ވިޔަފާރި

އެސްޓީއޯގެ 475 އެޖެންޓުން އަތޮޅުތަކުގައި، ހުރިހާ އެޖެންޓުންގެ ވިޔަފާރިވެސް ރަނގަޅު


ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއިން ދަނީ އެ ކުންފުނިން ވިއްކާ މުދާ މާލެއެކޭ އެއްފަދައިން އަތޮޅުތަކުގައިވެސް ހެޔޮއަގުގައި ލިބޭނެ އިންތިޒާމް ހަމަޖައްސައިދެމުންނެވެ. އެގޮތުން އެސްޓީއޯއިން ރަށްރަށުގައި ވަނީ ކުންފުނީގެ ބައއް މުދާ ވިއްކުމަށް އެޖެންޓުންކަނޑައަޅާފައެވެ. މި އެޖެންޓުންގެ އެންމެ މުހިންމު އެއް ބޭނުމަކީ އެސްޓީއޯއިން ވިއްކާ މުދާ މާލެއެކޭ އެއްގޮތައް އަތޮޅުތަކުގެ ރަށްތަކުންވެސް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

އެސްޓީއޯއާއި ގުޅިގެން ރަށްރަށުގައި ކާޑު އެޖެންޓުންނާއި، ޕީޕަލްސް ޗޮއިސް އެޖެންޓުންގެ އިތުރުން ކޮންސްޓްރަކްޝަން އެޖެންޓުންވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ މި ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި އެ ކުންފުނިން ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް ކޮށްފައިވާ މުހިންމު މަސައްކަތެކެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވީ، މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 475 އެޖެންޓުން އެބަތިބިކަމަށެވެ. އަދި އެ އެޖެންޓުންގެ ވިޔަފާރިވެސް ރަނގަޅުކަމަށާއި، މީގެ ކުރިން ވިޔަފާރި ނުކުރާ ބައެއް މީހުންވެސް މިހާރު އެޖެންޓުންގެ ގޮތުގައި އެސްޓީއޯއާއި ގުޅިގެން ވިޔަފާރިކުރަމުން އަންނަކަމަށް އަމްރު ވިދާޅުވިއެވެ.

"ކާޑު އެޖެންޓުންގެ ގޮތުގައި އެބަތިބި 260 އެޖެންޓުން. އެއީ ބައެއް ރަށްރަށުގައި އެބަތިބި ތިން ހަތަރު އެޖެންޓުންވެސް. ދެން ކޮންސްޓްރަކްޝަންގައި އެބަތިބި އެކްޓިވްކޮށް 65 އެޖެންޓުން. ޕީޕަލްސް ޗޮއިސްގައި އެބަތިބި 150 އެޖެންޓުން. ދެން މީގެތެރޭގައި އަޅުގަނޑުމެން އެބަ ފާހަގަކުރަން ކޮންސްޓްރަކްޝަން އެޖެންޓުންގެ ގޮތުގައިވެސް 65 އެޖެންޓުންގެ ތެރޭގައި އެބަތިބި ކުރިން މި ވިޔަފާރި ނުކުރާ މީހުންވެސް. މި ވިޔަފާރި އަލަށް ފަށައިގެން މިހާރު ފުދޭވަރެއްގެ ރަނގަޅު ވިޔަފާރިއެއް އެމީހުންވެސް އެބަކުރޭ. ފާއިތުވެދިޔަ 6 މަސްދުވަހަށް ބަލާކަމަށްވަންޏާ އެ 65 ފަރާތުން ގާތްގަނޑަކަށް އެބަހުރި މިލިއަނެއްހާ ރުފިޔާގެ ވިޔަފާރި ކޮށްފައި." އަމްރު ވިދާޅުވިއެވެ.

އެޖެންޓުގެ ގޮތުގައި އައްޔަންކުރަނީ ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިއެއް ހިންގާ މީހުންނަށްކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. އެސްޓީއޯއިން އަތޮޅުތަކުގައި އެޖެންޓުން ކަނޑައަޅާފައިވަނީ އަތޮޅުތަކުގެ ކުދި ވިޔަފާރިތައް ކުރިއެރުވުމުގެ ބޭނުމުގައިކަމަށް އެސްޓީއޯއިން ވަނީ ވިދާޅުވެފައެވެ.

ވިޔަފާރިތައް ކުރިއެރުވުމަކީ އެސްޓީއޯއިން ވަރަށް މުހިންމު އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން އެސްޓީއޯ ސްޕަމާރޓުގައިވެސް އެހެން ވިޔަފާރިތަކުން އެމީހުންގެ ތަކެތި ވިއްކުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި އެތަނުގައި ގިނަ ޢަދަދެއްގެ ވިޔަފާރިތަކުން މިހާރު އަންނަނީ ތަކެތި ވިއްކަމުންނެވެ.