ލ. ފޮނަދޫގައި މުޅިން
އަލަށް އަޅާ 500 މީހުންގެ ޖާގައިގެ މިސްކިތް ޢިމާރާތްކުރުމަށް ބަޔަކާއި
ހަވާލުކުރައްވައިފިއެވެ.
މިސްކިތު ފަންޑުން 9
މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޢިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް މާދަމާ
ފެށުމަށް ހަމަޖެހިފައިވާއިރު މި މަސައްކަތް ހަވާލުކުރައްވާފައިވަނީ އަމީން
ކޮންސްޓްރަކްޝަނާއެވެ.
ފޮނަދޫގައި އަލަށް
އަޅާ މި މިސްކިތް ޢިމާރާތްކުރުމަށް ބަޔަކާއި ހަވާލުކުރެއްވުގެ އެއްބަސްވުމުގައި
ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑޮކްޓަރ ޒިޔާދު
ބާޤިރު ވިދާޅުވީ މި މިސްކިތަކީ، ލ.ގާދޫ އިން ފޮނަދޫ އަށް ބަދަލުވިމީހުން ތިބޭ
ސަރަޙައްދުގައި މިސްކިތެއް ނެތުމުން އެފަރާތްތަކަށް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ
ގޮތުން ޢިމާރާތްކުރައްވާ މިސްކިތެއްކަމަށެވެ. އަދި މި މިސްކިތް މިއަހަރު ރޯދަމަހު
ބޭނުންކުރަން ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި
ވާހަކަދައްކަވަމުން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ މިމަޝްރޫޢަކީ
މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާ މަޝްރޫޢެއް ނޫންކަމަށެވެ. އެހެންނަމަވެސް މި
މަޝްރޫއުއަށް ހިންގާ ހަރަދުގެ އެއްބައި މިސްކިތު ފަނޑުންދެއްވާއިރު އަނެބަޔަށްވާ
ފައިސާ އަންނަ އަހަރުގެ ބަޖެޓުން މަސައްކަތް ހަވާލުކުރި ފަރާތަށް ދޭގޮތަށް
އެއްބަސްވެފައިވާކަމަށް އެނާ ވިދާޅުވިއެވެ.
ފޮނަދޫގައި އަލަށް
ޢިމާރާތްކުރާ މިސްކިތުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް
މިނިސްޓަރ ޑޮކްޓަރ ޒިޔާދު ބާޤިރު އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން
އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުޙައްމަދުއެވެ.
އެއްފަސްކުރުމުގެ
ސިޔާސަތުގެ ދަށުން މިދިޔަ މަހުގެތެރޭގައި ލ.ގާދޫގައި ދިރިއުޅެމުން ދިޔަ 108 އާއިލާގެ މީހުން ވަނީ ފޮނަދޫ އަށް ބަދަލުކޮށްފައެވެ.