ރިޕޯޓް

ޚާރިޖިއްޔާގެ ރަން 4 އަހަރު: އެކަހެރިކަން ނިމުމަކަށް


ކުޑަ ޖަޒީރާ ގައުމެއް، އޭގެ އެންމެ ފުރިހަމަ ޖަޒީރާ ވަންތަކަމުގައި ތަރައްގީކޮށް ހިންގުމަށް ގިނަ ޒިންމާތަކަކާއި ބުރަ މަސައްކަތްތަކެއް ކުރައްވަން ގައުމުގެ ހުންގާނާއި ރައީސުޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މީގެ 4 އަހަރު ކުރިން ހަވާލުވެވަޑައިގެންނެވި އިރު ޤައުމަށްޓަކާ ކުރައްވަން ޖެހިވަޑައިގެންނެވި އެންމެ މުހިންމު އެއް ކަމަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ އަޑު އިވޭނެ މަގެއް ހޯދުމެވެ.

އަސާސީ ޚިދުމަތްތަކުން ފެށިގެން ގޮސް އެންމެ ބޮޑެތި ކަންކަމާ ހަމައަށް ވެސް އަވައްޓެރި ޤައުމުތަކަށް ބަރޯސާވަމުން އަންނަ އަޅުގަނޑުމެންގެ މި ކުޑަ ޤައުމު ދުނިޔެއިން އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމެވެ. ވެރިކަމަށް ވަޑައިތުމަށް ފެއްޓެވި ކެމްޕޭނުން ފެށިގެން އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި އެ ވަޢުދުފުޅު މިއަދު ވަނީ ފުދިފައެވެ. މި ކުޑަ ކުޑަ ޖަޒީރާ ދިވެހިރާއްޖެއަށްވެސް ދުނިޔޭގެ މައިދާނުގައި ފައިހަރުކޮށްލެވޭނެ ކަން މިވަނީ ދައްކައިދީފައެވެ.

ފާއިތުވެދިޔަ ހަތަރު އަހަރު ތެރޭގައި ރާއްޖެއަކީ އެކަހެރިވެފައިވާ ޤައުމަކުން މުޅި ދުނިޔެ ބަލައިގަންނަ ގައުމަކަށް ހެދުުގެ ދަތުރުގައި ނެގުނު އެންމެ ބޮޑު އަދި އެންމެ ފުރަތަމަ ފިޔަވަޅަކީ ކުރީގެ ސަރުކާރުން ކޮމަންވެލްތުން ވަކިވެފައިވަނިކޮށް، 1 ފެބްރުއަރީ 2020 ގައި ދިވެހިރާއްޖެ މިވަނީ އަލުން ކޮމަންވެލްތާއި ގުޅުމެވެ.

އެއާއެކު ހަތަރު އަހަރަށް ފަހު ޤައުމުގެ އިސްވެރިޔާގެ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ އ.ދ.ގެ އާންމު މަޖިލީހުގައި ދެ ފަހަރު ބައިވެރިވެވަޑައިގެން ތަޤުރީރު ކުރެއްވި.ެވެ. މީގެ ތެރެއިން އެއް ފަހަރު ތަޤުރީރު ކުރެއްވީ މުޅި ދުނިޔޭގައި ވެސް ދިވެހިން އެކަނި ވާހަކަދައްކާ އަހަރެމެންގެ ފަޚުރުވެރި މާދަރީބަހުންނެވެ.

ދިވެހިރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ޚާރިޖީ ދާއިރާއިން ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ރާއްޖެއިން ވަނީ ހޯދާފައެވެ. އެއީ ީ، އ.ދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖޭގެ ކެންޑިޑޭޓެއްގެ ގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހޮވިވަޑައިގަތުމެވެ. މިއީ 193 ޤައުމުގެ ތެރެއިން 143 ޤައުމުގެ ވޯޓުގެ ފުރިހަމަ އަޣުލަބިއްޔަތުން ލިބުނު ފަޚުރުވެރި ބޮޑު ކާމިޔާބީއެކެވެ. ރާއްޖޭގެ ޚާރިހީ ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ ބޮޑު ޝަރަފެކެވެ.

