ރާއްޖޭގެ އިޤްތިޞާދު ބަނގުރޫޓު ވުމުގެ އެއްވެސް ބިރެއް ނެތްކަމަށާއި، އަންނަ އަހަރު ތެރޭގައި އިޤްތިޞާދު ކުރިއަރާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާއި ޔޫކްރެއިން ހަނގުރާމައިގެ ފަހުން ދުނިޔޭގެ ގައުމުތަކުގެ އިޤްތިޞާދަށް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. ރާއްޖޭގެ އިޤްތިޞާދަށްވެސް ކޯވިޑްގެ ނުރަނގަޅު އަސަރުކުރި ނަމަވެސް އެކަމުން އަރައިގަނެވި، އަންނަ އަހަރު ކޯވިޑްގެ ކުރީގެ ހާލަތާއި ހަމައަށް ދެވޭނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވެސް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރުމަށް ބައިނަލްއަޤްވާމީ މާލީ އެހީތެރިކަންވެސް ރާއްޖެއިން ހޯދާފައިވެއެވެ. އޭގެތެރޭގައި ބޭރުގެ ލޯނު އެހީވެސް ހިމެނެއެވެ. މިކަމާއި ގުޅިގެން ބައެއް ސިޔާސީ ފަރާތްތަކުން އަންނަނީ ރާއްޖެ ބަނގުރޫޓްވުމުގެ ބިރު އެބައޮތްކަމަށް ތުހުމަތުކުރަމުންނެވެ. ނަމަވެސް ސަރުކާރުން އަންނަނީ އެފަދަ އެއްވެސް ބިރެއް ނެތްކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުޙައްމަދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ބަނގުރޫޓު ނުވާނެ ކަމަށާއި، އިޤްތިޞާދު ކުރިއަރަމުން އަންނަ ކަން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދީފައިވާކަމަށެވެ. އެގޮތުން ވޯލްޑް ބެންކާއި އައިއެމްއެފް ގެ ރިޕޯޓުތަކުންވެސް އެކަން ޔަޤީންކުރެވޭނެކަމަށް މިޢުވާން ވިދާޅުވިއެވެ.
"ރާއްޖޭގެ އިޤްތިޞާދު މެނޭޖްކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް މި އަންނަނީ ކުރަމުން. އެކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް އެދަނީ ފާހަގަކުރަމުން. އަދި ރައްޔިތުންގެ ޖީބަށް އޭގެ ނޭދެވޭ އަސަރެއް ނުކުރާނެކަމުގެ ޔަގީންކަން ދިނުމަށްޓަކާ އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުން ދާނެ." މިއުވާން ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދަށް އަންނަމުންދާ ހެޔޮ ބަދަލުތަކަށް އަލިއަޅުއްވާލައްވަ މިއުވާން ވިދާޅުވީ މި އަހަރު 12.3 އިންސައްތަ އަދި އަންނަ އަހަރު 7 އިންސައްތައަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖޭގެ އިޤްތިޞާދުގެ ހާލަތު ރަނގަޅުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އަންނަ އަހަރު ގިނަ ސިޔާސަތުތަކެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ޓެކްސް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ.
މިއުވާން ވިދާޅުވީ ޓެކުހުގެ ނިޒާމަށް ގެނައި ބަދަލަކީ މިސަރަހައްދުގެ އެހެން ގައުމުތަކަށް އައި އިޤްތިޞާދީ ކާރިސާއެއް އަޔަ ނުދިނުމަށްޓަކާ ގެނައި ބަދަލެއް ކަމަށެވެ.
"ކޮވިޑް ގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އައި އަޑިގުޑަންތަކުން އަދި އެއްކޮށް އަރައިނުގަނެވޭ. ގައުމުތަކުގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހެން ފެށިތަނާ މި ފެނުނީ ހަނގުރާމަ ފެށިތަން. އެހެންކަމުން އޭގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އައި ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ އިޤްތިޞާދު މެނޭޖްކުރެވެމުން މިދަނީ. ބަނގުރޫޓެއް ނުވާނެ." މިއުވާން ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދު ބަނގުރޫޓުވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ސަރުކާރުގެ ފަރާތުން ރައްދުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވެސް ވަނީ އެއީ ސިޔާސީ ބޭނުމެއްގައި ދައްކާ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށް ސިފަކުރައްވާފައެވެ. މިނިސްޓަރ އަމީރު ވިދާޅުވީ، ދަތިތަކާއި ގޮންޖެހުންތަކާއިއެކުވެސް, ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެ ގޮންޖެހުންތައް ގިރާކުރަމުންދާ ކަމަށާއި، ރަޝިޔާ-ޔޫކުރެއިން ހަނގުރާމައާއެކު ދިމާވަމުންދާ ގޮންޖެހުންތައް މެނޭޖްކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
މި ދަނޑިވަޅުގައި އިޤްތިސާދާއިމެދު, ނުރަނގަޅު ތަސައްވުރެއް އުފައްދައިި ބިރުވެރިކަން އުފެއްދުމަށްޓަކައި ޒިންމާދާރު މަޤާމުތަކުގައި ތިބެގެން ކުރެވޭ މަސައްކަތަކީ, ސިޔާސީ ބޭނުމަކަށް ކުރެވޭ ވަރަށް ހިތާމަވެރިކަމެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ. މިނިސްޓަރ އަމީރު ވަނީ ރާއްޖޭގެ އިޤްތިޞާދީ ކުރިމަގު އޮތީ ފަހިކޮށްކަންވެސް ތަކުރާރުކުރައްވާފައެވެ.