢުތައް މިހާރު އޮތީ ޢަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައެވެ.
އަލަށް ތަރައްޤީކުރާ ހޮސްޕިޓަލުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، ޓާޝަރީ ހޮސްޕިޓަލުތަކުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ޓާޝަރީ ފެންވަރަށް ޚިދުމަތް ދިނުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށެވެ. ޓާޝާރީ ހޮސްޕިޓަލެއް އެޅުމަށް ދެ އަހަރެއްހާ ދުވަސް ނަގާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ސަރުކާރުން އެންމެ ފުރަތަމަ އިސްކަންދެއްވީ މިހާރު ހުރި ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅުކުރުމަށްކަމަށެވެ. އެހެންކަމުން އެ ހޮސްޕިޓަލުތަކުގައި ޖާގަ އިތުރުކުރުމަށް އައު ޢިމާރާތްތަކެއް އަޅައި، ވަސީލަތްތައް ހަމަކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.
"އެއިރުން އައު ހޮސްޕިޓަލެއް އެޅުނީމަ އެބައި ޓްރާންސްފަރ ކުރެވޭނެނޫންތޯ އައު ހޮސްޕިޓަލަށް. މިސާލަކަށް ކުޅުދުއްފުށީގައިވެސް މިހާރު ހުރި ހޮސްޕިޓަލުގެ ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ އެ ޚިދުމަތް އެދެވެނީ. ކުޅުދުއްފުށީގައިވެސް އޮތީ މުޅިން އައު ހޮސްޕިޓަލެއް އެޅުން. އެހެނަސް އެ މަސައްކަތްތައް އަދި ނުފެށޭ. އެ މަސައްކަތްތަށް ފެށޭނެކަމަށް އަޅުގަނޑުމެން މި ލަފާމިކުރަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި."
މިނިސްޓަރގެ ވާހަކަފުޅުގައި ހޮސްޕިޓަލުތައް އެޅުމަކީ ބޮޑު ޚަރަދެއް ހިންގާ ކަމެއްކަން ފާހަގަކުރައްވާ، އަލަށް ޢިމާރާތްކުރާ ގިނަ ހޮސްޕިޓަލުތަކާއި ސިއްޙީ މަރުކަޒުތަކުގެ މަސައްކަތްތައް ފެށުމުގެ ކުރިން ޓެންޑަރިން ނިމިފައިވާކަން ފާހަގަކުރެއްވިއެވެ. އެ ހޮސްޕިޓަލުތަކާއި ސިއްޙީ މަރުކަޒުތައް އަޅަނީ ލޯން އެހީއާއި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ތެރޭގައި އިންޑިއަން އެގްޒިމް ބޭންކްގެ ލޯން އެހީގެ ދަށުން ހިންގާ މަޝްރޫޢުތަކާއި، ވޯލްޑް ބޭންކް ލޯން އެހީގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ އިތުރުން ޑޯއިޗަރ ބޭންކްގެ ލޯނު އެހީގައި ކުރިއަށް ގެންދާ މަޝްރޫޢުތައް ހިމެނެއެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވީ ސަރުކާރުން ތަރައްޤީކުރުމަށް ނިންމާފައިވާ 30 އެނދުގެ ހޮސްޕިޓަލުތައް 15 ރަށެއްގައި ޤާއިމްކުރާނެކަމަށެވެ.
