ވިޔަފާރި

އިނގިރޭސިވިލާތުގެ މައި 3 ސިޓީއެއްގައި ރާއްޖެ އިޝްތިހާރުކުރަނީ


އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ޙާއްސަ ރޯޑް ޝޯވތަކެއް ފަށައިފިއެވެ. މިއީ ޑަބްލިއުޓީއެމް ލަންޑަން ނިންމާލުމަށްފަހު އިނގިރޭސިވިލާތުގައި ކުރިއަށްގެންދާ ރޯޑްޝޯތަކެކެވެ.

އެމްއެމްޕީއާރުސީން ބުނީ އިނގިރޭސިވިލާތުގައި ކުރިއަށްގެންދާ މި ރޯޑް ޝޯވތަކަކީ އެ ޤައުމުގައި ރާއްޖެ ސްޓްރެޓަޖިކަލީ ޕްރޮމޯޓުކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ. މި ރޯޑްޝޯގެ ތެރެއިން އިނގިރޭސިވިލާތުގެ މައި 3 ސިޓީއެއްގައި ރާއްޖެ އިޝްތިހާރުކުރާނެއެވެ. މި ރޯޑްޝޯވ ސީރީޒް ކުރިއަށްދާނީ ލަންޑަން، މެންޗެސްޓާރ، އަދި ނިއުކާސަލްގައި މި މަހުގެ 9 އަކުން 11 އަށެވެ.

މީގެފުރަތަމަ ރޯޑް ޝޯވ މެންޗެސްޓާރ ގައި ކުރިއަށްގެންދިޔައިރު އެމްއެމްޕީއާރުސީއާއިއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 8 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. މި ރޯޑް ޝޯވގައި އިގިރޭސިވިލާތުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

ޑަބްލިއުޓީއެމް ލަންޑަންގައިވެސް މިއަހަރު އެމްއެމްޕީއާރުސީއާއިއެކު ފަތުރުވެރިކަމުގެ ބޮޑު ޑެލިގޭޝަނެއް ބައިވެރިވެ ވަނީ ރާއްޖެ އިޝްތިހާރުކޮށްފައެވެ. މި ފެއަރގައި ޓޫރިޒަމް އިންޑަސްޓްރީގެ 80 ކުންފުންޏަކުން 173 މީހުން ބައިވެރިވެއެވެ.

މިއަހަރުގެ ޑަބްލިއުޓީއެމް ފެއަރގައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ 50 އަހަރުގެ މި ދިގު ދަތުރުގެ މައުލޫމާތު ދުނިޔޭގެ ނޫސްވެރިންނަށް ކިޔާދީފައެވެ. "މޯލްޑިވްސް މީޑިއާ މީޓް" ގެ ނަމުގައި ބޭއްވި މި ހަރަކާތުގައި ރާއްޖެއަށް ފަތުރުވެރިކަން ފައްޓަވައިދެއްވި ބާނީއެއްކަމަށްވާ ޗަންޕާ ހުސައިން އަފީފާއި، ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްއާއި، އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު މުހައްމަދުގެ އިތުރުން ރާއްޖެއިން އިނގިރޭސިވިލާތައް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަރަހަނާޒް ފާއިސަލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިނގިރޭސިވިލާތަކީ ރާއްޖޭގެ ޒަމާންވީ އެއް މާކެޓެވެ. އިނގިރޭސިވިލާތުން މި އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް 147،535 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ.