ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައާއި، އެނޫންވެސް ޚާރިޖީ މައްސަލަތަކުގައިވެސް ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނެ އެއްވެސް ނިންމުމެއް ނިންމާފައިނުވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނުމަށް ނިންމާފައިވާކަމަށް ދެކެވޭ ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިވަނީ ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ ސަރަަހައްދު ފުށުއަރާ މައްސަލައަށް ހައްލެއް ނުހޯދޭތާ ވަރަށް ގިނަ ދުވަސްވެއްޖެކަމަށެވެ. އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި، ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ފުށުއަރާ މައްސަލަ ހައްލުކުރުމުގެ ގޮތުން މީގެ 30 އަހަރު ކުރިން 1992 ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ މަޝްވަރާކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މައްސަލައަށް ހައްލެއް ހޯދުމަށް އިނގިރޭސިވިލާތާއެކު 1992 ވަނަ އަހަރު މަޝްވަރާކޮށް އެއްބަސްވެފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
އޭރު އެ މަޝްވަރާތަކުގައި ދިވެހި ސަރުކާރާ އެކު އެއްބެސްވެފައިވަނީ ކަނޑުގެ ފުށުއަރާ ސަރަހައްދު ދެޤައުމަށް ހަމަހަމަވާގޮތަށް ބެހުމަށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭގެ ފަހުން 2011 ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރާއެކުވެސް ކަނޑުގެ ފުށުއަރާ މައްސަލަ ޙައްލުކުރުމަށް މަޝްވަރާކުރައްވާފައިވާކަަމަށެވެ.
ރައީސް ވިދާޅުވީ މި މައްސަލާގައި މިސަރުކާރުންވެސް ދަމަހައްޓަމުން ދަނީ އެންމެ ކުރިންފެށިގެން ދިވެހި ދައުލަތުން ހިފަހައްޓާ މަސްލަހަތުކަމަށެވެ. ރައީސް ވަނީ އެކި ސަރުކާރުތަކުން އެކި ފަރާތްތަކާއެކު މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރެއްވިކަން ފާހަގަކުރައްވާފައެވެ. މި މައްސަލާގައި ސިޔާސީ މަޤްޞަދެއް ހާސިލްކުރުމަށް ދޮގު ވާހަކަ ދައްކައިގެން ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކުރުމަކީ ވަރަށް ހިތާމަކުރައްވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
"މި މައްސަލާގައި އެކި ސަރުކާރުތަކުން އެކި ފަރާތްތަކާ ވާހަކަ ދައްކާފައިވޭ. އެއްބަޔަކު އިނގިރޭސިވިލާތާއެކީ. އަނެއް ބަޔަކު މޮރިޝަސްއާއެކީ. ޗާގޯސްގައި ދިވެހިރާއްޖެއާ ފުށުއަރާ މައްސަލަ ހައްލުކުރުމަށް. އަޅުގަނޑުމެން މި މައްސަލާގައި މަސައްކަތް ކުރަމުން މި އަންނަނީ ބައިނަލްއަޤްވާމީ ޓްރައިބިއުނަލްގައި. ވަކި ސަރުކާރަކާއެކުއެއް ނޫން މި ވާހަކަ މިދައްކަނީއެއް. މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށައަޅާފައިވާ މައްސަލައަކަށް އަޅުގަނޑުމެން މިއަންނަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު އިސްކުރަމުން. ނަމަވެސް މިކަމުގައިވެސް ވަކި މީހެއްގެ އަމިއްލަ ބޭނުމަށް ނޫނިއްޔާ ވަކި ބައެއްގެ އަމިއްލަ ބޭނުމަށް ނުވަތަ ސިޔާސީ މަޤްޞަދެއް ހާސިލްކުރުމަށް އަދި ކަމުގެ ހަގީގަތް އެނގިތިބެ ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރަމުން ދިއުމަކީ ވަރަށް ދެރަ މައްސަލައެއް."ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ސަރަހައްދަކީ ކޮބައިކަން ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކުރާކަމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އެހެން ޤައުމެއްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާނަމަ ޢަމަލުކުރާނެ ގޮތް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާކަަމަށެވެ.
" ޗާގޯސް މައްސަލާގައާއި، ޚާރިޖީ ދާއިރާގެ އެނޫންވެސް މައްސަލަތަކުގައިވެސް ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭފަދަ ނިންމުމެއް މި ސަރުކާރަކުން މިހާތަނަށްވެސް ނިންމާފައެއް ނޯންނާނެ. އަދި ދެންވެސް އެފަދަ ގެއްލުމަކަށް މިސަރުކާރުން ޖާގައެއް ނުދޭނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މައްސަލާގައިވެސް ކާމިޔާބާއި ނަސްރު ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއާއި ޗާގޮސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި ރާއްޖެއިން އަދިވެސް މަސައްކަތްކުރަމުން އަންނަނީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތަށްކަމަށާއި، އެގޮތުން މިހާރު ކުރަމުންދާ މަޝްވަރާތަކުގެ ޒަރިއްޔާއިން ކަނޑުގެ ސަރަހައްދު ބައިކުރާއިރު ކުރިން ރާއްޖެއަށް ލިބުމަށް އެއްބަސްވީ ސަރަހައްދު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.