* ހއ. އިހަވަންދޫ
* ހއ. ހޯރަފުށީގައި
* ހދ.ހަނިމަދޫ
* ށ .މިލަންދޫ
* ނ.ވެލިދޫ
* ނ.ކެނދިކޮޅުދޫ
* ރ. އަލިފުށި
* ރ.މީދޫއާއި
* ބ.ތުޅާދޫ
* ޅ.ހިންނަވަރު
* ކ.ތުލުސްދޫ
* އދ.މާމިނގިލި
* ވ.ފެލިދޫ
* ތ.ވިލިފުށި
* ގދ.ގައްދޫ
* ހއ.ދިއްދޫ
* ށ.ފުނަދޫ
* ނ.މަނަދޫ
* ދ. ކުޑަހުވަދޫ
* ޅ.ހިންނަވަރު
* އއ.ރަސްދޫ
* އދ. މަހިބަދޫ
* ގއ.ވިލިނގިލި
* ޏ.ފުވައްމުލައް
ޞިއްޙީ ދާއިރާއިން ސަރުކާރުގެ އެންމެ ބޮޑު ތަޞައްވުރަކީ ރާއްޖޭގެ 5 ސަރަޙައްދުގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލް ތަރައްޤީކުރުމެވެ. މިގޮތުން ޓަރަޝަރީ ހޮސްޕިޓަލްތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ގދ. ތިނަދޫ، ރ. އުނގޫފާރު، ހދ. ކުޅުދުއްފުށި، ލ. ގަން އަދި ސ. ހިތަދޫގައެވެ. ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 60 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރަށް 73 މިލިއަންގެ ބަޖެޓެއް ކަނޑައަޅާފައިވެއެވެ. ޓާޝަރީ ހޮސްޕިޓަލުތަކަކީ 100 އެނދުގެ ހޮސްޕިޓަލުތަކެކެވެ.
"ރ.އުނގޫފާރު ހޮސްޕިޓަލުގައިެވސް އަޅުގަނޑުމެން ޚިދުމަތްތައް ވަރަށް ރަނގަޅުވާނެ. އެތަނުގައި ވަރަށް ބޮޑު އެކްސްޓެންޝަން ޢިމާރާތެއްވެސް ހަދައިފިން. ދެން އިތުރު ކޮޓަރިތައްވެސް ހަދައިފިން. އެތަންވެސް އަޅުގަނޑުމެންނަށް އައު ޓާޝަރީ ހޮސްޕިޓަލެއް ހެދުމުގެ ކުރިން އެތަނުގެ ޚިދުމަތް ރަނގަޅުކރަންޖެހޭނުންތޯ. ރައްޔިތުންނަކަށް ނުތިބެވޭނުންތޯ ހޮސްޕިޓަލް އަޅަންދެން. ބަލިވާނުންތޯ މީހުންވެސް. ހޮސްޕިޓަލް އަޅަންދެންވެސް މިހާރު ހުރިތަންތަން އަޕްކޮށްފަ އެތަންތަނުގަ ރަނގަޅުފެންވަރަށް ހެދުމަށް މަސައްކަތްކުރަނީ."
* ހއ. ކެލާ
* ށ.ކަނޑިތީމް
* ށ. ގޮއިދޫ
* ށ. މާއުނގޫދޫ
* ރ.އިނގުރައިދޫ
* ބ.ކަމަދޫ
* ކ.ގާފަރު
* އއ.ތޮއްޑޫ
* އއ. އުކުޅަސް
* ފ.ފީއަލި
ސަރުކާރުން މިއަހަރުގެތެރޭގައި ވަނީ 60 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތައް ޒަމާނީ ފެންވަރަށް ގެނައުމުގެ މަސައްކަތް ކޮށްފައެވެ. މީގެތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ހެލްތު ސެންޓަރުތަކުގެ އެކްސްޓެންޝަން މަސައްކަތްތަކެވެ. އަންނަ އަހަރުގެ ބަޖެޓުގައިވެސް 132 ރަށެއްގެ ސިއްހީ ޚިދުމަތްދޭ މަރުކަޒުތައް އަޕްގްރޭޑްކުރުމަށް ހިމަނާފައެވެ. މި މަސައްކަތަށް 551 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެއެވެ.
2023 ވަނަ އަހަރަށް ސަރުކާރުން ޞިއްޙީ ދާއިރާއާށް ކުރާ އުއްމީދު ބޮޑެވެ. އަންނަ އަހަރު ފާހަގަކުރަނީ ސަރުކާރުގެ ވަޢުދުތައް ފުއްދުމުގެ މައި އަހަރުގެ ގޮތުގައެވެ. ޞިއްޙީ ދައިރާއިން 5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވެއެވެ.
މި ހުރިހާ ޚިދުމަތަކާއެކު ޞިއްޙީ ނިޒާމުގެ ވަށާޖެހޭ ޚިދުމަތެއް ޤާއިމުކުރެވޭނެއެވެ. މާލެއަށް ބަރޯސާވާންޖެހުނު ޖެހުން މުޅިން ނިމުމަކަށް ގެނެވޭނެއެވެ.