ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް 2011 ވަނަ އަހަރުން ފެށިގެން ޤަވާޢިދުން ދައުލަތަށް ޓެކްސް ދައްކަވަމުން ގެންދަވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.ސަރުކާރުން މިކަން ހާމަކުރެއްވީ، ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުޢާޒް ޢަލީ ކުރެއްވި ޓްވީޓެއްގައެވެ. ސަރުކާރުގެ ފަރާތްޕުޅުން މުޢާޒް މިކަން ހާމަކުރައްވާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ އޮފީހުގެ ޚަރަދުތަކަށް ކޮންމެ މަހަކުވެސް 50،000 ރުފިޔާ ސަރުކާރުން ދޭކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރައްވާފައި ވަނިކޮށެވެ.ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވީ، ރައީސް ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހީމް މިހާރުވެސް ހުށައަޅުއްވާ މާލީ ބަޔާނަށް ރިޔާޢަތްކުރައްވައި ޤަވާއިދުން ޓެކްސް ދައްކަމުން ގެންދަވާކަމަށެވެ.