އދ. ގައި ރާއްޖެއަށް އެތައް ކުރިއެރުމެއް


މިނިސްޓަރ ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމުގައި ހުންނެވުމުގެ ދައުރު ހަމަވުމަށް ފަހު ވެސް އދ. ގައި ރާއްޖޭގެ އަލިގަދަ ތަރީގެ ވިދުމަކަށް ފަނޑުކަމެއް ނެތެވެ. އޭގެ ފަހުން ރާއްޖެއިން ކުރިމަތިލި ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ވެސް މި ކުޑަކުޑަ ޖަޒީރާ ގައުމުން ވަނީ ބޮޑު އަޢުލަބިއްޔަތަކުން ކާމިޔާބުކޮށްފައެވެ. ރާއްޖެ އިންތިޚާބު ވެފައިވަނީ އެކައުންސިލުގެ އޭޝިއާ ޕެސިފިކް ސްޓޭޓުތަކުގެ ތެރެއިން ހުސްވެފައިވާ 4 ގޮނޑީގެ ތެރެއިން ގޮނޑިއަކަށް. މިއީ 189 ޤައުމުގެ ތެރެއިން 154 ޤައުމުގެ ވޯޓުގެ ފުރިހަމަ އަޣުލަބިއްޔަތުން ކާމިޔާބު ކުރި ގޮނޑިއެކެވެ.

މީގެ އުތުރަށް އދ. ގެ ސަބްކޮމިޓީ އޮން ދަ ޕްރިވެންޝަން އޮފް ޓޯރޗާ އެންޑް އަދަރ އިންހިއުމޭން އޮރ ޑީގްރޭޑިންގ ޓްރީޓްމެންޓް އޮރ ޕަނިޝްމެންޓް ގެ 2021 އިން 2024 ގެ ޓަރމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ހޮވިވަޑައިގަތުމަކީ ވެސް ރާއްޖެ ފަދަ ކުޑަ ގައުމަކަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އަދި ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ގެންގުޅޭ ސިޔާސަތުގެ ތެރެއިން ވެސް ފާހަގަކޮށްލެވޭނެ ހާއްސަކަމެކެވެ.

އދ. ގައި ރާއްޖެއިން ހޯދދާފައިވާ ކާމޔިޔާބީތަކުގެ ދިގު ލިސްޓުގައި ފާހަގަކޮށްލެވޭ އަނެއް ކަމަކީ ކްލައިމެޓް ޑިޕްލޮމަސީގެ ދަށުން، ދިވެހިރާއްޖެއިން އިސްނަގާ، ކުރި މަސައްކަތުން ސާފު، ސިއްޙަތަށް ރަނގަޅު، ދެމެހެއްޓެނިވި ތިމާވެއްޓެއް އޮތުމަކީ ބައިނަލްއަޤުވާމީ އިންސާނީ ހައްޤެއްކަމަށް ފުރަތަމަ ފަހަރަށް އދ. އިން 161 ވޯޓާއި އެކު ފާސްކުރުމެވެ. އަދި ދިވެހިރާއްޖޭގެ އިސްނެގުމާއެކު ހުށަހަޅައި، 'އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޯމަސީ" އަށް ވަކި ދުވަހެއް ކަނޑައަޅައި އދ. އިން ޤަރާރެއް ފާސްކުރެވުމަކީ ވެސް މަލްޓިލެޓަރަލް މައިދާނުގައި ފާހަގަ ކޮށްލެވޭ ފަދަ ތާރީޚީ ނިންމުންތަކެވެ.

ގިނަ ޤައުމުތަކާއެކު ސިޔާސީ ގުޅުން، މަތީ ފަންތީގައި އެތައް މަޝްވަރާތަކެއް


ބައިލެޓަރަލް ދާއިރާއަށް ބަލާލާ އިރު، މިދިޔަ ހަތަރު އަހަރުތެރޭގައި ޖުމްލަ 10 ޤައުމަކާއި އެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވެއެވެ. އެއީ ބޮލީވިއާ، ރުވާންޑާ، އަންގޯލާ، އެސްވަޓީނީ، އެރިޓްރިއާ، ލެސޯތޯ، ބުރުންޑީ، ސައޮ ޓޯމޭ އެންޑް ޕްރިންސިޕެ، މަލާވީ އަދި ގިނީ ބިސާއު. ހަމަ އެއާއެކު ޤަތަރާއެކު ސިޔާސީ ގުޅުން ކަނޑާލެވިފައި ވަނިކޮށް އެ ގުޅުން އަލުން ޤާއިމު ކުރެވުނު. މިއާއެކު އ.ދ. ގެ 193 ޤައުމުގެ ތެރެއިން 182 ޤައުމާއެކު ސިޔާސީ ގުޅުން ވަނީ ޤާއިމްކުރެވިފައެވެ.

