ޚަބަރު

ޗާގޮސްގެ މައްސަލާގައި އޮތް ފުރުޞަތު ގެއްލުވާލީ ކުރީ ސަރުކާރުން: ޝާހިދު


ޗާގޯސްއަކީ ރާއްޖޭގެ ތަނެއްކަމަށް ކަނޑައެޅުމަށް ލިބުނު އެންމެ ފަހު ފުރުޞަތު ގެއްލުވާލީ ކުރީގެ ސަރުކާރުންކަމަށް ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޗާގޯސް މައްސަލައިގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި އެކުލަވާލެވުނު އެއްވެސް ޤާނޫނު އަސާސީއެއްގައި އެއްވެސް އިރެއްގައި ޗާގޯސްއަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިމެނޭ ރަށްތަކެއްކަމަށް ކަނޑައަޅަފައި ނުވާކަމަށެވެ.

މިހާރު ޢަމަލުކުރާ ޤާނޫނު އަސާސީއަކީ ދިވެހި ދައުލަތުގެ ހުރިހާ ބާރަކުންވެސް ޢަމަލުކުރަންޖެހޭ ޤާނޫނު އަސާސީއެއްކަމަށާއި، އެއާއި ދިވެހި ދައުލަތުން ޚިލާފު ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސަރަހައްދަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ދިވެހި ސަރުކާރުން ނުކުރާނެކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ 1932ގައި ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އެކުލަވާލެވުނު ތާރީޚުން ފެށިގެން މިހާރު ޢަމަލުކުރެވެމުން އަންނަ ޤާނޫނު އަސާސީއާއި ދެމެދު އެކުލަވާލެވުނު އެއްވެސް ޤާނޫނު އަސާސީއެއްގައި ޗާގޯސްއަކީ ރާއްޖޭގެ ސަރަހައްދެއްކަން އެއްވެސް ވަރަކަށް ބަޔާންކޮށްފައި ނުވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ބޭސްލައިން ދަމާލުމުން ޗާގޯސްއާއި ދެމެދު 200 ނޯޓިކަލް މޭލު ސަރަަހައްދު ފުށުއަރާ މައްސަލާގައި 1992 ވަނަ އަހަރު އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާދެމެދު މަޝްވަރާކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ. އަދި އެ އެއްބަސްވުމުގައި ކަނޑުގެ ސަރަހައްދު ފުށުއަރާ ފުށުއެރުން ހައްލުކުރުމުގައި އިކުއިޑިސްޓެންސްގޮތުގައި ހައްލުކުރުމަށް ބަޔާންކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ ފަހުން ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ އޮކްޓޫބަރު 21ގައި މޮރީޝަސްގެ ކެބިނެޓް ސެކްރެޓަރީ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރާއްޖޭގެ އޭރުގެ ފޮރިން މިނިސްޓަރ އަހްމަދު ޝަހީދާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޗާގޯސްއަކީ މޮރީޝަސްގެ ސިޔާދަތީ ބާރު އޮތްތަނެއްކަން އެ މަޝްވަރާތަކުގެ ތެރޭގައި ރާއްޖެއިން އެއްބަސްވެފައިވާކަމަށްވެސް ޝާހިދު ވިދާޅުވެފައެވެ.

"ފުރަތަމަ 1992 ވަނަ އަހަރު ދިވެހި ސަރުކާރުން ވާހަކަ ދެއްކީ އިނގިރޭސި ސަރުކާރާ. އެއީ އިކުއިޑިސްޓެންސް ގޮތަށް މަސައްކަތްކުރުމަށް. އޭގެ ފަހުން މޮރީޝަސް ސަރުކާރާ ވާހަކަ ދައްކާ މޮރީޝަސް ސަރުކާރުން ހުށައެޅި ހުށައެޅުމަށް އެއްބަސްވެފައިވޭ." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި 2017 މޮރީޝަސް ސަރުކާރުން ކުރަމުން އައި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އދއަށް ޤަރާރެއް ހުށައެޅިކަމަށާއި، އެޤަރާރުގައި ވަނީ ސިޔާދަތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސްއަކީ މޮރީޝަސްގެ ބާރު ހިނގާ ތަނެއްކަމަށާއި، ،އެތަނުގައި ތިބި މީހުން ގަދަބާރުން ބާލުވާފައިވާކަމަށެވެ.

އެހެންކަމުން އެތަނުގެ އަސްލު ވަޒަންވެރިން އެތަނަށް ގެނެސް ޗާގޯސް މޮރީޝަސްއާއި ހަވާލުކުރުމަށް އެ ގަރާރުގައި ބަޔާންކޮށްފައިވާކަމަށެވެ. އެ ގަރާރަށް ރާއްޖެއިން ވޯޓު ދިނީ ދެކޮޅަށްކަމަށާއި، އެ ވޯޓު އދ.ގައި ފާސްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ވޯޓު ރާއްޖެއާއި ދެކޮޅަށްފާސްވީ 95 ޤައުމުން ތާޢީުދކޮށް 15 ޤައުމުން ދެކޮޅު ހަދައިގެންނެވެ. އަދި 65 ޤައުމަކަށުން ވަކި ކޮޅަކަށް ވޯޓު ދީފައިނުވެއެވެ.

ޝާހިދު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފްކުރުމަށް އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ހުށައެޅުމުގެ ފުރުޞަތު އޭރުގެ ސަރުކާރަށް ލިބިވަޑައިގަތްނަމަވެސް، އެކަން ނުކުރައްވާ އެ ސަރުކާރުން ހަނު ހުންނެވީކަމަށެވެ. އެހެންކަމުން ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް ހަދަން ލިބުނު އެންމެފަހުގެ ފުރުޞަތު ގެއްލުވާލީ ރައީސް ޔާމީންގެ ސަރުކާރުންކަމަށް ޝާހިދު ވިދާޅުވިއެވެ.

"ރައީސް ޔާމީން ހިތުގެ އަޑިން ދައްކާ ވާހަކާގައި އިޚްލާސްތެރިކަމެއް އޮތްނަމަ އިންޓަރނޭޝަނަލް ކޯޓަށް ވަޑައިގަންނަވާނެ. ނަމަވެސް އެ އެއްވެސްކަމެއް ނުކުރައްވާ. އޭރުވެސް މިއީ ރާއްޖޭގެ ތަނެއްކަމަށް ޤަބޫލެއްނުކުރައްވާ. އޭރު އެ ފުރުޞަތު އެ ގެއްލުނީ." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މޮރީޝަސް ސަރުކާރަށް ފޮނުވިކަމަށް ބުނާ ސިޓީފުޅުވެސް ވިދާޅުވެދެއްވާފައެވެ. އެގޮތުން އެ ސިޓީފުޅުގައި އަލުން މިފަދަ ގަރާރެެއް އދ،މަޖިލީހަށް އައިސްފިނަމަ ދެކޮޅު ނުހަދާނެކަމަށް ވިދާޅުވެފައިވާނެކަމަށާއި އެއީ އިސްތިއުމާރީ ބާރަށް ރާއްޖެއިން އަބަދުވެސް ތާއީދުނުކުރާތީކަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް އިޓްލޮސްގެ ވޯޓެއް ލައިފިނަމަ އެކަމާއި އެއްވެސް ގުޅުމެއް ނޯންނާނެކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބައިނަލްއަޤްވާމީ ޤާނޫނުން ރާއްޖެއަށް ލިބިދޭ އެންމެ ބޮޑު ސަރަހައްދެއް ހޯދުމަށް ސަރުކާރުން މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމަށެވެ.