ޚަބަރު

ޓެކްސް ބޮޑު ކުރުމާއިމެދު މެމްބަރުންގެ ޚިޔާލު ތަފާތު


ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލުގެ ކޮމެޓީ މަރުހަލާގެ މަސައްކަތް ފަށައިފިއެވެ. މިބިލު ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދަނީ މުޅި މަޖިލީހުގެ ކޮމެޓީންނެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. ޝިފާއު ހުށައެޅުއްވި އިސްލާހުގައި ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ. މި އިޞްލާހު ހުށައެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.

މިއިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމަށްކަމަށް ކަމަށް މެންބަރު ޝިފާޢު ވިދާޅުވިއެވެ.

ޝިފާޢު ވިދާޅުވީ، ބިލާއިމެދު މެމްބަރުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ސަރުކާރުން މިފަދަ އިސްލާހެއް ހުށަހެޅުއްވި ސަބަބާއި، މިބަދަލާއިއެކު ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ އަސަރު ދެނެގަތުމަކީ މުހިންމުކަމެއްކަމަށް ދެކެވަޑައި ގަންނަވާކަމަށެވެ. ޝިފާޢު ވަނީ ބިލުގެ މަސައްކަތް ކުރުމަށް މުޅި މަޖިލިސް ކޮމެޓީން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި، އިޤްތިޞާދީ ކޮމެޓީ ހިމެނޭހެން ސަބް ކޮމެޓީއެއް ނަގައިގެން މަސައްކަތް ކުރުމަށް ހުށަހަޅުއްވާފައެވެ.

މި ބިލާއިމެދު ކޮމެޓީގައި ވާހަކަފުޅު ދެއްކެވި ގިނަ މެމްބަރުންވަނީ މިބިލު މަޖިލީހުން ފާސް ކުރުމުގެ ކުރިން ކަމާއި ގުޅުންހުރި އިދާރާތަކާއި، އެކިއެކި ސިނާއްތަތަކުގެ ޚިޔާލުވެސް ހޯދުމަކީ މުހިންމު ކަމެއްކަމުގައި ވިދާޅުވެފައެވެ.

ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމާއިއެކު ރާއްޖޭގެ އިޤްތިސާދަށް އަންނަމުންދާ ބަދަލުތައް ރައްޔިތުންނަށް އެނގުމަކީ މުހިންމު ކަމެއްކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ. އަދި ޚާއްސަކޮށް މިފަދަ ދަނޑިވަޅެއްގައި ޓެކްސް ބޮޑުކުރާއިރު ރައްޔިތުންނަށް އެކަމުން ކުރާ އަސަރުތައް ސާފުކޮށް ދިނުމަކީވެސް މުހިންމު ކަމެއްކަމަށް މެމްބަރުން ވަނީ ފާހަގަ ކުރައްވާފައެވެ.

ޖީއެސްޓީ އަދި ޓީޖީއެސްޓީއަށް ގެންނަ ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ އިތުރުވެގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާ ކުރެއެވެ.