ޚާރިޖީ ގުޅުންތަކަށް އައި ހެޔޮ ބަދަލުގެ ނަތީޖާއެއްގެ ގޮތުން ބޭރުގެ ޤައުމުތަކުގެ ދަޢުވަތަށް، 10 ޤައުމަކަށް ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅުތައް ކުރެއްވި. އެއީ އިންޑިއާ، ސްރީލަންކާ، ޖަޕާން، ބަންގްލަދޭޝް، ސިންގަޕޫރު، ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ޤަތަރު، ސޭޝެލްސް، ޔުނައިޓެޑް ކިންގްޑަމް، ބަޙްރައިންއެވެ. މި ދަތުރުފުޅުތަކުން މުހިއްމު ނަތީޖާތަކެއް ނެރެވުނު. އެންމެ ޚާއްސަގޮތެއްގައި ފާހަގަކޮށްލެވެނީ ހިލޭ އެހީ، ގްރާންޓް، ލުއި ލޯނު އަދި ލައިން އޮފް ކްރެޑިޓާއި ތަކެތީގެ ގޮތުގައި ވޭތުވެދިޔަ 4 އަހަރު ހޯދުނު ގާތްގަނޑަކަށް ހަތަރެއް3.40 ބިލިއަން އެމެރިކާ ޑޮލަރެވެ. ވޭތުވެދިޔަ 4 އަހަރު ތެރޭގައި، ދޭދޭ ޤައުމުތަކާއެކު ދިވެހިރާއްޖެއަށް މަންފާ ކުރަނިވި ތަފާތު ދާއިރާތަކުން، 176 އެއްބަސްވުން ނުވަތަ ފަހުމުނާމާގައި ސޮއިކޮށްފައިވެއެވެ.

މި ސަރުކާރުން ކުރަމުން އައި މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ތިބޭ ދިވެހިންނަށް ވެސް އެކަށީގެންވާ ކޮންސިއުލަރ ޚިދުމަތް ފޯރުކޮށްދިނުމަށް ކޮށްފައިވާ މަސައްކަތްތަކެވެ. ކޮވިޑް-19ގެ ދުވަސްވަރު މިކަމުގެ މުހިންމުކަން އެނގިގެންގޮސްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރ އަބްުﷲ ޝާޙިދުގެ ފުރިހަމަ އާރުކާޓީގެ ދަށުން އެ އަޑިގަނޑުން ވެސް ދިވެހިން އަރައިގަތީ ދަތިކަމެއް ނެތިއެވެ.



ގައުމުތަކަށް ދަތުރުފަތުރު ކުރާ، އަދި ތަފާތު އެކި ބޭނުންތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރި އުޅޭ ދިވެހިންނަށް ވިސާގެ ލުއި ފަސޭހަ ހޯދާ ދިނުމަށްޓަކައި ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ސަރުކާރާ ޔޫ.އޭ.އީ. މޮރޮކޯ، ޗައިނާ، ތައިލޭންޑް، ރަޝިޔާ، ކަޒަކިސްތާނު، ކިރިގިޒްތާނު ސަރުކާރާ ދެމެދު 'ވިސާ ވެއިވަރ' އެގްރީމަންޓުތަކުގައި ސޮއިކުރެވުނެވެ. މި ނިންމުންތަކާއެކު ވިސާއާ ނުލައި ޖުމްލަ 86 އަށްވުރެ ގިނަ ޤައުމަށް މިހާރު ދިވެހިންނަށް ދަތުރުކުރެވޭނެއެވެ. އަދި ދިވެހި ޕާސްޕޯޓަކީ މިވަގުތު މުޅި ދެކުނު އޭޝިޔާ ސަރަހައްދުންވެސް އެންމެ ބާރުގަދަ ޕާސްޕޯޓެވެ.

