ވިޔަފާރި

އެގްރޯނެޓްގެ ޑިސްޓްރިބިއުޝަން ސެންޓަރުތައް ހިންގާނީ އަވިން އުފައްދާ ހަކަތައިން


އެގްރޯނެޓުން ރާއްޖޭގެ 9 ސަރަހައްދެއްގައި ޤާއިމްކުރާ ޑިސްޓްރިބިއުޝަން ސެންޓަރުތައް ހިންގާނީ އަވިން ހަކަތަ އުފައްދައިގެންކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

އެގްރޯނެޓްގެ ޑިސްޓްރިބިއުޝަން ސެންޓަރުތަކަކީ ތާޒާކަމާއެކު ކަސްޓަމަރުންނާއި ހަމައަށް ދަނޑުވެރިން ހައްދާ ތަކެތި ފޯރުކޮށްދިނުމަށްޓަކައި އެގްރޯނެޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ. ކޮންމެ ޑިސްޓްރިބިއުޝަން ސެންޓަރެއް ހުންނާނީ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއަކާއި، ޑްރައިޑް ސްޓޯރ ފެސިލިޓީއަކާއި އޮފީސް ބަޔަކާއި އެކުގައެވެ. މިހުރިހާ ކޯލްޑް ސްޓޯރޭޖަކުންވެސް މައިގަނޑު ގޮތެއްގައި އެ ސަރަހައްދެއްގެ ދަނޑުވެރިން އުފައްދާ ބާވަތްތައް ޑިސްޓްރިބިއުޓް ކުރުމުގެ މަސައްކަތްތައް ކުރާނެކަމަށް އެގްރޯނެޓުން ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެގްރޯނެޓްގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިން އަޙްމަދު ޒަކީ ވިދާޅުވީ، އެގްރޯނެޓުން ޤާއިމްކުރާ 9 ޑިސްޓްރިބިއުޝަން ސެންޓަރުގެ ތެރެއިން 4 ސެންޓަރެއް މިހާރު ނިމިފައިވާކަމަށެވެ. މި ޑިސްޓްރިބިއުޝަން ސެންޓަރުތަކަކީ ދުވާލުގެ ވަގުތުތަކުގައި އަވިން އުފައްދާ ހަކަތައިން ކަރަންޓު ބޭނުންކުރެވޭގޮތަށް ޢިމާރާތްކުރާ ތަންތަންކަމަށާއި، އެތަންތަނުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް ޒަކީ ވިދާޅުވިއެވެ. އަދި އެ ކުންފުނިން އަލަށް ތައާރަފްކުރާ ކޮމިއުނިޓީ ފާރމިން ޕްރޮޖެކްޓްގައިވެސް ބޭނުންކުރާނީ އަވިން ހަކަތަ އުފައްދައިގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަވިން ހަކަތަ ނުލިބޭ ރޭގަނޑުގެ ވަގުތުގައި ރަށުގެ ކަރަންޓް ބޭނުންކުރި ކަމުގައިވިއަސް މައިގަނޑު ގޮތެއްގައި ދުވާލު އެއްކޮށް އަދި އެހެން ވަގުތުތަކުގައިވެސް އަވިން ހަކަތަ އުފައްދައިގެން އެތަނަށް ބޭނުންވާ ކަރަންޓު ބޭނުންކުރުމަށް އިންތިޒާމް ކުރެވިފައި ވަނީ." އަޙްމަދު ޒަކީ ވިދާޅުވިއެވެ.

4 ޑިސްޓްރިބިއުޝަން ސެންޓަރު މިހާރު ނިމިފައިވީ ނަމަވެސް ބާކީކުރި ތަންތަންވެސް މިހާރު ހުރީ ނިމުމުގެ އެންމެ ފަހުގެ މަރުހަލާގައިކަމަށްވެސް އެގްރީނެޓުން ވިދާޅުވިއެވެ.

އެގްރޯނެޓުން ޑިސްޓްރިބިއުޝަން ސެންޓަރުތައް ޤާއިމްކުރާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ލ. ގަން، ނ. މަނަދޫ، ރ. ކިނޮޅަސް، ފ.މަގޫދޫ، ލ.އިސްދޫ، ލ.ކަލައިދޫ، ގއ.ނިލަންދޫ، ޏ.ފުވައްމުލައް، އަދި ސ.ހުޅުމީދޫއެވެ.