ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަކީ ޕާޓީތެރޭގައި ޚިޔާލު ތަފާތުވުންތައް އޮތްނަމަވެސް، ސިޔާސީ ގޮތުން ކާމިޔާބީ ހޯދުމުގައި އަބަދުވެސް އެކަތިގަނޑެއްގެ ގޮތުގައި އޮންނަ ޕާޓީއެއްކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ސިޔާސީ ގޮތުން އެމްޑީޕީގެ ތެރޭގައި އޮތް ޚިޔާލު ތަފާތުންތަކުގެ ވާހަކަތަކަކީ މިދުވަސްވަރު ވަރަށް ގަދަޔަށް ދެކެވެމުންދާ ވާހަކަތަކެއްކަމަށެވެ. މިއީ އާކަމަކަށް ބަޔަކަށް ހީވިނަމަވެސް އެމްޑީޕީއަކީ އޭގެ ޒާތުގައިވެސް ޚިޔާލު ތަފާތުވުންތަކާއި، ބަސްބުނުމަށް ޖާގަ ހޯދައިދިން ޕާޓީކަމަށް މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ މިހާރުގެ ހުރިހާ އަމާޒެއް އޮތީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީގެ ޕްރައިމަރީން ކާމިޔާބު ހޯދާ ބޭފުޅަކަށް ކާމިޔާބު ހޯދައިދިނުމަށްކަން ފާހަގަކުރައްވާ މޫސާ މަނިކު ވިދާޅުވީ، މިމަސައްކަތުގައި އެންމެ ބޮޑަށް މިއަދު ކުރަންޖެހޭ ކަމަކީ ޚިޔާލު ތަފާތުވުމުގެ ތެރެއިން އެކީގައި ނޫޅޭވަރަށް ދުރުނުވުންކަމަށެވެ. އަމިއްލަ ޕާޓީ ތެރޭގައި އޮތް ވާދަވެރިކަމަކީ ރިޔާސީ އިންތިޚާބުގެ ކާމިޔާބީއަށް އޮތް ހުރަހެއް ނޫންކަމަށްވެސް މޫސަ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕާޓީއަކީ ހަމަ ހަގީގަތުގައިވެސް ޑިމޮކްރަޓިކް ޕާޓީއެއް. ހަމަ ރައީސް ނަޝީދުވެސް ނިކުމެ ވަޑައިގަންނަވާނެ. ވާހަކަވެސް ހަމަ ދައްކަންވީ. އެހެން ނަމަވެސް އަޅުގަނޑުމެން ކުރިން ދެއްކި ވަރަށްވުރެ ޒުވާބު ބޮޑުވާންވީމާ ނަތީޖާ ރަނގަޅެއް ނުވާނެ. ކޮންމެ ބޭފުޅަކު ޕްރައިރީން ހޮވުނަސް އެބޭފުޅަކާއިއެކު ދާންވީ. ދެން މިހާރު ކުރި މަސައްކަތުން އެބަފެނޭ ރައީސް ޞާލިހަށް ފުރުސަތު ބޮޑުކަން." މޫސަ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަންވެސް ކުރައްވާފައިވާ މޫސަ ވިދާޅުވީ ރައީސުމްޖުމްހޫރިއްޔާ ރާއްޖޭގެ ކުރިއެރުމަށް ކުރައްވަފައިވާ މަސައްކަތް ކޯލިޝަން ބައިވެރިންނާއި، އެމްޑީޕީއަށްވެސް ރައްޔިތުންނާއި ހަމައަށް އެންމެ ރަނގަޅަށް ވާސިލް ކޮށްދެވިފައިނުވާކަމަށެވެ. އެމަސައްކަތަކީ އެމްޑީޕީން ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ރޭވުންތެރި ކަމާއިއެކު ކުރަންޖެހޭ މަސައްކަތެއް ކަމަށް މޫސަ ވިދާޅުވިއެވެ. ސަރުކާރުން މިވީ ހަތަރު އަހަރުތެރޭގައި ކޮށްފައިވާ މަސައްކަތަކީ ހަމަހަމަ ކަމާއިއެކު ހުރިހާ ރައްޔިތުންނަށް އޭގެ މަންފާ ކުރާނެހެން ކޮށްދެވިފައިވާ މަސައްކަތްތަކެއް ކަމަށް މޫސަ ސިފަކުރެއްވިއެވެ.
އާބަދީގެ ކުޑަ ބޮޑުމިނަކަށް ނުބަލައި ރާއްޖޭގެ ހުރިހާ ރަށެއް ތަރައްޤީކޮށް ރާއްޖޭގެ ރައްޔިތުންގެ ފުރިހަމަ އިތުބާރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހޯއްދަވާފައިވާކަމަށް މޫސަ ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ ގޮތުންވެސް ފާއިތުވި ހަތަރު އަހަރަކީ މިހާތަނަށް ދުނިޔޭގެ ގައުމުތަކުގެ އެންމެ ބޮޑު އިތުބާރެއް ރާއްޖެއަށް ލިބުނު ހަތަރު އަހަރު ކަމަށް މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އަދި ސިޔާސީ މަަސައްކަތުގައި ރާއްޖޭގައި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނޭ ރީކޯ މޫސަ އެމްޑީޕީން ވަކިކުރީ ރައީސް ނަޝީދުގެ ލީޑަރޝިޕްގައި 2016 ވަނަ އަހަރުއެވެ. ނަމަވެސް މިމަހުގެ 8 ވަނަ ދުވަހު މޫސަ ވަނީ އަލުން އަނބުރާ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.