ރާއްޖޭގެ ފަތުރުވެރިންނަށް ޝެންގަން ވިސާ މާލެއިން ދޫކުރުމަށްޓަކައި ވީ.އެފް.އެސް. ގެ ވިސާ ސެންޓަރެއް 1 މާޗް 2020 ގައި ހުޅުވާފައިވާއިރު ވީ.އެފް.އެސް. ގެ ވިސާ ސެންޓަރުން ޖަރުމަން ވިލާތތާއިއ، ޗެކް ރިޕަބްލިކް، އޮސްޓްރިއާ، ހަންގޭރީ، އަދި އިޓަލީ އަށް ދަތުރު ކުރުމަށްޝެންގަން ވިސާއަށް އެޕްލައިކުރެވޭނެއެވެ. އަދިސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރާ ދިވެހި ފަތުރުވެރިންނަށާއި، ޢުމްރާގެ މަތިވެރި އަޅުކަމަށް ވަޑައިގަންނަވާ ދިވެހި ރައްޔިތުންނަށް އޮންލައިންކޮށް ވިސާ ނެގޭނެ އިންތިޒާމްވެސް މިހާރު ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކުން ވެސް ރާއްޖެއަށް އޮންނަ އިތުބާރު ބޮޑުވެފައިވާކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނެއް ދިވެހިރާއްޖޭގައި މުޅިން އަލަށް ހުޅުވުންމެވެ. މިއީ ޔޫރަޕްގެ ޤައުމަކުން ދިވެހިރާއްޖޭގައި ރެޒިޑެންޓް މިޝަނެއް ޤާއިމްކުރި ފުރަތަމަ ފަހަރެވެ.

ދާއިރާ ވަކިވެ، ހާއްސަ ގާނޫނެއް


ޙާރިޖީ ދާއިރާ އިތުރަށް ޚަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ދަށުން ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ ދިވެހި ޚާރިޖިއްޔާގައި މަސައްކަތްކުރާ މުވައްޒަފުން ބާރުވެރިކުރުވައި، ވަޒީފާގެ ޔަގީންކަން ކަށަވަރުކުރުމުގެ ގޮތުންނާއި، ޚާރިޖިއްޔާގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ފޮރިން ސާރވިސް އާ ބެހޭ ފުރަތަމަ ޤާނޫނެއް ވުޖޫދަށް ގެނެސް އަމަލުކުރަން ފެށުމެވެ. ގާނޫނަށް އަމަލު ކުރަންފެށުމާއި އެކު "ދިވެހިރާއްޖޭގެ ފޮރިން ސާރވިސް" އަކީ ވަކި ޕްރޮފެޝަނަލް ޚިދުމަތެއްގެ ގޮތުގައި ކަނޑައެޅުނެވެ.

ޚާރިޖީ ދާއިރާއިން ހަތަރު އަހަރުގެ މަސައްކަތްތަކަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވަޢުދުފުޅު އެމަނިކުފާނު ފުއްދަވާފައިވާކަމާ މެދު އެއްވެސް ޝަކެއް ނެތެވެ. މިވީ 4 އަހަރު ދުވަހުގެ ތެރޭގައި މިވަނީ ޚާރިޖިއްޔާއަކީ އެމަނިކުފާނުގެ ހިކުމަތްތެރި އިރުޝާދުގެ ދަށުން މަސައްކަތްކޮށް، ކަން ކުރެވޭ އަދި ނަތީޖާ ނެރެވޭ މުއަށްސަސާއެއް ކަން ސާބިތުކޮށްދީފައެވެ. އަދި ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއްކަމުގައި ވީނަމަވެސް، އެއީ ބައިނަލް އަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ހައިބަތާއި ޝަހުސިއްޔަތު ކުޑަވާން ޖެހޭ ސަބަބެއްނޫންކަން ސާބިތުކޮށްދީފައެވެ.

މި 4 އަހަރު ދުވަހުގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން މި ވަނީ ދިވެހިރާއްޖެއަކީ ދުނިޔޭގެ މަޝްރަހުގައި ބަސް ބުނެވޭ، ބަސްވިކޭ އަދި އެހެން ޤައުމުތަކުން އަޅުގަނޑުމެންގެ ބަސް އަޑުއަހާ ބަޔަކަށް ހަދާފައެވެ. ދިވެހިރާއްޖެއަކީ މިހާރު ދުނިޔޭގެ ބޮޑެތި ބާރު ތަކުންވެސް އިޙުތިރާމުކުރާ އަދި އެޤައުމުތަކުންވެސް ދިވެހިރާއްޖެއާ ގުޅުން ބަދަހިކުރަން ބޭނުންވާ ޤައުމަކަށް ހަދާފައެވެ.