ޚަބަރު

އުރީދޫ އެމް-ފައިސާއިން އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކަށް މިހާރު ފައިސާ ދެއްކޭނެ


އުރީދޫ އެމް-ފައިސާ މެދުވެރިކޮށް އެފްއެސްއެމްގެ ފެޓްރޯލް ޝެޑްތަކުން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. މި ޙިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޤަސަމް އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ހާލިދު އަލް ހަމާދީއެވެ.

އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް އެފްއެސްއެމްގެ މާލެ ސަރަހައްދުގެ 5 ޝެޑަކަށް ފެޓްރޯލް އެޅުމަށްފަހު ފައިސާ ދެއްކޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ. އެއީ މާލޭގައި ހުންނަ 4 ޝެޑާއި ހުޅުމާލޭގައި ހުންނަ ޕެޓްރޯލް ޝެޑެވެ.

މި ޙިދުމަތް ފައްޓަވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޤަސަމް ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ދުވަހުން ދުވަހަށް އެ ކުންފުނިން ދޭ ޙިދުމަތް ރަނގަޅުކުރުންކަމަށެވެ. މީގެކުރިން އެފްއެސްއެމްގެ ޝެޑްތަކުން ހަމައެކަނި ޕޭމަންޓް ހެދެނީ ނަގުދު ފައިސާއިންނެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން ވަނީ ނަގުދު ފައިސާ ނޫން ގޮތްގޮތައްވެސް ފައިސާ ދެއްކޭނެ އިންތިޒާމްތައް ހަމަޖައްސާފައެވެ. އެފްއެސްއެމްގެ ޝެޑްތަކުން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް މިހާރު ހަމަޖެހިގެން ދިޔައިރު މިއީ ވަރަށް ތާރީހީ ދުވަހެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޤަސަމް ވިދާޅުވީ، އެ ކުންފުނީގެ ޝެޑްތަކުން ޙިދުމަތް ހޯދާ މީހުންގެ އަދަދު މިހާރު އިތުރުވެފައިވާކަމަށެވެ. އަދި މިހާރު ދިމާވާ ދައްޗަކީ ޝެޑްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މަދުވުންކަމަށެވެ. މިކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"އެފްއެސްއެމްގެ ޝެޑުތަކުން ޚިދުމަތް ހޯދަމުންދާ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑުތަނުން އިތުރުވަމުން. އެގޮތުން 2018 އާއި މިއަދާއި އާޅާބަލާއިރު އެފްއެސްއެމްގެ ޝެޑުތަކުން ޑީސަލްގެ ޙިދުމަތްހޯދާ ކަސްޓަމަރުންގެ އަދަދު ވަނީ %109 އިތުރުވެފައި. އަދި ހަމަ އެއާއިއެކު ޕެޓްރޯލްގެ ޙިދުމަތް ހޯދާ އަދަދު ވަނީ %86 އިތުރުވެފައި. އެހެންކަމުން ބައެއް ފަހަރަށް ތިބޭފުޅުންނަށްވެސް ފާހަގަކުރެވޭނެ އެފްއެސްއެމްގެ ޝެޑްތަކުން ކިޔުތައް ބައެއް ފަހަރު ދިގުވެގެންދާ މަންޒަރު އެބަފެނިގެންދޭ. އެކަންތަކަށްވެސް ހައްލެއް ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން." ޤަސަމް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ، މިއީ އެ ކުންފުނިން ޑިޖިޓަލް ޓެކްނޮލޮޖީއަށްދިއުމަށް ކުރާ މަސައްކަތައް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށެވެ. އެގޮތުން އަތުގައި އޮންނަ ފޯނު މެދުވެރިކޮށް މިހާރު ފަސޭހަކަމާއިއެކު ފައިސާ ދައްކާލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫ އެމް-ފައިސާއިން އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކަށް ފައިސާ ދައްކައިގެން ސައިކަލެއް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހާއި ހަމައަށެވެ.