ސިޔާސީ

ޤައުމުގެ ތަރައްޤީއަށް ޖާގަނުދޭ ފަރާތްތަކަށް ފުރުޞަތެއް ނެތް


ޤައުމުގެ ތަރައްޤީއާއި
ކުރިއެރުމަށް ޖާގަނުދޭ ސިޔާސީ ފަރާތްތަކަށް ރައްޔިތުންވެސް ފުރުޞަތު ނުދޭނެކަމަށް
ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޓީވީއެމް ރާއްޖެ މިއަދު
ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު
ވިދާޅުވީ، ޤައުމުގައި ސިޔާސީ ގޮތުން މަސައްކަތްކުރައްވާ ހުރިހާ ފަރާތްތައް
ޒިންމާދާރުވެގެން މެނުވީ ގެނެވޭ ތަރައްޤީގެ ފޮނިމީރުކަން ރައްޔިތުންނަށް ނުލިބޭނެކަމަށެވެ.
ސިޔާސީ ހަމަޖެހުމާއި ތަރައްޤީއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ދައްކަވާފައިވާ
ވާހަކަފުޅަށް ބާރުދެއްވަމުން ހައުސިންގ މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ މިހާރުގެ
ވެރިކަމުގެ ނިޒާމުގައިވާ ގޮތުން އިދިކޮޅު ސިޔާސީ ފަރާތެއް އޮންނަންޖެހުނު
ނަމަވެސް، އެފަރާތެއް ވާންޖެހޭނީ ޒިންމާދާރުކަމާއެކު ސަރުކާރު ޖަވާބުދާރީކުރުވާ
ފަރާތަކަށްކަމަށެވެ. 

ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް އެކަން އޮންނަ ގޮތްކަމަށް
ވިދާޅުވެ މިސާލު ނަންގަވަމުން މިނިސްޓަރ މުޢިއްޒު ވިދާޅުވީ، މިހާރު ރާއްޖެގާއި
ތިއްބެވި އިދިކޮޅު ފަރާތްތަކުން ނަމޫނާ ނަންގަވާ ޤައުމުކަމަށްވާ އިނގިރޭސިވިލާތުގައިވެސް އިދިކޮޅު ފަރާތްތަކުން ޤައުމަށް ފައިދާކުރަނިވި އަދި ރައްޔިތުންގެ ލާބަޔާ މަންފާ ލިބޭކަންކަމުގައި ސަރުކާރަށް
އެއްބާރުލުންދޭ ކަމަށާއި އެކަންކަމާ އިދިކޮޅު ނުހަދާކަމަށެވެ. ނަމަވެސް ރާއްޖޭގެ
އިދިކޮޅު ފަރާތްތަކުން ކިތަންމެ ރަނގަޅު، ފައިދާކުރަނިވި ކަންކަން
އެނގިތިބެ ދެކޮޅު ހައްދަވާ ޤައުމަށް ގެއްލުންދިނުމަށް މަސައްކަތްކުރަމުންގެންދާކަމަށް
ތުހުމަތުކުރެއްވިއެވެ.

މިނިސްޓަރ މުޢިއްޒުގެ ވާހަކަފުޅުގައި ޤައުމީ ލޯތްބަށްވުރެ އަމިއްލަ އެދުން
ބޮޑުވެއްޖެނަމަ ޤައުމަށް އެތައް ގޮތަކުން
ގެއްލުމާއި ކުރިމަތިލާންޖެހޭ ކަމަށް ވިދާޅުވިއެވެ. އެގޮތުން މީގެ ހަތަރު
އަހަރުކުރިން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަދުވަހު އޭރުގެ ވެރިކަން
ބަދަލުވެ ފެބުރުއަރީ 8 ވަނަ ދުވަހު އިދިކޮޅު ފަރާތަކުން ހިންގި
ހަމަނުޖެހުންތަކުގައި ޤައުމުގެ އުމްރާނީ ބިނާތަކަށް ދިން ގެއްލުން މިނިސްޓަރ ފާހަގަކުރެއްވިއެވެ.





މިނިސްޓަރ ވަނީ ސިޔާސީ
ޚިޔާލުތަފާތުވުންތަކާ އެކުވެސް ރައީސް ޢަބްދުﷲ ޔާމީން ޤައުމަށް ގެންނަވަމުންދާ
ތަރައްޤީއާއި ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން ދެއަހަރު ދުވަހުގެ
ތެރޭގައި 20 ރަށުގެ ބަނދަރުގެ މަޝްރޫޢު
ނިންމަވާ، 7 ރަށްރަށުގެ ބިން ބޮޑުކުރުމުގެ މަޝްރޫއެއް ނިންމަވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ބޯހިޔާވަހިކަން
ރައްޔިތުންނަށް ފޯރުކޯށްދިނުމަށް މިހާތަނަށް ރާއްޖޭގައި ނުހިންގޭހާ ބާރުމިނުގައި
ގިނަ މަޝްރޫޢުތައް ނިންމަވާ އަދި މިހާރު ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.