ތަޢުލީމު

ބީޓެކް އޭލެވެލް- ދަރިވަރުންގެ ކުރިއެރުމަށް މުހިންމު ޕްރޮގްރާމެއް


މިއަހަރު ރާއްޖޭގެ ސްކޫލްތަކުގައި ފެށްޓެވުމަށް ހަމަޖެހިފައިވާ ބީޓެކް އޭލެވެލް ޕްރޮގްރާމް ބައްޓަންކޮށްފައިވާނީ، ވީހާވެސް ބޮޑަށް ދަރިވަރުން އެދޭ ދާއިރާތަކަކުން ޕްރޮގްރާމްތައް ފުރިހަމަކުރެއްވުމަށް އިސްކަންދެއްވައިގެންކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެއެވެ.މިދިޔަ ހަފްތާގައި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވަނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ބީޓެކް އޭލެވެލްއަށް ކިޔަވައިދެއްވުމަށް ހަމަޖެހިފައިވާކަން އިޢުލާންކުރައްވާފައެވެ.ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، ބީޓެކް އޭލެވެލް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ޖީސީއީއޭލެވެލް ހަދަން ބޭނުންވާ ކުދިންގެ އިތުރަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށްވެސްއެފުރުސަތު ހޯއްދައިދެއްވުން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މި ކޯސްތަކުގެ ސަބަބުން ދަރިވަރުންނަށް މަސައްކަތުގެ މާޙައުލަށް ނިކުންނައިރު އެދަރިވަރުންނަށް ބޭނުންވާ މަސައްކަތުގެ ތަމްރީނާއި ހުނަރާއި، އަޚްލާޤް އަދި މީހުންނާ ގުޅިގެން މަސައްކަތް ކުރުމާއި، މަސައްކަތުގެ މާޙައުލުގައި ކަންކަން ކުރާނެގޮތް ދަސްވެގެން ދާނެ ކަމަށެވެ. އެގޮތުން މިއަހަރު ތަފާތު ގިނަ ދާއިރާތަކުން ބީޓެކް އޭލެވެލް ފެއްޓެވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ރާއްޖޭގެ ސްކޫލްތަކުގައި މިހާރުވެސް ބީޓެކް އޯލެވެލްއަށް ކިޔަވައިދެއްވަމުންދާއިރު، ބީޓެކް އޭލެވެލް މިދިޔަ އަހަރު ވަނީ އައްޑޫ ސިޓީގައި ފަށާފައެވެ. އަދި މާލޭގެ ސްކޫލްތަކާއި ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގައި ބީޓެކް އޭލެވެލްއަށް ކިޔަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.ތަޢުލީމީ ދާއިރާގެ އެންމެ ކުއްޖަކުވެސް ބާކީނުކުރުމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ތައުލީމީ ނިޒާމުގެތެރެއަށް މަސައްކަތުގެ އިލްމާއި ހުނަރު ތައާރަފްވެގެންދިއުމަކީ، އޭގެ މަންފާ ދަރިވަރުންނަށް ލިބި ތަޢުލިމީ ދާއިރާއަށް ލިބިގެންދިޔަ ކާމިޔާބީއެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ދެކެވަޑައިގަންނަވައެވެ. ރާއްޖޭގެ ސްކޫލްތަކުގެ ތަޢުލީމުގެ ތެރެއަށް ބީޓެކްގެ ކޯސްތައް ތައާރަފްކުރައްވާފައިވަނީ 2014 ވަނަ އަހަރުގައެވެ.