އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ސިއްހީ ދާއިރާގެ މަސައްކަތްތަކަށް 5 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.
އަންނަ އަހަރުގެ ބަޖެޓަކީ ސިއްހީ ދާއިރާއަށް ހާއްސަ އިސްކަމެއްދީގެން އެކުލަވާލާ ބަަޖެޓެއްކަން ރައީސް އޮފީހުން ވެސް މީގެ ކުރިން ހާމަކުރައްވާފައިވެއެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި އެ ދާއިރާއަށް ކަނޑައަޅާފައިވާ 5 ބިލިއަން ރުފިޔާގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 4.1 ބިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 891 މިލިއަން ރުފިޔާއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ސިއްހީ ދާއިރާއަށް ވެފައިވާ އެންމެ ބޮޑު ވައުދުތަކުގެ ތެރޭގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ހިމެނެއެވެ. މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރ އަމީރު ވަނީ ސަރުކާރުން ސިއްހީ ދާއިރާއަށް ސަމާލުކަން ދީގެން މިދިޔަ ހަތަރު އަހަރު ތެރޭގައި ކުރަމުން އައި މަސައްކަތްތަކާއި، އަންނަ އަހަރަށް ރާވާފައިވާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސަރައަށް އެކަނި 2.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"އަތޮޅުތެރޭގައި 24 ގަޑިއިރު ޚިދުމަތްދޭ ސިއްހީ މަރުކަޒުތަކަށް ބަޖެޓުވާނީ އިތުރުކޮށްދީފައި. ހަމަ އެހެންމެ، ސިއްހީ ޚިދުމަތްތެރިންގެ އަދަދު އިތުރުކުރުމަށް 40.3 މިލިއަން ރުފިޔާ ވާނީ ބަޖެޓްކުރެވިފަ. މި ސަރުކާރުގެ ވިސްނުމަކީ ޖުމުލަ ގޮތެއްގައި މިދާއިރާއަށް ކުރާ ހޭދަ އިގުތިސާދީ ހާލަތު ތަންދޭ މިންވަރަކުން އިތުރުކުރަމުން ދިއުން" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
ސިއްޙީ ދާއިރާގެ ޢުމްރާނީ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ މިނިސްޓަރ އަމީރު ވިދާޅުވީ ސިއްހީ ހިދުމަތްތައް ލާމަރުކަޒުކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމްކުރުމެވެ.
މިނިސްޓަރ އަމީރު ވިދާޅުވިގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވީއްސުރެއް މި މަސައްކަތް ފަށައި މިހާރު ވެސް އެ ހޮސްޕިޓަލްތަކުގެ ބޮޑުބައި ވަނީ ތަރައްގީކޮށް ނިމިފައެވެ. އެ ހޮސްޕިޓަލްތަކުގެ ބާކީ މަސައްކަތްތައް ނިންމުމަށް އަންނަ އަހަރުގެ ބަޖެޓުގައި 73 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
"ޓާޝަރީ ފެންވަރަށް ތަރައްޤީކުރެވޭ 5 ހޮސްޕިޓަލުގެ ބަޖެޓު 2018 ވަނަ އަހަރާ އަޅައިބަލާއިރު، 3 ގުނަ އަންނަ އަހަރު ބޮޑުވާނެ. އެއާއެކު، ޚިދުމަތްތަކުގެ އަދަދާއި ފެންވަރުވެސް ރަނގަޅުވާނެ." ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެ އާންމުކޮށް މިހާރު ފެންނަ ބަލިތަކުގެ ތެރޭގައި ކެންސަރު ހިމެނޭ އިރު، މިކަމަށް ހާއްސަ ފަރުވާއެއް ރާއްޖެއިން ލިބޭކަށް ނެތެވެ. އެކަން ހައްލުކުރުމަށް ސަރުކާރުން ލ. ގަމުގައި ކެންސަރ ހޮސްޕިޓަލެއްގެ ތަރައްޤިކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ހޮސްޕިޓަލްގެ މަސައްކަތްތައް ނިންމުމަށް 54 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެއެވެ.
މިނިސްޓަރ އަމީރު ވިދާޅުވިގޮތުގައި ރައްޔިތުންނާ އެންމެ ގާތުން ސިއްހީ ހިދުމަތް ލިބޭނެކަން ކަށަވަރުކުރުމުގެ ގޮތުން، 132 ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމަށްވެސް 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ސިއްޙީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްޤީ ގެނައުމާއި، ވަސީލަތްތައް މުއްސަނދިކޮށް ޚިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅުކުރުން ހިމެނޭ އިރު މި މަސައްކަތަށް އެކަނި ވެސް 551 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ.
"ރާއްޖޭގެ ގިނަ ރަށްތަކަށް ޒަމާނީ އެމްބިއުލަންސް މިސަރުކާރުން ވަނީ ފޯރުކޮށްދީފައި. މީގެއިތުރުން، ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޚާއްސަ ސެންޓަރެއް މިހާރު މިވަނީ ގާއިމްކުރެވިފައި. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވެސް މިފަދަ ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާނެ" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
މީގެ އިތުރަށް މުޅި ރާއްޖޭގެ ހޮސްޕިޓަލްތައް ހިންގުމަށް ހިނގާ ހަރަދުގެ ގޮތުން ބަޖެޓުގައި 418 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
މިނިސްޓަރ އަމީރު ވިދާޅުވިގޮތުގައި ސަރުކާރުން މިހާރު ވެސް އެންމެ ބޮޑު ހޭދައެއް ކުރަމުން އަންނަ އެއް ދާއިރާއަކީ އާސަންދަ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ސިއްހީ ހިދުމަތް ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކެވެ. އެގޮތުން 2023 ވަނަ އަހަރަށް މި ސްކީމަށް 1 ބިލިއަން ރުފިޔާ ބަޖެޓު ގައި ކަނޑައަޅާފައިވާކަން މިނިސްޓަރ ހާމަކުރެއްވިއެވެ.
"މި ނިޒާމުގެ ތެރޭގައި އިސްރާފުވުމަށް ހުރި ދޮރުތައް ބަންދުކޮށް ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަން ހިމަނާފައިވާ ބަޖެޓެއް. މިގޮތުން، ނިޒާމުގެ ތެރެއިން ބޭސް ކަވަރ ކުރާ އަގު ނުވަތަ އާސަންދައިގެ ބޭސްލައިން އަގުތައް ބާޒާރުގެ އަގުތަކާ ޚިދުމަތް ދިނުމުގައި ހިނގާ ޚަރަދުތަކަށް ރިޢާޔަތްކޮށް މުރާޖައާ ކުރެވޭނެ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ބޭހާއި މެޑިކަލް ކޮންސިއުމަބަލް ގެ އަގުތައް އެކަށީގެންވާ މިންވަރަކަށް ތިރިކުރުމަށް ބަލްކް ޕްރޮކިއުމަންޓް ތަންފީޒުކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދެވޭނެކަމަށެވެ. އެގޮތުން އެކަމަށް ބަޖެޓުން 995 މިލިރަން ރުފިޔާ ހާއްސަކޮށްފައިވެއެވެ.