ވިޔަފާރި

ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު ޢާމްދަނީ ދެގުނަ އިތުރު


މިއަހަރުގެ މިހާތަނަށް ޑިޕާޗާރ ޓެކްސްގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ ދެގުނަ އިތުރުވެއްޖެއެވެ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ޑިޕާޗަރ ޓެކްސްގެ ގޮތުގައި މިއަހަރު ދައުލަތައް 653 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. ޑި

ޕާޗަރ ޓެކްސް ނަގަން ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ޑިޕާޗާ ޓެކްސް ނެގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. މި ބިލް ތަސްދީގުކުރެއްވުމުން އެއަރޕޯޓް ސަރވިސް ޗާޖު އުވި ޑިޕާޗަރ ޓެކްސް ވަނީ ނަގަންފަށާފައެވެ.

ދިވެހިރާއްޖޭގެ އެއަރޕޯޓްތަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމުގެ ޤާނޫނު ކުރިން އޮތް ގޮތުން އެއަރޕޯޓުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ނަގަނީ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީން ފަސިންޖަރެއްގެ އަތުން 25 ޑޮލަރެވެ. ނަމަވެސް ޑިޕާޗަރ ޓެކްސް ނަގަން ފެށުމާއިއެކު ޓެކްސް ނަގަނީ އެމީހަކު ދަތުރުކުރާ ކްލާހަކަށް ބެލުމަށް ފަހުގައެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ޑިޕާޗަރ ޓެކްސްގެ ގޮތުގައި ދައުލަތައް ވަނީ 653،464،588 (ހަސަތޭކަ ފަންސާސް ތިން މިލިއަން ހަތަރުލައްކަ ފަސްދޮޅަސް ހަތަރުހާސް ފައްސަތޭކަ އަށްޑިހައަށެއް) ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެއަރޕޯޓް ސާރވިސް ޗާޖުގެ ގޮތުގައި ލިބިފައިވަނީ 358،883،309 (ތިންސަތޭކަ ފަންސާސް އަށް މިލިއަން އަށްސަތޭކަ އަށްލައްކަ އަށްޑިހަތިންހާސް ތިންސަތޭކަ ނުވައެއް) ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 2 ގުނަ އިތުރުވުމެކެވެ.

މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް މީރާއަށް 13 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ އާމްދަނީގެ ގޮތުގައި ލިބިފައެވެ. މީގެތެރެއިން %3.6 ހިއްސާކުރަނީ ޑިޕާޗަރ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ.

ޑިޕާޗަރ ޓެކްސް ނަގާނީ އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން 12 ޑޮލަރު އަދި އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 30 ޑޮލަރެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން ނަގާނީ 60 ޑޮލަރެވެ.

މީގެ އިތުރުން ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު ޑިޕާޗަރ ޓެކްސްގެ ގޮތުގައި ނަގާއިރު ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު ނަގާނެއެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިންގެ އަތުން މި ޓެކްސް ނުނަގައެވެ.