ދުނިޔެ

ކޮލަންބިޔާގައި ޒިކާ ވައިރަސްގެ އަސަރު ކަންބޮޑުވާ ހާލަތެއްގައި


ޒިކާ ވައިރަސް ޖެހިފައިވާ، ފަސްހާހަށްވުރެ ގިނަ މާބަނޑު އަންހެނުން ކޮލަންބިޔާގައި އެބަތިބިކަމަށް އެޤައުމުން ހާމަކޮށްފިއެވެ.ކޮލަންބިޔާގެ ޞިއްޙަތާބެހޭ ދާއިރާތަކުން ބުނީ އެޤައުމުގައި އެއްތިރީސް ހާހަށްވުރެ ގިނަ މީހުންނަށް ޒިކާ ވައިރަސް ޖެހިފައިވާއިރު އޭގެތެރޭގައި ފަސްހާހަށްވުރެ ގިނަ ޢަދަދަކަށް މާބަނޑު އަންހެނުން ހިމެނޭކަމަށެވެ. ޒިކާ ވައިރަސް އެންމެ ބޮޑަށް ފެތުރެމުން ދާ ޤައުމުތަކުގެ ތެރޭގައި ކޮލަންބިޔާއާއި  ބްރެޒިލް ފަދަ ލެޓިން އެމެރިކާގެ ޤައުމުތައް ހިމެނެއެވެ.މިވައިރަސްޖެހޭ މާބަނޑު އަންހެނުން ވިހާ ކުދިންގެ ސިކުނޑީގެ ބައެއް ޓީޝޫތައް ހަލާކުވެ ބޮލުގެ ނާށިގަނޑު އައިބުވާކަމަށް ޞިއްހަތާބެހޭ ތަޖްރިބާކާރުން ވިދާޅުވާއިރު ބްރެޒިލް ފަދަ ބައެއް ޤައުމުތަކުގައި އަލަށް އުފަންވާ ތުއްތުކުދިންގެ ތެރެއިން ގިނައަދަދެއްގެ ކުދިންނަށް މިބަލި ޖެހިފައިވާކަން އެޤައުމުތަކުން ވަނީ ހާމަކޮށްފައެވެ.