ބ. އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗުު ފަސޭހަކަމާއެކު ވެލާ ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފިއެވެ.
މި މެޗް އެޓީމުން ކާމިޔާބުކުރީ އިރުމަތީ އެފްސީއާ ބައްދަލުކޮށް 5-1 ގެ ނަތީޖާއަކުންނެވެ.
މެޗްގެ ފުރަތަމަ ލަނޑު އެޓީމުން ޖެހީ 2 ވަނަ މިނެޓްގައެވެ. އެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާޙިމް ޝަރީފް (ލުއްޑަ) އެވެ. އޭގެ ދެ މިނެޓް ފަހުން އެޓީމްގެ ލީޑް ފުޅާކުރިއެވެ. އެލަނޑު އެޓީމަށް ޖަހައިދިނީ ޒުވާން ކުޅުން ތެރިޔާ މުހައްމަދު ޝުއާއުއެވެ. މެޗްގެ ތިންވަނަ ލަނޑު އެޓީމަށް ޖަހައިދިނީ މެޗްގެ 13 ވަނަ މިނެޓްގައި ސާހީ މޫސާ (ހިތޭ)އެވެ.
ފުރަތަމަ ހާފްގައި ގިނަވަގުތު ބޯޅަގެންގުޅެ ނުރައްކާތެރި ހަމަލާތަކެއް ވެލާ ސްޕޯޓްސް ކްލަބުންވަނީ އިރުމަތީ އެފްސީގެ ގޯލަށް ފޮނުވާލާފައެވެ.
ދެވަނަ ހާފް ފެށިގެން އިރުމަތީ އެފްސީއިން ކުޅުން ރަގަޅުކޮށް މެޗްގެ 49 ވަނަ މިނެޓްގައި އެޓީމުން ލަނޑެއްޖަހާ ލީޑް ހަނިކުރިއެވެ. އެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޒައީމް އެވެ. މި ލަނޑާއެކު ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް އެޓީމުން ތަންވަސް ކުރިއެވެ.
ވެލާ ސްޕޯޓްސްގެ ހަތަރު ވަނަ ލަނޑުޖެހީ މެޗްގެ 82 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް އަބްދުލް މަޖީދު (މަޖިއްޓޭ) އެވެ. މެޗްގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 19 އަހަރުން ދަށުގެ ކުޅުންތެރިއެއްގެ ގޮތުގައި ކުޅެމުން އައި ޖައުސަން އަބްދުﷲ އެވެ.
މި މުބާރާތް ރާވާފައި އޮތްގޮތުން އުމުރުން 19 އަހަރުން ދަށުގެ ކޮންމެވެސް އެއްކުޅުންތެރިއަކު އަބަދުވެސް ދަނޑުމަތީގައި ހުންނަ ޖެހެއެވެ. މީ ޒުވާން ކުޅުންތެރިން އުފައްދާ އެކުޅުންތެރިންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައިކަމަށް މި މުބާރާތް ހިންގާ ކްލަބް އޭދަފުށިން މައުލޫމާތުދެއެވެ.
މި މުބާރާތުގެ ފުރަތަމަ މެޗްގައި ހުސްސޮނގުން މޮޅުވީ ކައްކަނީ އެފްސީ އާ ވާދަކޮށް 2-1 ންނެވެ. މިއަދުވެސް މި މުބާރާތުގެ މެޗެއް އޮންނާނެއެވެ. ބައްދަލުކުރާނީ ޔޫވީ އާއި ހުސް ސޮނގުންނެވެ.
މި މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްދާނީ ލީގު އުސޫލުންނެވެ. އެއަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ފައިނަލުގެ ދަވަނަ ޖާގަ ލިބޭނީ އެންމެގިނަ ޕޮއިންޓް ހޯދާ ދެވަނަ އަދި ތިންވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކަށެވެ.
އޭދަފުށީ ޓާފް ދަނޑުގައި ކުޅޭ މި މުބާރާތުގައި މިއަހަރުވެސް އޭދަފުށީގެ ފަސް ޓީމު ވާދަކުރެއެވެ. މީ އެރަށު ކައުންސިލުން ބާއްވާ ދެވަނަ ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯ އެވެ.