ޚަބަރު

ބަޖެޓް ފާސްކުރުން ނޮވެމްބަރު 30ގައި


އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ ބަޖެޓް، މިފެށޭ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ފާސް ކުރުމަށް އަމާޒު ހިފައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތް މަޖިލީހުގެ ރައީސް ވަނީ ހިއްސާ ކުރައްވާފައެވެ.

ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުގައި ކުރާނީ މާލިއްޔަތު ކޮމެޓީއާއި، އިޤްތިޞާދީ ކޮމެޓީ ގުޅިގެން އުފައްދާ ޖޮއިންޓް ކޮމެޓީއަކުންނެވެ.

ބަޖެޓުގެ މަސައްކަތް ކުރިއަށްގެންދާނެ ޓައިމްލައިން

* ނޮވެމްބަރު 1-7އަށް ބަޖެޓް ދިރާސާކުރުން
* ނޮވެމްބަރު 8ގައި ބަޖެޓް ބަހުސް ތަޅުމުގައި ފެށުން
* ނޮވެމްބަރު 11-16އަށް ބަޖެޓް ކޮމެޓީގެ މަސައްކަތް ކުރިއަށް ގެންދިއުން
* ނޮވެމްބަރު 17ގައި ކޮމެޓީ ރިޕޯޓް މަޖިލިސް ރައީސާއި ހިއްސާކުރުން
* ނޮވެމްބަރު 17-20އަށް ބަޖެޓަށް އިސްލާހު ހުށަހެޅުމުގެ އެންމެ ފަހު މުދަތު
* ނޮވެމްބަރު 21-23އަށް އިސްލާހުތަކާއިއެކު ބަޖެޓް ރިޕޯޓަށް ބަހުސް ކުރިއަށް ގެންދިއުން
* ނޮވެމްބަރ 30ގައި މަޖިލީހުން ބަޖެޓް ފާސް ކުރުން

މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ވަނީ، އަންނަ އަހަރު ބަޖެޓް މަޖިލީހުން ފާސްކުރުމުގެ ކުރިން މެންބަރުން ބަޖެޓް މުޠާލިޔާ ކުރައްވާއިރު ރާއްޖޭގެ މާލީ ހާލަތަށާއި، ދަރަންޏާއި، އިޤްތިޞާދީ ހާލަތަށް ބެލުށްފަހު ބަޖެޓް މަޖިލީހުން ފާސްކޮށްދެއްވާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުންކަމަށެވެ. އަދި ޒަމާނުއްސުރެ ހައްލުނުވެ ހުރި އަސާސީ އެތައް މައްސަލައެއް ހައްލުކުރުމަށް މަގުފަހިކުރުމަށާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.